
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން، ޓާސްކް ފޯސް އިން އިއްޔެ ހަވީރު ހުޅުމާލެ 1 ގައި ހުންނަ ރަށު މާރުކޭޓުގައި ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަނުގައި ޖުމްލަ 37 ބިދޭސީއަކު ޗެކްކޮށް، ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، އެތަނުގައި މަސައްކަތްކުރާ 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
އޭގެ ތެރޭގައި ހިމެނެނީ 10 ފިރިހެނަކާއި ފަސް އަންހެނަކު ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖޭގައި ހުއްދަ ނެތި ވިޔަފާރި ކުރާ އެތައް ބިދޭސީންނެއް އުޅޭއިރު، އިމިގްރޭޝަނުން އަންނަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އެކި ސަރަހައްދުތަކުގައި ރެއިޑު އޮޕަރޭޝަންތައް ހިންގަމުންނެވެ. އިމިގްރޭޝަންގެ އަމާޒަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ 2027 ވަނަ އަހަރުގެ އެޕްރީލް މަހުގެ ކުރިން އެއްކޮށް ހައްލުކުރުމެވެ.