ކުރީގެ ރައީސް ޔާމީންނަށް އިއްވި ފަސް އަހަރު ދުވަހުގެ ހުކުމަކީ ނުހައްގުން ގާޒީން ތަކަކަށް މަޖުބޫރުކޮށްގެން ކޮށްފައިވާ ހުކުމެއް ކަމަށް ދޭހަވާ ގޮތަކަށް އެ ބެންޗުގައި ހިމެނޭ ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަޑިޔާރަކު ވާހަކަދައްކަވާ އޯޑިއޯތަކެއް ވަނީ ލީކުވެފައެވެ.
އެއް ފަނޑިޔާރަކު ވިދާޅުވި ގޮތުގައި އެ ހުކުމަކީ ފަނޑިޔާރުންނަށް މަޖުބޫރު ކުރުވައިގެން އިއްވެވި ހުކުމެކެވެ. އެހެން ފަނޑިޔާރަކު ވިދާޅުވީ ހުކުމްގައި އޮތް އެއްޗެއްވެސް އެނގިވަޑައިނުގަންނަވާ ކަމަށާއި ބެންޗުގައި އިންނެވީ ސަރުކާރުން އަންގަވައިގެން ކަަމަށެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި އިތުރު ފަނޑިޔާރުންތަކެއް ވަނީ އަލީ ޒާހިރު ޝަރުއީ ނިޒާމުގެ ތެރެއަށް ނުފޫޒް ފޯރުވާ ކަމުގެ ތުހުމަތުކޮށްފައެވެ.
އެގޮތުން ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އަލީ ޒާހިރު، ފަނޑިޔާރުންނަަަށް ގުޅުއްވާ ނުފޫޒުފޯރުވި ކަމަށް ދެކެވޭ ވާހަކަތަކަކީވެސް ހަގީގަތެއް ކަމަށް ހައި ކޯޓުގައި ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ވަނީ ވިދާޅުވެފައެވެ. އެގޮތުން ފަނޑިޔާރު ކަމުގައި މަސައްކަތް ކުރެއްވިއިރު، ހައިކޯޓްގެ ބައެއް މައްސަލަތަކާއި ގުޅޭގޮތުން އަލީ ޒާހިރު ފަނޑިޔާރު ޝުޖާއުއާއިވެސް ގުޅުއްވި ކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ތަކުރާރުކޮށް ގުޅުއްވާތީ އެމަނިކުފާނުގެ ލީގަލް އޮފިސަރާއި ދިމާލަށް ފޯނުވެސް އެއްލާލެވުނު ކަމަށެެވެ.
އަދި އެ ބައްދަލުވުމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން ނަޖީބުވެސް ވިދާޅުވީ ޝަރުއީ ނިޒާމަށް ސަރުކާރުގެ ނުފޫޒު ފޯރާފައި އޮތް މިންވަރު ގާތުން ފެނިވަޑައިގެންނެވި ކަމަށާ އެކަން ތަޖުރިބާވެސް ކުރެއްވުނު ކަމަށެވެ. ރައީސް ޔާމީންގެ ފުރަތަަމަ މައްސަލަ ބެއްލެވި ގާޒީ ހައިލަމުގެ މަސައްކަތްޕުޅަށް ނުފޫޒު ފޯރުވާ، ދެމީހުންގެ ދެމެދުގައި ޑީލެއް ހެއްދެވި ކަަމަށް ސިފަކޮށްވެސް ނަޖީބު ވަނީ ވާހަކަދައްކަަވާފައެވެ.
އޭގެ އިތުރުން ފަނޑިޔާރު ޝުޖާއު ވިދާޅުވި އަލީ ޒާހިރު އެގޮތަށް ގުޅުއްވާއިރު މިވެނި މައްސަލައެއް، މިވެނި ގޮތަކަށް ގެންދާށޭ ސީދާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއޭ އަލީ ޒާހިރު ވިދާޅުވާ ކަމަށެވެ. އެއީ ތެދެއްކަން ކަށަވަރުކޮށްދެން އަލީ ޒާހިރުގެ ކުރިމަތީގައި އެވާހަކަތަށް ދައްކަން ކެރޭނެ ކަމަށްވެސް ފަނޑިޔާރު ޝުޖާއު ވިދާޅުވިއެެވެ. ފަނޑިޔާރު ޝުޖާއު ވަނީ އެކަމާއި ވާހަކަދައްކަވަން އެމަނިކުފާނާއިއެކު ވަޑައިގެންނެވުމަށް އަލީ ޒާހިރަށް ގޮވާލައްވާފައިވެއެެވެ.
އަލީ ޒާހިރު ޝަރުއީ ނިޒާމުގެ ތެރެއަށް ނުފޫޒް ފޯރުވާކަމަށް ﷲ ގަންދީ ހުވާކޮށް އިތުރު ފަނޑިޔާރުންތަކެއް ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވުމާއި ގުޅިގެން މިއަދު އަލީ ޒާހިރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ނޫސްވެރިން ކުރި ސުވާލުތަކުގައި އެ ހުރިހާ ތުހުމަތުތަކަކީ ދޮގެެއް ކަން ސާބިތުކޮށްދޭން ﷲ ގަންދީ ހުވާ ކުރަން އަލީ ޒާހިރަށް ކެރިދާނެތޯ ވަނީ ސުވާލުކުރުމުން އަލީ ޒާހިރު ވިދާޅުވީ، ހަތް ފަހަރު ހުވާކުރަން ތައްޔާރު ކަމަށެވެ.
ނަމަވެސް ހުވާ ކުރާ ހިސާބަށް ދާނަމަ އެކަމުގައި އޮންނަ "ޕްރިންސިޕަލް" ދަމަހައްޓަން ވާނެ ކަން ފާހަގަކުރައްވާ އަލީ ޒާހިރު ވިދާޅުވީ، އެ ތުހުމަތުތަކުގެ އެކަށީގެންވާ ހެކި ދައްކާފިނަ ހަތް ފަހަރުވެސް ހުވާ ކުރަން ހުންނެވީ ތައްުޔާރަށް ކަމަށެވެ.
އަލީ ޒާހިރު ވިދާޅުވީ އޭރުން މަގާމުން އިސްތިއުފާ ދޭންވެސް ތައްޔާރަށް ހުންނެވި ކަމަށެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ޒާހިރު ވަނީ މިހާރު ދެކެވެމުންދާ ހުރިހާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ޔޯލަ ވާހަކަތަކެއް ކަމަށް ސިފަ ކުރައްވާފައެވެ. އަދި މިފަދަ ވާހަކަތަކަށް ރައްދު ދޭން ނުޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.