ads
ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތައް ރައީސް ތަސްދީގުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
ލާމަރުކަޒީ ބާރުތައް މުށުން ދޫވާން އަދިވެސް ބޭނުން ނުވަނީތަ؟
ލާމަރުކަޒު ކުރުމަކީ އެމްޑީޕީގެ ހުވަފެނެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ވޭތުވެދިޔަ 2020 ވަނައަހަރުގެ އޭޕްރީލް މަހު 10 ގައި ބޭއްވުމަށް ހަމަޖައްސާފައިވާ ލޯކަލް ކައުންސިލް އިންތިހާބު 2020 އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުމުގެ ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
Advertisement

ރައީސް ސޯލިހް ވިދާޅުވީ އަތުގައި ބާރުތައް ހިފަހަށްޓައިގެން ތިބުމަށްވުރެ މާބޮޑު ނިޔަތެއް އެމްޑީޕީގެ އެބައޮތް ކަމަށާއި އެއީ އޮތްނަމަ އޮތް ހުރަހެއް ގިރާކޮށް އެ ބާރުތަށް އޭގެ ހަގީގީ މާނާގައި އެންމެ ފުޅާކޮށް ރަށްޔިތުންނަށް ދޫކޮށްލުން ކަމަށެވެ. 

އެއީ އެމްޑީޕީން މާކުރިން ނިޔަތް ގަނެފައިވާ  ބޮޑު ޕްރޮޖެކްޓެއް ކަމަށާއި، އެމްޑީޕީ އަކީ ދިވެހިންގެ މައްޗަށް ހިންގާ އަމުރު މައުރޫފުގެ ވެރިކަން ރައްޔިތުންނާއިއެކީ އެ ރައްޔިތުންގެ ބައިވެރިވުމާއިއެކު ހިނގާ ހެޔޮ ވެރިކަމަކަށް ފުރޮޅާލި ޕާޓީ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރާއްޖެ އުފެދި އެކުލެވިފައިމިއޮތީ ލާމަރުކަޒީ ސިފައަށް ކަމަށާއި ރާއްޖޭގައި މީހުން އުފެދި އާބާދުވެފައިވަނީ ލާމަރުކަޒީ ސިފައަށް ަކަމަށާއި، ދިވެހިންގެ ތަބީއަތާއި އެއްބަށްޓަމަށް ދިވެހިންގެ ކަންކަން ލާމަރުކަޒީ ނިޒާމަކުން ނޫނީ ނުހިންގޭނެ ކަމަށްވެސް އެމުނާސަބަތުގައި ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަތޮޅުތަކާއި ރަށްތަަކަށް ބާރުލިބިދޭ ވާހަކަ މަޖިލީހުގެ ތެރޭގައި ދެކެވުނުއިރު، އެޔާ ދެކޮޅަށް ހުރި އޮއިވަރު އެމަނިކުފާނު ދެކެވަޑައިގަތް ކަމަށެވެ. އޭރު އެއީ ރައްޔިތުންގެ މައްޗަށް ހިންގި ވެރިކަމެއް ކަމަށާއި، ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާއިއެކީ ކުރާ ވެރިކަމެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެ ނިޒާމް ލާހިކުވެ ފަށްކާވުމަށްޓަކައި އެންމެ ފުރަތަމަ މިކަމަށް ރުހި ގަބޫލްވެ ދަސްވި އަހުލުވެރިވާންޖެހޭ ކަމަށާއި އެމްޑީޕީއަކީ އެމީހުން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ދިރިއުޅުމުގެ މުހިންމު އަސާސީ ޒަރޫރުތައް ލާމަރުކަޒުކުރަން ބަލާއިރު، ފުރަތަމަ ޖެހިފައިވަނީ އެކަންކަން ގާއިމުކުރަން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ރާއްޖޭގެ  ހުރިހާ ރަށެއްގައި  ފެނާއި  ނަރުދަމާ  ޤާއިމު  ކުރުމުގެ  ވަޢުދު  އެ ދަނީ  ބާރު  ދުވެލީގައި  ފުދެމުން ކަމަށާއި އެއަށް  ފަހު  އެކަންކަން  ދެމެހެއްޓެނިވި  ގޮތުގައި ލާމަރުކަޒުވެ، ކައުންސިލް  ތަކުން  ކުރިއަށް  ގެންދާނެ ކަމަށް ރައީސް ވަނީ އެބައްދަލުވުމުގައި ވިދާޅުވެފައެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އާ އިސްލާހުތަކާއެކު މި ފަހަރު ހޮވޭ ކައުންސިލުތައް ވެގެންދާނީ އެމްޑީޕީން ތަސައްވަރު ކުރަމުން އަންނަ ފަދަ ފުރިހަމަ އަދި ފުރަތަމަ ކައުންސިލުތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.  އަންހެން ބޭފުޅުންގެ ބައިވެރިވުމާއެކު ތަރައްގީގެ ކަންކަން ކުރުމަށް މިހާރު އެވަނީ ޤާނޫނު ލާޒިމުކޮށްފައި ކަމަށާއި އެެހެންކަމުން ކައުންސިލުތަކުގައި އަންހެނުން ޝާމިލުވާ ޢަދަދު އިތުރުވެގެންދާނެ ކަމަށާއި ހަމަ އެހެންމެ މުޅި ކައުންސިލުތަކުގެ ދައުރުވެސް އިހުނަށްވުރެ މާބޮޑަށް ފުޅާވެގެންދާނެ ކަަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ދެއްކެވި މިވާހަކަ ތަކަށް މާކަ ގިނަ ދުވަހެއް ނުވެއެވެ. ހއ.ފިއްލަދޫ އާ ގުޅިފައިވާ ދައްޕަރު ފިއްލަދޫ ގެ އިހްތިސާސުން ބޭރުކުރިވާހަކަ ރައީސް އޮފީހުން އިއުލާނު ކުރިއެވެ. ރައީސްގެ އަމުރަށެވެ. އިހަކަށްދުވަހު ހއ.ފިއްލަދޫ ކައުންސިލުން ބުނީ މިކަމާ ބެހޭ ގޮތުން މީގެ ކުރިން ސަރުކާރުން އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ފިއްލަދޫ ކައުންސިލުން މިކަމާގުޅިގެން ޝަކުވާކޮށް ނޫސްބަޔާންތައް ނެރެންފެށުމުން މިހާރު ސަރުކާރުން ވަނީ އެރަށު ކައުންސިލާ މަޝްވަރާ ކުރަން ފަށާފައެވެ. 

18މާރޗް 2020 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ގެޒެޓްކޮށް އާއްމުކޮށްފައިވާ އިދާރީ ދާއިރާގެ އިހްތިސާސް ހިމެނޭ ސަރަޙައްދު ކަނޑައެޅުމުގެ ޗާޓުގައި ފިއްލަދޫ ދައްޕަރަކީ ހއ.ފިއްލަދޫ އިހްތިސާސްތެރޭގައި ހިމެނޭ ފިއްލަދޫގެ ބައެކެވެ. ނަމަވެސް، ފަހުން ރައީސް ސޯލިހު ނެރުއްވި ގަރާރެއްގައި ވަނީ އަނެއްކާ ވެސް ދައްޕަރު ފިއްލަދޫގެ އިހްތިސާސުން ވަކި ކުރައްވައިފަ އެވެ. އެއީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށްތަކުގެ އިހްތިސާސް ކަނޑައެޅުމަށް ރައީސަށް އޮންނަ ބާރުގެ ދަށުން ނިންމެވި ނިންމެވުމެކެވެ.

ކޮންމެ ސަރުކާރެއްގައިވެސް ކެމްޕޭން ތަކުގައި ދައްކާ ވާހަކައާއި، ވެރިކަން ލިބި ބާރުތައް އަތަށް ޖަމާވުމުން ކަންކުރާ ގޮތް ވަރަށް ތަފާތެވެ. ރައްޔިތުން ގާތަށް ގޮސް ވޯޓު ހޯދަން ކުރާ މަސައްކަތްތަކުގައި ވޯޓު ލިބޭނެ ހުރިހާ ގޮތަކަށް ވާހަކަ ދައްކައެވެ. އެއަށްފަހު ވެރިކަން ލިބުމުން ރައްޔިތުންނާ ރައްޔިތުންނެކެވެ. އެމީހުންގެ އިހްސާސްތައް ދެނެގަތުމެއް ނެތެވެ. ސަރުކާރުން ކަންކަން ނިންމާލަނީއެވެ. ދެން އެއަށްފަހު ރަށްރަށުގެ ރައްޔިތުންގެ އިހްސާސްތައް ނުކުންނަނީ ނޫސްބަޔާންތަކުގެ ސިފައިގައެވެ. އެވަރުންވެސް އިހްސާސް ނުވެއްޖެނަމަ މުޒާހަރާތަކުގެ ސިފައިގައެވެ. 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަކީ ގާނޫނުއަސާސީގެ 8 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި އުފައްދަންޖެހޭ އިދާރާތަކާއި މަގާމުތަކާއި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އުފެއްދުމަށާއި، އެއިދާރާތަކާއި ކައުންސިލްތަކާއި މަގާމުތަކުގެ ސިފަތަކާއި، އިހްތިސާސް ކަނޑައަޅައި އެކަމާބެހޭ އެންމެހައި އުސޫލުތައް ބަޔާންކުރުމަށްޓަކައި ހަދާފައިވާ ގާނޫނެކެވެ.

ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން، ދީމިގްރާތީ އަދި ޖަވާބުދާރީވަނިވި އުސޫލުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކޮށް، އިޖްތިމާއީ ގޮތުންނާއި، އިގްތިސާދީ ގޮތުންނާއި، ސަގާފީ ގޮތުން ދިވެހިރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންނާ އެންމެ ގާތުން ފުޅާ ދާއިރާއެއްގައި ހިދުމަތް ލިބޭނެ މަގު ފަހިކޮށްދީ، ދިވެހިރާއްޖޭގެ ރަށްރަށުގައި އަމާން ވެއްޓެއް ގާއިމްކުރުމެވެ. 

އެކަމަކު އަދިވެސް މަންޒަރު ބަދަލުވާހެން ހިއެއްނުވެއެވެ. ބާރުތައް ދޫކޮށްލެވެމުންދާ މަންޒަރުތަކެއް ނުފެނެއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސްތެރޭގައިވާ އިންޑަސްޓްރިއަލް ރަށްރަށާއި ރިސޯޓްތަކާއި، އާމްދަނީއެއް ލިބެންހުރިނަމަ ހުރިތަނެއް ހުރީ މައިސަރުކާރަށެވެ. ސަރުކާރުން ބުނަނީ އެތަންތަނުންލިބޭ ފައިދާގެ 40 އިންސައްތަ ހުރިހާ ރަށަކަށް ބަހާނީ ކަމަށެވެ. އެކަންއެގޮތަށްވެސް ވެގެން ހިނގައްޖެނަމަ ރަނގަޅެވެ. ރަށްރަށަށް މިނިވަންކަމާއެކު އާމްދަނީ ހޯދުމަށް ރަށްރަށް ދިނުމަށްވެސް ސަރުކާރުގައި އެބައެދެއެވެ. އެކަމަކު ސަރުކާރުން އެފަދަ ކަންކަމަށް ހިތްވަރުދޭ މަންޒަރެއް ފެނިގެން ނުދެއެވެ. ބައެއް މީހުން ދައްކާ ބަހަނާއަކީ އެފަދަ ތަޖްރިބާ ތަކާއި ތައުލީމާއި، ގާބިލުކަން ރަށްފުށުގައި ނެތްވާހަކައެވެ. ސުވާލަކީ ގާބިލުކަން ހުރެގެން ސަރުކާރުތެރެއިން މިހާތަނަށް ކުރީ ކޮން ކަމެއް ބާވައެވެ؟ ރާއްޖޭގެ ފަޅުތަކާއި ފަރާއި ގިރިތަކާއި، ރަށްރަށް ވިއްކައި ހުސްކޮށްފައިވަނީ ތަޖްރިބާއާ އެކުގައި ކަމަށްވާނަމަ، އެތަޖްރިބާގެ ނަތީޖާ ނިމެނީ ރާއްޖެ ހިންދެމި ނުލެވޭ ވަރުގެ އަނިޔާއަކަށްވި، އަދި ރާއްޖޭގައި މިހާތަނަށް ކުރި އެންމެ ބޮޑު ވައްކަން ކަމަށްވާ އެމްއެމް ޕީއާރުސީގެ ވައްކަމުގެ މައްސަލައިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް