ads
ސީއެމްބިއުލާންސް
ސީއެމްބިއުލާންސް އައުން ލަސްވުމުގެ މައްސަލައެއް ހައްލެއް!
ސީއެމްބިއުލާންސް ލިބެންނެތް ހާލަތުގައި ކަނޑުމަގުން އެމަޖެންސީކޮށް އދ. އަތޮޅުގެ އެއް ރަށުން އަނެއް ރަށަށް ބަލިމީހުން ގެންދިއުމަށް އަމިއްލަ ފަރާތަކާއިއެކު އާސަންދައިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ރ. ދުވާފަރުގައި ކޮވިޑަށް ޕޮޒިޓިވް ހާލުދެރަވެެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދިޔަ މީހަކަށް ހޮސްޕޮިޓަލުގައި އޮކްސިޖަން ދެވޭނެ ގޮތެއް ނެތިގެން އޭދަފުށީ ކޮވިޑް ފެސިލިޓީއަށް ގެންދިޔުމަށް ސީއެމްބިއުލާންސް އައުން ލަސްވެގެން އެމީހާ މަރުވި މައްސަލައެއް މިދިޔަ ޖުލައި މަހުގެ 29ވަނަ ދުވަހު ވަނީ ފެންމަތިވެފައެވެ. 

ދުވާފަރު އުމުރުން 52 އަހަރުގެ ފާތިމަތު މޫސާ ހާލުދެރަވެ، އެމްބިއުލާންސަށް ބޭނުންވި ހިނދު އެމްބިއުލާންސް އައުން ލަސްވިކަމަށް ގަބޫލު ކުރައްވާ ކަމަށް ދުވާފަރު ކައުންސިލާއި، މަރުވި މީހާގެ އާއިލާއިން ބުނެއެވެ. އެގޮތުން ސިއްހީ އިދާރާތަކުން ބުނަނީ އިންތިޒާމްތައް ހަމަޖެހިފައި ހުންނަގޮތުން ބައެއް ފަހަރު ސީއެމްބިއުލާންސް ދިއުމުގައި ވަގުތުކޮޅެއް ހޭދަވާކަމަށެވެ. ހާއްސަކޮށް ކޮވިޑްގެ ހާލަތުގައި މޮނިޓަރިންގައި އޮންނަ ރަށަކަށް ދިއުމަށް ވާންޖެހޭ ތައްޔާރީތަކާއި، ގެންނަން ޖެހޭ އާލާތްތަކުގެ ސަބަބުންވެސް ލަސްވާކަމަށެވެ.


އާސަންދައިން ބުނީ ކަނޑުމަގުން ބަލިމީހުން އުފުލުމުގައި އަމަލުކުރާގޮތަކީ އެންމެ ފުރަތަމަ ސީއެމްބިއުލާންސްގެ ހިދުމަތް ލިބޭތޯ ބަލާ، އެއުޅަނދުގެ ހިދުމަތް ނުލިބޭ ފަހަރުތަކުގައި، އަމިއްލަ ފަރާތްތަކުގެ ސްޕީޑްލޯންޗެއްގެ ހިދުމަތް ހޯދުން ކަމަށެވެ. އެގޮތަށް ސްޕީޑްލޯންޗް ހޯދުމުގައި ބައެއްފަހަރު ވަގުތުތަކެއް ގެއްލިގެން ދާއިރު، ގެއްލޭކޮންމެ ހިނދުކޮޅަކީ ބަލިމީހާގެ ފުރާނަ ސަލާމަތްކުރުމަށް އެޅިދާނެ ހުރަހަކަށްވުމުގެ ފުރުސަތުއޮތަތީ، ފާއިތުވެދިޔަތަނުގެ ތަޖުރިބާއަށާއި ހިދުމަތް ލިބިގަނެފައިވާ ފަރާތްތަކުގެ ފީޑްބެކަށް ބަލައިގެން މިހިދުމަތް އިތުރަށް އަވަސްކޮށް ފުރިހަމަކޮށް ފޯރުކޮށްދެވޭނެ އިންތިޒާމެއް ރާވަމުންދާ ކަމަށް އާސަންދައިން ބުނެއެވެ.


އެގޮތުން ކަނޑުމަގުން ބަލިމީހުން އުފުލުމަށް ސީއެމްބިއުލާންސްގެ ހިދުމަތް ލިބެން ނެތް ހާލަތްތަކުގައި، ކުރިން ކަނޑައެޅިނިމިފައިވާ ވަގުތެއްގެ ތެރޭގައި، އެހެން އުޅަނދެއްގެ ހިދުމަތް ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށް އެ ކުންފުނިން ވާނީ ނިންމާފައެވެ. އަދި، އަޖުމަބެލުމުގެ ގޮތުން ރާއްޖޭގެ ކޮންމެވެސް އެއް އަތޮޅެއްގައި އެކަން ތަންފީޒުކުރުމަށްވެސް ނިންމާފައިވެއެވެ.

އެގޮތުން، އެމަޖެންސީ ހާލަތުގައި ކަނޑުމަގުން ބަލިމީހުން އުފުލުމަށް ސީއެމްބިއުލާންސްގެ ހިދުމަތް ނުލިބޭ ފަހަރުތަކުގައި، އދ. އަތޮޅުގެ އެއްރަށުން އަނެއް ރަށަށާއި މާލެއަށް، ބަލިމީހުން ގެންގޮސްދިނުމުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ސްޕީޑް ލޯންޗްދަތުރުގެ ހިދުމަތްދޭ ކުންފުންޏެއް ކަމަށްވާ އެޗްއެމްއެޗްއައި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި އާސަންދައިން ބުރާސްފަތި ދުވަހު (އިއްޔެ) ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. 

"މިއެއްބަސްވުމުގެ ދަށުން، ބުއެފަދަ ހާލަތުގައި، އެކުންފުނިން ކަނޑައަޅާ ކެޕޭސިޓީއެއްގެ ސްޕީޑް ލޯންޗެއްގެ ހިދުމަތް ބަލިމީހާއަށް ލިބިގެންދާނެ. އަދި، މިކުންފުނިން ހިދުމަތަށް އެދޭތާ ވަކިވަގުތެއްގެ ތެރޭގައި ދަތުރު ފެށިގެންދާނެ" އާސަންދައިން ބުނެއެވެ.

އދ. އަތޮޅުގައި ފަށައިގަނެވުނު މިޕްރޮޖެކްޓަކީ އަޖުމަބެލުމުގެ ގޮތުން ފެއްޓުނު ޕްރޮޖެކްޓަކަށްވާތީ، އެކަމުގެ ސަބަބުން ހިދުމަތަށް އަންނަ ބަދަލުތައް އެކުންފުނިން ދިރާސާކޮށް، އެކަމުގެ ސަބަބުން ހިދުމަތް އަވަސްވެ ހިދުމަތުގެ ފެންވަރު ރަގަޅުވާކަމަށް ފާހަގަކުރެވިއްޖެނަމަ، އެޕްރޮޖެކްޓް އެހެން އަތޮޅުތަކަށް ފުޅާކުރުމަށް ކުންފުނިން ވަނީ ވިސްނާފައެވެ.

އެއް އަހަރުދުވަހުގެ މުއްދަތަށް ވެވުނު އެ އެއްބަސްވުމުގައި އިއްޔެ އެކުންފުނީގެ ފަރާތުން ސޮއެކުރެއްވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދެވެ. އަދި އެޗްއެމްއެޗްއައި ކުންފުނީގެ ފަރާތުން ސޮއެކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އިބްރާހީމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް