
ތިނަދޫގެ ހަތަރު ސްޓޫޑިއޯއަކުން ރަށު ކައުންސިލް އިދާރާ އާއި ގުޅިގެން ހެދި “މިރަޓާ ލެބީއްކުން ވަރިހަމައި” ޔަގީނުން ވެސް ޝައުގިވެރި މަސައްކަތަކަށް ވާނެއެވެ.
އެ މަސައްކަތުގެ ވާހަކަ ސީއެންއެމް އަަށްހިއްސާ ކުރަމުން އެރަށު ސްޓޫޑިއޯ 33 ގެ އޯނަރު ނައުފަލް ނަސީމް ބުނީ، އެއީ ވަރަށް ވެސް ފުރިހަމަ މަސައްކަތަކަށް ވާނެ ކަމަށާއި “މިރަޓާ ލެބީއްކުން ވަރިހަމައި” އަކީ ތިނަދޫގެ ތާރީހާއި ސަގާފަތަށް ނުހަނު ބޮޑަށް ގުޅިލާމެހިފައިވާ ޑޮކިއުމެންޓަރީ އެއް ކަމަށެވެ.
މިރަޓާ ލެބީއްކުން ވަރިހަމައި ގެ ޝޫޓިންގެ ތެރެއިން…ފޮޓޯ/ނައުފަލް
ސްޓޫޑިއޯ 33 އަދި ޗައްޕަލަ ސްޓޫޑިއޯ އާއި އިވެންޓް ކާސްޓު މޯލްޑިވްސްގެ އިތުރުން ބުންނަރު ސްޓޫޑިއޯ ގުޅިގެން ހަދާފައިވާ އެ ޑޮކިއުމެންޓަރީ އިން ދައްކުވައިދޭނީ މީގެ 55 އަހަރު ކުރިން ދެވަނަ ފަހަރަށް ތިނަދޫ އަށް މީހުން އާބާދުވާން ފެށި އިރުގެ މަންޒަރުތަކެވެ. އަދި ކުރިން ރަށު މީހުން ބާލަފައި ތިބިއިރު ދެވަނަ ފަހަރަށް ސަރުކާރުން އެރަށަށް މީހުން އާބާދުވާން ފަހިކޮށްލުމުން ރަށުގެ ރައްޔިތުން ރަށް އާބާދުކުރަން ކުރި ބުރަ މަސައްކަތްތައް ފުރިހަމައަށް “މިރަޓާ ލެބީއްކުން ވަރިހަމައި” އިން ދައްކުވައި ދޭނެއެވެ.
ޓިކްޓޮކުން ވެސް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ނައުފަލް ބުނީ، އެ ޑޮކިއުމެންޓަރީން 35 މީހުންނަށްވުރެ ގިނަ ފަންނާނުން ފެންނާނެ ކަމަށާއި ރަށުގެ މުވައްސަސާތަކުގެ އިސްވެރިންގެ އިތުރުން ރައްޔިތުން މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުގުނީ ގެ ހާއްސަ މަންޒަރެއްވެސް ފެންނާނެ ކަމަށެވެ.
ތިނަދޫ ބަހުން ގެނެސްދޭ އެ ޑޮކިއުމެންޓްރީގެ ދިގުމިނުގައި 20 ވަރަކަށް މިނެޓް ހުންނާނެ ކަމަށް ނައުފަލް ބުނި އިރު “މިރަޓާ ލެބީއްކުން ވަރިހަމައި”ގެ ބައެއް މަންޒަރުތައް އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާ ހަފްލާގައި ސްޓޭޖް ޕްލޭ އެއްގެ ގޮތުގައި ވެސް ފެންނާނެ އެވެ.
މީގެ ދުވަސްކޮޅެއް ކުރިން އެ ޑޮކިއުމެންޓަރީގެ ރަސްމީ ޓްރެއިލާ ސޯޝަލް މީޑިއާ މެދުވެރިކޮށް ބެލުންތެރިނަށް ދޫކޮށްލާފައިވާއިރު އެ ޓްރެއިލާ އަށް ރާއްޖޭގެ ގިނަ ބައެއްގެ ޝައުގުވެރިކަން ވަނީ ދަމައިގަނެފައެވެ.
މިރަޓާ ލެބީއްކުން ވަރިހަމައި ގެ ޕޯސްޓު ޕްރޮޑަކްޝަންގެ މަސައްކަތް ކުރިއަށްދަނީ..ފޮޓޯ ނައުފަލް
“މިރަޓާ ލެބީއްކުން ވަރިހަމައި”ގެ ހުރިހާ މަސައްކަތެއް ނިންމާ ރިލީޒްކުރަން ސްޓޫޑިއޯ ތަކުން އަތުކުރި އޮޅާލައިގެން ތިބި އިރު ގިނަ ދިވެހިންނަށް އެ ޑޮކިއުމެންޓަރީ ވަރަށް ޝައުގުވެރިވާނެ ކަމާމެދު އެމީހުން ޝައްކެއް ވެސް ނުކުރެއެވެ.