ads
ތާލިބާން ހަނގުރާމަވެރިއެއް ބަޑިއެއް ހިފައިގެން- ފޮޓޯ: ރޮއިޓާސް
ކާމިޔާބީ ފާހަގަ ކުރަން ވައިގެ ތެރެއަށް ބަޑިޖެހުމުން 17 މަރު
އޮގަސްޓް 31 ވަނަ ދުވަހު އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމުން އެކަން ފާހަގަކޮށް ތާލިބާނުން ވައިގެ ތެރެއަށް ބަޑި ޖެހުމުގެ ސަބަބުން 17 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އޮގަސްޓް 31 ވަނަ ދުވަހު އެމެރިކާ ސިފައިންގެ އެންމެ ފަހު އަސްކަރީ މަތިންދާ ބޯޓު ހާމިދް ކަރުޒާއީ އެއާޕޯޓުން ނައްޓާލި ވަގުތު ތާލިބާނުން އެމީހުންގެ ކާމިޔާބީ ފާހަގަ ކުރީ ވައިގެ ތެރެއަށް ބަޑި ޖަހަމުންނެވެ. 

ހޮނިހިރު ދުވަހު އަފްގާނިސްތާންގެ "ދަ ޝަމްޝަދު ނިއުސް އެޖެންސީ" އާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓްކުރާ ގޮތުގައި ތާލިބާނުން ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ވައިގެ ތެރެއަށް ބަޑި ޖެހުމުގެ ސަބަބުން 17 މީހަކު މަރުވެފައި ވެއެވެ. އަދި އިތުރު 41 މީހަކު ޒަހަމްވެފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

ވައިގެ ތެރެއަށް ބަޑި ޖަހައިފައިވާތީ ތާލިބާންގެ އެންމެ އިސް ތަރުޖަމާނު ޒަބިހުﷲ މުޖާހިދު ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. 

ކާމިޔާބީގައި "ވައިގެ ތެރެއަށް ބަޑިޖެހުމުގެ ބަދަލުގައި ވެރި ރަސްކަލާންގެއަށް ޝުކުުރު އަދާކުރުން މާ ރަނގަޅު ވާނެ" ކަމަށް މުޖާހިދު ބުނެފައިވެއެވެ. ބޭކާރަށް ވައިގެ ތެރެއަށް ބަޑި ނުޖެހުމަށް އެދި މުޖާހިދު ބުނީ ވަޒަނުން އާމުންނަށް އަބަދުވެސް ނުރައްކާ އޮންނަ ކަމަށެވެ.

ތާލިބާނުން ވަނީ އަފްގާނިސްތާންގައި އެންމެ ފަހުން އެ ޖަމާތުގެ އަަތް ދަށަށް ނުގޮސް އޮތް ޕްރޮވިންްސް ކަމަށްވާ ޕެންޝިރް ޕްރޮވިންސް ވެސް ހިފާފައިވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެ ޖަމާއަތާ އިދިކޮޅު ފަރާތްތަކުން ވަނީ އެކަން ދޮގުކޮށްފައެވެ.

 

0%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
86%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް