ads
ފިއްލަދޫ ދައްޕަރު
ދައްޕަރު މައްސަލާގައި ފިއްލަދޫކައުންސިލާ މަޝްވަރާ ކޮށްފައެއް ނުވޭ: ފިއްލަދޫ ކައުންސިލް
ހއ.ފިއްލަދޫ އާ ގުޅިފައިވާ ދައްޕަރާ ބެހޭ ގޮތުން މީގެ ކުރިން ސަރުކާރުން އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށާއި، އެހެންނަމަވެސް މިދިއަ ހޯމަދުވަހުންފެށިގެން ސަރުކާރުން އެރަށު ކައުންސިލާއެކު މަޝްވަރާ ކުރަމުންގެންދާކަމަށް ހއ.ފިއްލަދޫ ކައުންސިލުން ބުނެފިއެވެ.

ފިއްލަދޫ ކައުންސިލްގެ މެންބަރު މުހައްމަދު ރަޒީފް ސީއެންއެމް އަށް ވިދާޅުވީ، ދައްޕަރަކީ ފިއްލަދޫގެ އެއްބައިކަމަށާއި އެރަށް، ސަރުކާރުން ފިއްލަދޫގެ އިހްތިސާސުން ނަގާފައިވަނީ އެއްވެސް މަޝްވަރާއެއް ނެތި ކަމަށެވެ.

"ސަރުކާރުގެ އެކި ލެވެލްތަކުގައި އެރަށުގައި ހިންގަން ރާވާ ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކާ ކަމަށްވޭ . އެކަމަކު މިކައުންސިލަށް މިހާތަނަށް އެނގިފައެއް ނުވޭ" ރަޒީފް ވިދާޅުވިއެވެ.

ސަރުކާރުން އިއްޔެ ބުނީ ދައްޕަރު ތަރައްގީކުރަން ގަސްދުކުރަނީ ރިއަލް އެސްޓޭޓް ޓޫރިޒަމަށް ކަމަށާާއި އެހެން ނަމަވެސް އެ ރަށާއި މެދު ގޮތް ނިންމާނީ ފިއްލަދޫ ކައުންސިލާ މަޝްވަރާކޮށްގެން ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

18މާރޗް 2020 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ގެޒެޓްކޮށް އާއްމުކޮށްފައިވާ އިދާރީ ދާއިރާގެ އިޚްތިޞާޞް ހިމެނޭ ސަރަޙައްދު ކަނޑައެޅުމުގެ ޗާޓުގައި ފިއްލަދޫ ދައްޕަރަކީ ހއ.ފިއްލަދޫ އިޚްތިޞާޞްތެރޭގައި ހިމެނޭ ފިއްލަދޫގެ ބައެކެވެ. ނަމަވެސް، ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރެއްގައި ވަނީ އަނެއްކާ ވެސް ދައްޕަރު ފިއްލަދޫގެ އިހްތިސާސުން ވަކި ކުރައްވައިފަ އެވެ. އެއީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށްތަކުގެ އިހްތިސާސް ކަނޑައެޅުމަށް ރައީސަށް އޮންނަ ބާރުގެ ދަށުން ނިންމެވި ނިންމެވުމެކެވެ.

ދައްޕަރު މައްސަލާގައި މިދިއަ އަންގާރަ ދުވަހު ކައުންސިލުން ވަނީ ނޫސްބަޔާނެއްވެސް ނެރެފައެވެ. އެބަޔާނުގައި ކައުންސިލުން ބުނެފައިވަނީ 29 އޮގަސްޓް 2021 ވަނަދުވަހު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ގެޒެޓްކޮށް އާއްމުކޮށްފައިވާ ނަންބަރު 2021/5 ގަރާރުގައި ރައީސުލް ޖުމްހޫރިއްޔާއަށް ގާނޫނުން ލިބިދީފައިވާ ބާރުގެ ދަށުން، އިދާރީ ދާއިރާގެ އިޚްތިޞާޞްއިން ފިއްލަދޫދައްޕަރު، ހއ.ފިއްލަދޫގެ އިޚްތިޞާޞްއިން ވަކިކޮށްފައިވާތީ، އެކަމާއިގުޅިގެން ރައްޔިތުންގެ ޝަކުވާތަކާއި ނުތަނަވަސްކަން މިކައުންސިލްއާއި ހިއްޞާކުރަމުންދާތީ އާއި ފިއްލަދޫ އުތުރުބަޔަކީ މިކައުންސިލްގެ މުދާ ހުރިތަނަކަށްވެފައި، ރައްޔިތުންނަށް ޖަވާބުދާރީވުމަކީ މިކައުންސިލުން ކުރަންޖެހޭނެކަމެއް ކަމުގައިވާތީ، މިކައުންސިލުގެ މަޝްވަރާއެއްނެތި "ފިއްލަދޫދައްޕަރު" ފިއްލަދޫގެ އިޚްތިޞާޞްއިން ވަކިކުރިކުރުން، ހިނގާދިޔަގޮތް އޮޅުންފިލުވުމަށްޓަކައި ކައުންސިލްގެ ފަރާތުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއި، މިކަމާއި ގުޅުންހުރި އެންމެހައި މުއައްސަސާތަކުން މަޢުލޫމާތު ސާފުކުރަމުން ގެންދާނެ ކަމަށެވެ.

ޤާނޫނު ނަންބަރު 7/2010، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ އަސާސްތައް ނެގެހެއްޓުމަށް ކައުންސިލަށް ލާޒިމްކުރާ ރައްޔިތުންގެ މަޝްވަރާއާއި ޙިޔާލް އަދި ރައްޔިތުންނާއި ގާތުން ކަންކަން ހިއްޞާކުރުމަށް ކައުންސިލްތަކަށް މަތިކޮށްފައިވާ ޤާނޫނީ ވާޖިބު މި ކައުންސިލުން، ރައްޔިތުންގެ ޙައްޤުގައި ފުރިހަމަޔަށް އަދާކުރާނެ ކަމުގައިވެސް އެކައުންސިލުން ބުނެއެވެ.

"އަދި، ފިއްލަދޫ އުތުރު (ދައްޕަރު) ބަޔަކީ ފިއްލަދޫ އާއި އެއްބިމުން ގުޅިފައިވާ އެއްފަޅެއް އޮތް މިހާރު ފިއްލަދޫގައި ދިރިއުޅޭ ރައްޔިތުންނާއި، ފިއްލަދޫގެ ތާރީޚާއި ވަރަށް ބޮޑަށް ގުޅިފައިވާ ސަރަހައްދެއްކަން ފާހަގަކުރަމެވެ. ފިއްލަދޫ އުތުރުބަޔަކީ ފިއްލަދޫގެ ކާބަފައިން އެންމެފުރަތަމަ ދިރިއުޅުނު ބައިކަމުގައި ތާރީޚް ބުނުމާއި، މިހާރުވެސް އެސަރަހައްދުގައި ފެންނަން އޮތް ޤަބުރުސްތާނުން އެކަމަށް ހެކިދޭއިރު، އެސަރަހައްދުގައި ކޮންމެ މަޝްރޫޢުއެއް ހިންގިކަމުގައި ވިޔަސް އާސާރުތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި، ތާރީޚާއި ތަރިކަ ހިމާޔަތް ކުރުމަކީ މިކައުންސިލުން ކޮންމެހެން ކުރަންޖެހޭނެ ކައުންސިލްގެ މައްޗަށް ޤާނޫނު ލާޒިމްކުރާ ކަމެއްގެ ގޮތުގައި މިކައުންސިލުން ދެކެމެވެ. 1960މގެ ދުވަސްވަރު ވުޒާރަތުލް މާލިއްޔާގެ ދަށުން ހއ. ފިއްލަދޫ ދައްޕަރާއި އެކު ހއ. އަތޮޅުން ވަރުވާއަށް ލިޔެދެއްވާފައިވާ، ކެލާ ތުނޑިއާއި ބާރަށުމާކޮޅު، އުލިގަމުކުޑަދޫ އަދިކޮށިކޮޅު ފަދަ ތަންތަން، 1974 ގެ ފަހު ކޮޅު، އެރަށަކާއި އެއްފަސްކޮށްހުރިތަންތަން އެރަށެއްގެ ރައްޔިތުންނަށް ދައުލަތުންދެއްވި އިރު ފިއްލަދޫ ދައްޕަރުވެސް ފިއްލަދޫ ރައްޔިތުންނަށް ދެއްވާފައިވާކަން ފާހަގަކުރަމެވެ. ދެންނެވުނު ރަށްރަށުގެ ބިންތައް މިއަދު އެރަށްރަށުގެ އިޙްތިޞާޞްގައި ހިމެނިފައިވާފަދައިން، ފިއްލަދޫ އުތުރުބައި (ދައްޕަރު)އާއި ފިއްލަދޫ ހުރާގަނޑު ފިއްލަދޫގެ އިޚްތިޞާޞްގައި ހިމަނައިދިނުމަށް މިކައުންސިލުން ގޮވާލަމެވެ. އަދި ފިއްލަދޫ ދެކުނާއި އުތުރުބައި ފިއްލަދޫގެ އިޚްތިޞާޞްގައި އޮވެގެން ތަރައްޤީކުރުމަށް، ޤާނޫނީ އެއްވެސް ހުރަހެއް މިއަދު އޮތްކަމަކަށް މިކައުންސިލުން ނުދެކެމެވެ." ކައުންސިލގެ ބަޔާނުގައި ވެއެވެ.

ރިސޯޓު ހެދުމަށް 18 ޑިސެމްބަރު 2019 ގައި އިއުލާނު ކުރި  29 ރަށުގެ ތެރޭގައިވެސް ދައްޕަރު، ސަރުކާރުން ވަނީ ހިމަނާފައެވެ. އޭރު ޓޫރިޒަމް މިނިސްޓަރަކީ އަލީ ވަހީދުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް