ނިމިގެންދިޔަ އަހަރުގެ އޭޕްރީލުގެ 10 ވަނަ ދުވަހު މޯލްޑިވިއަން އައިޑޮލް އިން ވިދާލި ތަރި އަލީ އިނާން ސައީދް (އައްޔު) އާއެކު ކިޔާފައިވާ ހިތްގައިމު މޭޝްއަޕް ލަވަ އާ އެކު، ލަވަ ކިޔުމުގެ ދާއިރާއަށް އަލަށް ތައާރަފުވެގެންދިޔަ އުމުރުން 20 އަހަރުގެ ހިތްގައިމު އަޑުގެ ވެރިޔާ ޝާދިން ގެ ވިދުން މިވަނީ އިތުރަށް ގަދަވެފައެވެ.
މާލެ އަދި މާލެ ކައިރި ރަށްތަކުގެ ޝޯތަކުގައި ހާއްސަ ގޮތެއްގައި ވެޑިން ޕާޓީތަކުގައި މިހާރު ގުގުމަމުން، ހިތްތައް ފަތަހަ ކުރަމުން އަންނަނީ އޭނާގެ އަޑުންނެވެ. ސީއެންއެމް އަށް ދިން އިނޓަވިޔުއެއްގައި އޭނާ ބުނީ، މިހުރިހާ ކާމިޔާބީއެއްގެ އަސްލަކީ ރަހުމަތްތެރިޔާ އަލީ އިނާން ސައީދް (އައްޔު) ކަމަށެވެ. މި އިންޑަސްޓްރީގައި ޝާދިން މަޝްހޫރުވެގެން ދިޔައީ އައްޔު އާއެކު ކުރެވުނު ފުރަތަމަ މަސަތްކަތުންނެވެ.
"މި ސްޓޯރީގައި މެއިން މީހަކީ ވެސް އަސްލު އައްޔު. ގުރޭޑު އަށަކުން ފެށިގެން އައްޔު އާއެކު މި އުޅެނީ. އައްޔު އާ ދިމާވާއިރު އައްޔު ހުންނާނި އަބަދުވެސް ގިޓާ ހިފައިގެން. ސުކޫލް ނިމިގެން އައްޔު ސްރީލަންކާއަށް ފެމިލީކަމެއްގަ ދާން އޮތް ދުވަހުގެ ކުރީ ދުވަހު އައްޔު ކައިރީގައި އިންދަ ޝާދިން އަށް ކިޔުނީ ލަވައެއް. އެހިސާބުން މީތި ފެށުނީ އެއީ 2017ވަނަ އަހަރު. އައްޔުގެ ސަޕޯޓުން އަސްލު މިކަން ކުރަން ފެށިފައި މިހުރީ. ދެން އައްޔު ކައިރި ބުނީ ގިޓާ ދީފަ ދާށޭ ޝާދިން އަށް. އައްޔު އަންނަން ވާއިރަށް ޝާދިން ގިޓާ ކުޅެން ދަސްކުރާނަމޭ. ދެން އައްޔު އެނބުރި އައުމަށް ފަހު ވަރަށް ދުވަހުގެ މަސައްކަތުން ގާތްގަނޑަކަށް ދެމަސް ދުވަހު ހުއްޓުމެއްނެތި ކުރި މަސައްކަތުން އެމޭޝްއަޕް ނެރެވިގެން އެދިޔައީ. ހަމަ ހުރިހާ ކުރެޑިޓެއް ވެސް އައްޔު އަށް ދޭވަރުވޭ. އެކަމު ޝާދިން ވެސް އެފޮޓު ނުލިނަމަ މިހާހިސާބަކަށް ނައިސްތާ. ފިފްޓީ ފިފްޓީ އޭ ދޯ އަސްލު ބުނަން ޖެހޭނީ،"
ޝާދިން އިތުރަށް ބުނީ މި ދާއިރާއަށް ނުކުންނަން ކުރިމަސައްކަތަކީ ވަރަށް ޓަފް، ހާޑް މަސަތްކަތްތަކެއް ކަމަށެވެ. މިގޮތަށް ހިނގި ހާދިސާ އަކަށް އަލިއަޅުވާލަމުން އޭނާ ބުނެފައިވަނީ، "އެއީ ޕާފޯމް ކޮށްލަން ލިބުނު ފުރަތަމަ ވެޑިން" ކަމަށެވެ.
"ރަށްޓެއްސަކު ގުޅާފައި ބުނީ އެދުވަހު ހަތަރު ގަޑި ބަޔަށް ވެޑިންއެއްގައި ޕާފޯމް ކޮށްލަދޭށޭ، ޝާދިން ގެ އޮފީސް ނިމެނީ ހަތަރެއް ޖަހާއިރު. އެކަމުވެސް ވަރަށް ހާލުން އެތަނަށް ދިޔަ އިރު އެތާގެ ސައުންޑް ހުރީ މައްސަލައެއް ޖެހިފަ.މި ކިޔާދިން ވާހަކައިން އަމިއްލަޔަށް މަސައްކަތް ކޮށްގެން މިދާއިރާ އަށް ނުކުންނަން އުޅޭ ކުދިންނަށް ވަރަށް ބޮޑުއެއްޗެއް ވިސްނޭނެ. އެއީ ފައިނޭންޝަަލީ އަދި މީހުންގެ ފަރާތުން ގިނަ ފަހަރަށް އަންނަ ނެގެޓިވް ކޮމެންޓްސް އާއި ޕޮޒިޓިވް ކޮމެންޓްސް އަށް ކުރެވޭ އެޕްރޯޗް. ވަރަށް ބޮޑަށް ސަމާލު ވާން ޖެހޭނެ އެކަން ކަމަށް،" ޝާދިން ކިޔައިދިނެވެ.
މިޔުޒިކް އެންޓަޓެއިންމެންޓްގެ ދާއިރާއަށް ވަންނަން ބޭނުންވާ ބައިވަރު ކުދިން ރާއްޖޭގައި އުޅެމުން ދާއިރު ޝާދިން އަކީ ނަމޫނާ ފަންނާނެކެވެ. ޝާދިން އެ ކިޔާދިން ވަހަކައިން އެނގެނީ ކޮންމެ ކަމެއްވެސް ހިއްވަރު ދޫނުކޮށް، ކޮށްފި ކަމަށް ވާ ނަމަ ނުކުރެވޭނެކަމެއް ނޯންނާނެ ކަމަށް އޭނާ ބުންޏެވެ.
އިތުރަށް ކިޔާދެމުން އޭނާ ބުނީ، ކުރިޔަށް އޭނާގެ ބައިވަރު ޕްލޭންސް އެބަހުރި ކަމަށެވެ. ފިލްމްތަކާއި، ސީރީޒްތަކުންވެސް ފުރުސަތުތައް އެބަހުރި ކަމަށާއި. މިވަގުތު ހާލަތު ހުރި ގޮތުން އެކަހަލަ ކަމެއްގައި ނޫޅެވުނަސް ޝާދިންގެ ކަވާ ސޯނގްސްގެ މަސައްކަތްތައް ވަރަށް ހަލުވިކަމާއިއެކު އަންނަނީ ކުރަމުންނެވެ. އިތުރަށް އޭނާ ބުނީ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ވަރަށް ސަޕްރައިޒިން ލަވަތަކެއްކަމަށެވެ.
ޝުކުރުގެ ލިސްޓު ކިޔާދެމުން އޭނާ ފުރަތަމަ ވެސް ނެގީ އޭނާގެ ދެގޮތެއްނުވާ ރަހުމަތްތެރިޔާ އައްޔު އެވެ. ދެވަނައަށް އޭނާ ނެގީ އޭނާގެ މަންމަ އެވެ.މަންމަގެ ނަން ފާހަގަ ކުރަމުން އޭނާ ބުނީ އެއީ ހަމަ މަންމަ ފުޅެއް ކަމުގައެވެ. އަދި ކައިރީގައި އުޅޭ ހުރިހާ ރަހުމަތްތެރިންވެސް އޭނާގެ ޝުކުރުގެ ލިސްޓުގައި ވަނީ ހިމަނާފަ އެވެ.
"އަސްލު އެންމެ ގާތް ކޮން މިއުޅޭ ހުރިހާ ރައްޓެހިން ވެސް ވަރަށް ހެލްޕުވި، ވަރަށް ސަޕޯޓިވް ހަމަ، ވަރަށް ރަނގަޅު ރައްޓެހިންކޮޅެއް ގޮވައިގެން މިއުޅެނީ. ވަކި ވަކިން އެންމެންގެ ނަން ނުކިޔުނަސް އެންމެންނަށްވެސް ވަރަށް ބޮޑަށް ތެންކިޔު".
އަރަމުން އަންނަ މިރަން އަޑުގެ ވެރިޔާގެ މިދާއިރާއިން އެންމެ ދެކެން ބޭނުންވާ ދުވަހަކީ އޭނާގެ އަމިއްލަ ލަވަޔަކަށް އިންޓަނޭޝަނަލް ލެވަލްގައި އެވޯޑެއް ލިބޭ ދުވަހެކެވެ. އެ އުއްމީދުގައި ޝާދީން ޕާފޯމް ކުރަމުންދާއިރު ދިވެހި މިއުޒިކީ ޖައްވުގައި އޭނާ ދަނީ ފިޔަ ޖަހަމުންނެވެ.