ރައީސް ޔާމީނުގެ މިއަދުގެ ޝަރީއަތަށްފަހު ކްރިމިނަލްކޯޓުގެ ބޭރުގައި މީޑިއާ އަށް މައުލޫމާތު ދެއްވަމުން ޑރ ޖަމީލު ވިދާޅުވީ މިމައްސަލާގައިވެސް ދައުލަތުން ހުށަހަޅުއްވާ ހެކިތަކަކީ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު، އަދި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކަމަށާއި މިމީހުންނަކީ ރައީސް ޔާމީނާމެދު ނަފްރަތު އޮތް އަދި ރައީސް ޔާމީނުގެ ނަފްސު ނަގާލަން އުޅުނު ބައެއްކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ.
"މިއީ ޝަރުއީ އަދި ގާނޫނީ ހަމަތަކުން އެއްވެސް ގޮތަކަށް ގަބޫލު ކުރެވޭނެ ހެކިތަކެއް ނޫން. ހުށަހެޅިފައި އޮތް މައްސަލައާ ހެކިތަކާ ގުޅޭ ގޮތެއް ދައުލަތައް ބުނެއެއް ނުދެވޭ. އަނެއްކާ ދައުލަތުން ބުނަނީ ކަމާގުޅޭ ލިއުންތައް ދެވޭކަށްނެތޭ މީހެއްގެ ޒާތީ މައްސަލައަކަށް ވާތީ. އެކަމަކު މީހެއްގެ މައްޗައް ދައުވާއެއްކުރާއިރު އެއާގުޅޭ ލިޔެކިއުންތައް ދޭންވާނެ. މިލިޔެކިއުންތައް ނުދިނުމުންވެސް އެބަ އެނގޭ މިއުޅެނީ އަދީބާއި ޒިއަތުގެ ހެކިބަސް ބޭނުން ކޮށްގެން . މިމީހުންނަކީ ކަނޑއެޅިގެން ހެކިބަސް ނުދެވޭނެ މަގާމްތަކުގައި ތިބި ބައެއް" ޑރ ޖަމީލު ވިދާޅުވިއެވެ.
ރައީސް ޔާމީނުގެ މައްޗަށް ކުރާ ކޮރަޕްޝަނުގެ ދައުވާގައި މިއަދު އޮތީ ލިޔެކިއުންތައް ލިބިދިނުމެވެ. އަދި މިއަދުގެ ޝަރީއަތުގެގައި ފަނޑިޔާރު ނިންމެވީ ލިބެންހުރި ލިޔެކިއުންތަކަށް ބައްލަވައި މައްސަލަ ތާވަލު ކުރެއްވުމަށެވެ.
ޖަމީލު ވިދާޅުވީ ދައުލަތުގެ ފަރާތުން ކަނޑައެޅިގެން ގާނޫނު އަސާސީއާ ހިލާފު ވާހަކަ އެބަ ދައްކަވާ ކަމަށެވެ.
"ޕްރޮސެކިއުޓާ މިބުނަނީ ތިމަންނައަކަށް ލިޔެކިއުންތަކެއް ނުހޯދޭނޭ. އެއީ ތިމަންނައަކީ ދައުލަތެއް ނޫނޭ. އެކަމަކު ދައުވާގެ މަގްސަދަށްޓަގައި ގާނޫނު އަސާސީގެ 223 ވަނަމާއްދާގަ ކަނޑައެޅިގެން އަދި ޖިނާއީ އިޖުރާތުގެ 15 މާއްދާގަވެސް އެބަބުނޭ އޭނައަކީ އެއީ ދައުލަތޭ. އޭނާ ދައުވާ ކުރާ ކަމަށްވާނަމަ އޭނާގެ ޒިންމާއެކޭ ގުޅުންހުރި ހުރިހާ ލިޔެކިއުންތަކެއް ހޯދާ ދިނުމަކީ . އެހެންވީމަ މުޅި މައްސަލައިން އެނގެނީ ދައުލަތުން އުޅެނީ ގާނޫނު އަސާސީ އޮޅުވާލަން" ޖަމީލު ވިދާޅުވިއެވެ.