ads
ސަލާންޖެހުމުގައި ބަޔަކު މަގުމަތީގައި——
ސަލާންޖަހާ މީހާ މަހްޝަރު ކުރެވޭނީ އޭނާގެ މޫނުގައި އެއްވެސް މަސްކޮޅެއް ނެތް ހާލުގައި!
ހަލާލު ކޮންމެ އަމަލަކީ އަޅުކަމެކެވެ. އެއީ މާތް ﷲ ގެ މަގުގައި ކުރެވޭ ޖިހާދެކެވެ. މާތް ﷲ ރުއްސުންލެއްވި ކައުބު ބުނު އުޖަރާގެ ކިބައިން ރިވާވެގެން ވެއެވެ. "އެއް ދުވަހަކު ކީރިތި ރަސޫލާގެ އަރިހުން ލައިފައި މީހަކު ދިޔައެވެ. އެމީހާގެ ހަރަކާތްތެރިކަމާއި، ދުޅަހެޔޮކަމާއި، ރޫފަ ރަނގަޅުކަމުން އަސްހާބު ބޭކަލުން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއޭވެ! މި މީހާ މާތް ﷲ ގެ މަގުގައި ޖިހާދުކުރާނަމަ ކިހާ ރަނގަޅުވާނެތޯ އެވެ؟"
އެހިދު ސަލާމާއި ސަލަވާތްލެއްވި ލޮބުވެތި ރަސޫލާ ހަދީސް ކުރެއްވިއެވެ. "އޭނާގެ ޅަ ދަރިންނަށް ޓަކައި މަސައްކަތް ކުރުމަށް ނުކުމެ އުޅޭނަމަ އޭނާ އެ ހުރީ
މާތް ﷲ ގެ މަގުގައެވެ. އޭނާ ނުކުމެ އުޅެނީ އޭނާގެ މުސްކުޅި މައިންބަފައިންނަށް ޓަކައި ކަމުގައިވާނަމަ އޭނާ އެ ހުރީ މާތް ﷲ ގެ މަގުގައެވެ. އޭނާ ނުކުމެ އުޅެނީ ސަލާމްޖެހުމުން ރައްކައުތެރިވުމަށް ޓަކައި މަސައްކަތްކުރުމަށް ކަމުގައިވާނަމަ އޭނާ އެ ހުރީ މާތް ﷲ ގެ މަގުގައެވެ. އެހެނަސް އޭނާ ނުކުމެ އުޅެނީ ކަންދެއްކުމަށް ޓަކައި ކަމުގައިވާނަމަ އޭނާ އެ ހުރީ ޝައިޠާނާގެ މަގުގައެވެ."

ހަލާލު ކޮންމެ އަމަލަކީ އަޅުކަމެއް އަދި ޝަރަފެއް ކަމުގައިވާއިރު، މަސައްކަތެއް ނުކޮށް އުޅޭ މީހަކީ، ޤައުމުގެ ހަށިގަނޑުގައި ހިމެނޭ ވާގިނެތް ގުނަވަނެއް އަދި އެއިން އެއްވެސް ފައިދާއެއް ލާބައެއް ނެތް ބޮޑު ބުރައެއް ކަމަށް މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ. އެމީހާ ސިފަކޮށްފައިވަނީ މުޖުތަމައުގެ ތަރައްޤީއަށް ހުރަސްއަޅާ މުޖުތަމައުގެ "ހިއްމަތް ކަމީނާ ކުރާ މީހެއް"  ގޮތުގައެވެ. އަދި އޭނާއަކީ އޭނާގެ ޤައުމަށް އެއްވެސް ކަމެއް ހަދިޔާކުރާ މީހެއް ނޫން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

އަހަރެމެން ދިރިއުޅޭ ބިމުގައި މާތް ﷲ ހަޔާތަށް ހުރިހާ ސަބަބުތަކެއް ތަނަވަސްކޮށްދެއްވައިފައިވާކަން ފާހަގަކުރައްވާ ހުތުބާގައި ބުނީ، މާތް ﷲ އަމުރު ކުރައްވާފައިވަނީ ނަމާދުކުރުމާ ވިދިގެން މަސައްކަތަށް ނުކުންނަން ކަމަށެވެ. ބޭކާރުގޮތުގައި ވަގުތު ނަގައިލާ މީހުންނަކީ، މުޖްތަމައާ ކުރިމަތިވެފައިވާ ބަލިމަޑުކަމެއް ކަން ފާހަގަކުރަމުން ހުތުބާގައި ބުނީ ބައެއްމީހުންނަކީ އެއްވެސް މަސައްކަތެއް ނުކޮށް ކެފޭތަކުގައްޔާއި، މީސްމީޑިޔާގައި، މަޖާ ކުރުމުގައި ވަގުތު ނަގައިލާ ބަޔެއް ކަމަށެވެ. 

މަސައްކަތުގެ މައިދާނުން ބޭރުވެފައިވާ މީހަކީ ސަލާމްޖެހުމުގެ ބިންގަރާސްތެރެއަށް ވަދެފައިވާ މީހެއް ކަމަށާއި މީސްތަކުންގެ ހަމްދަރުދީގައި ދިރިއުޅޭ ބިކަ އިންސާނެއްކަމަށް ހުތުބާގައި ބުނެފައިވެއެވެ. ގައިބާރު ހުރި މީހުން މަސައްކަތެއް ނުކޮށް އުޅުމަކީ، ރަސޫލު ﷲ ގެ ލޯބިވެވަޑައިގެންނެވި ކަމެއް ނޫނެވެ. އަދި އެފަދަ މީހުން ޤިޔާމަތް ދުވަހު މަޙްޝަރު ކުރެވޭނީ އޭނާގެ މޫނުގައި އެއްވެސް މަސްކޮޅެއް ނެތް ހާލުގައި ކަމަށް އެކަލޭގެފާނު ޙަދީސް ކުރައްވާފައިވެއެވެ.

ރަސޫލާ ހަދީސް ކުރެއްވިއެވެ. "މީސްތަކުންގެ ގާތަށް ގޮސް ސަލާމްޖެހުންމަތީގައި ދެމިހުރި މީހާ ޤިޔާމަތް
ދުވަހު މަހްޝަރު ކުރެވޭނީ އޭނާގެ މޫނުގައި އެއްވެސް މަސްކޮޅެއް ނެތް ހާލުގައެވެ."

ޤިޔާމަތް ދުވަހު ތިބާގެ މޫނުމަތީގައި މޫނުމަތީގައި ސަލާމްޖެހުމުގެ ސަބަބުން ކަޅުފާހަގަތަކެއް ލެވިގެން އައުމަށްވުރެ މަސައްކަތް ކޮށްގެން އުޅުން މާ ރަނގަޅުނޫން ހެއްޔެވެ؟ އިސްލާމް ދީނުގައި ތިން ހާލަތެއްގައި މެނުވީ ސަލާމްޖެހުން ހުއްދަވެގެން ނުވެއެވެ. އެއީ ފަޤީރުކަމުން ގޮސް ހާލުގައި ޖެހިފައިވާ މީހާއާއި ބޯނުހިކޭވަރުގެ ދަރަންޏެއް ބޮލުގައި އެޅިފައިވާ މީހާއާއި، އަދާ ނުކުރެވޭވަރުގެ މަރުގެ ދިޔައެއް ބޮލުގައި އެޅިފައިވާ މީހާއެވެ. 

މިއަދު ސަލާމްޖެހުމުގެ ފަންނު ވަނީ، ވަރަށް ބޮޑަށް ފެތުރިފައެވެ. ސަލާމްޖެހުމުގެ ހުނަރުތައް ވަނީ، އީޖާދު ކޮށްފައެވެ. ބައެއް މީހުން ބޭސް
ހިފައިގެންނެވެ. އަނެއް ބަޔަކު ރަށަށް ދާންވެގެން ފެރީ ފީ ހޯދާށެވެ. އަނެއް ބަޔަކު ބަލި ކުއްޖަކު ހުންނާތީއޭ ކިޔާފައި އެ ކުއްޖާއަށް ފަރުވާކުރާށޭ ކިޔައިގެންނެވެ. މަގުމަތީގައްޔާއި ގޭގެއަށް ގޮސްގެންނެވެ. ބޭންކުތަކުގެ ކައިރީގައްޔާއި ކެފޭ ރެސްޓޯރެންޓުތަކުގެ ކައިރީގައެވެ. 

އެތަށް ހާސް ބިދޭސީންނެއް މަސައްކަތް ކުރުމަށް ނިކުންނައިރު ދިވެހީން މި މަސައްކަތްތައް ކުރަން ނުނުކުންނަނީ ކީއްވެގެން ހެއްޔެވެ؟ ޤައުމު ތަރައްޤީ
ކުރެވޭނީ ޤައުމުގެ ދަރީންގެ މަސައްކަތުންނެވެ. ބޭރު މީހުންގެ ސަބަބުން ބޭރަށްދާ ފައިސާ ޤައުމުގެ ތަރައްޤީއަށް ޓަކައި ބޭނުންކުރަން ލިބޭނީ ޤައުމުގެ ދަރީން އެ މަސައްކަތްތައް ކުރަން ނުކުމެގެންނެވެ. މިއަދު މި ފެންނަ މަންޒަރު ބުނަނީ އަޅުގަނޑުމެންނަކީ މަސައްކަތް ނުކުރާ
ކަންނެތް ބައެކޭއެވެ. 

އަޅުގަނޑުމެންގެ ބައެއް މީހުން ކުރާ މަސައްކަތަކީ، ސަލާމްޖެހުން ކަމުގައި ވުމަކީ ކިހާ ހިތާމަވެރި ކަމެއް ހެއްޔެވެ؟ ކިހާ ހުތުރު މަންޒަރެއް ހެއްޔެވެ؟ ޤައުމަށް ޒިޔާރަތް ކުރާ ފަތުރުވެރީން ބުނާނީ ކީކޭ ހެއްޔެވެ؟ އެފަދަ ބަޔަކު އުޅޭ ޤައުމަކަށް ޙަޤީޤީ ކުރިއެރުމެއް ލިބޭނެ ހެއްޔެވެ؟ އަދި ގައިބާރު ހުރެ ކަންނެތްކަމުން މަސައްކަތާއި ދުރުވެ ގަސްތުގައި ސަލާންޖެހާ މީހާގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ފަގީރުންނާއި އެެއްވެސް ގޮތެއް ނެތިގެން އެކަން ކުރާ ނިކަމެތިން އިތުރަށް ނިކަމެތިވެ މުޖުތަމައުގައި އެމީހުން ގިނަވެގެންދެއެެވެ. އަދި އެއީ އެފަދަ ނިކަމެތިންނަށް ކުރެވޭ މަލާމާތަކަށް ވެދެއެވެ.

މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި ޢަބްދު ﷲ ބިން ޢުމަރުގެ އަރިހުން ރިވާވެގެން ރަސޫލާ މިންބަރުކޮޅު މަތީގައި، ޞަދަޤާތްކުރުމާއި، ސަލާމްޖެހުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޙަދީޘް ކުރައްވާފައި ވެއެވެ. "ތިރީގައި އޮންނަ އަތަށްވުރެ މަތީގައި އޮންނަ އަތުގެ ހެޔޮކަން ބޮޑެވެ. މަތީގައިވާ އަތަކީ ދޭ އަތެވެ. ތިރީގައި ވާ އަތަކީ ސަލާމްޖަހާ މީހާގެ އަތެވެ."

ކަންނެތްކަމާއި، ބޭކާރުގޮތުގައި ވަގުތު ނަގައިލުމުން ސަލާމަތް ވެވޭނީ އަމިއްލަ އަތުން މަސައްކަތް ކޮށްގެން ދިރިއުޅޭނަމައެވެ. އޭރުން ސަލާމްޖެހުމުގެ
ނިކަމެތިކަމުންނާއި، އެހެން މީހުންގެ ފައިދަށަށް ވެއްޓުމުގެ އިހާނެތިކަމުން ސަލާމަތް ވެވޭނެއެވެ. ކަރާމަތާއި، ޝަރަފާއި، ޢިއްޒަތާއި، ޢިއްފަތުގެ މާނަ އޭރުން އޭނާއަށް އިޙްސާސް ވާނެއެވެ. މަސައްކަތް ކުރުމުގެ ކުޅަދާނަކަން ލިބި، މަސައްކަތެއް ނެތި ހުންނަ މީހަކީ އެމީހާގެ އެންމެ ގާތް މީހާއަށް ވެސް ޖެހިފައިވާ ބުރައަކަށް މެނުވީ ނުވާނެއެވެ. 

ގާތްތިމާގެ މީހުންނަށް ކުޑަ ދުވަސްކޮޅަކަށް މި ބުރަ އުފުއްލުނަސް މުޅި ޙަޔާތުގައި، މި ބުރަ އުފުއްލާކަށް ކުޅަދާނައެއް ނުވާނެއެވެ. އެފަދަ މީހާގެ ކިބައިން އަވަހަށް މިންޖުވެވޭތޯ ބަލާނެއެވެ. އެ މީހާގެ ކުރިމަތީގައި، ދޮރުތައް ލެއްޕޭގޮތް ވެދާނެއެވެ. އުފެއްދުންތެރި މަސައްކަތްތެރި މީހަކީ، މާތްﷲ ގެ ޙަޟްރަތުގައި ލޮބުވެތި މީހެކެވެ. އަދި މީސްތަކުންގެ ގާތުގައި ރުހުން ލިބިގެންވާ މީހެކެވެ.

90%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް