އެޗްއާރްސީއެމުން އިންތިޒާމްކޮށް ކުޅުދުއްފުށީގައި އިއްޔެ ފެށި އިންޓަގްރޭޓެޑް ހިއުމަންރައިޓްސް ޕްރޮގްރާމް އިފްތިތާހްކުރުމަށް ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ، ރާއްޖޭގެ ދެކުނުގައި އެޗްއާރްސީއެމްގެ އޮފީހެއް ގާއިމުކޮށްފައިވާ ގޮތަށް އުތުރުގެ އަތޮޅުތުން ވެސް އެފަދަ އޮފީހެއް މި ރީޖަންގައި ގާއިމްކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ، ދެކުނުގައި ގާއިމްކުރެވުނު އެޗްއާރްސީއެމްގެ އޮފީހުގެ ސަބަބުން އެ ސަރަހައްދުގައި އިންސާނީ ހައްގުތަކަށް އަހުލުވެރިވެރިވުމުގެ ގޮތުން ކުރާ މަސައްކަތްތައް ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ.
އެ ރަސްމިއްޔާތުގައި އިތުރަށް ވާހަަކަ ދައްކަވަމުން އާތިފް ވިދާޅުވީ އިންސާނީ ހައްގުތަކަށް މީހުން އަހުލުވެރިކުރުމުގެ ގޮތުންނާއި އެފަދަ ކަންކަމަށް ހަރަކާތްތައް އިންތިޒާމްކޮށް ބޭއްވޭނެ އޮފީހެއް އުތުރުގައި ގާއިމްކޮށްދިނުމަށް މުޅި ހދ ރައްޔިތުންވެސް އަދި ކުޅުދުއްފުށީ ސިޓީގެ ރައްޔިތުން ވެސް މިއަދު އެދޭ ކަމަށެވެ.
އެފަދަ ކަމަކަށް އެޗްއާރްސީއެމް އިން އިޖާބަ ދީފި ނަމަ ކުޅުދުއްފުށީ ރައްޔިތުންނާއި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް ވެސް މޭޔަރުގެ ވާހަކަގައި ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން އިންޓަގްރޭޓެޑް ހިއުމަންރައިޓްސް ޕްރޮގްރާމް ކުޅުދުއްފުށީގައި ބޭއްވުމަށް ނިންމުމުން އުފާކުރައްވާ ކަމަށާއި އެފަދަ ބޭނުންތެރި ޕްރޮގްރާމެއް ކުޅުދުއްފުށީގައި ބޭއްވިގެންދާ ކަމީ މުޅި ކުޅުދުއްފުށި ސިޓީ އެކަމަށް ފަހުރުވެރިވާ ކަމެއް ކަމަށް ވެސް އާތިފް ވިދާޅުވިއެވެ.
އިއްޔެ އެ ސިޓީގައި ފެށި ޕްރޮގްރާމްގެ ތެރެއިން ހިއުމަންރައިޓްސް ކޮމިޝަންގެ ޓީމުން އިއްޔެ ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަަސައްކަތްކުރާ ކޮމިޓީއާ ވަކިން ބައްދަލުކޮށްފައެވެ.
އެ ބައްދަލުވުމުގެ ތެރެއިން ކުޅުދުއްފުށި ސިޓީގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށް ހޭލުންތެރިކުރުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު އިރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އަންހެނުންގެ ހައްގުތައް ކުރިއެރުވުމަށް އެ ކޮމިޓީން ކުރާ މަސައްކަތްތައް އެޗްއާރްސީއެމްގެ ޓީމާއި ހިއްސާކޮށްފައެވެ.
މި މަހުގެ ހަތަކުން 13 ވަނަ ދުވަހުގެ ނިޔަލަށް ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދާ އިންޓަގްރޭޓެޑް ހިއުމަންރައިޓްސް ޕްރޮގްރާމްގެ މަގްސަދަކީ ހިއުމަން ރައިޓްސް ކޮމިޝަނުން ދެމުންދާ ހިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުން ކަމަށާއި އެގޮތުން އިންސާނީ ހައްޤުތަކަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް އަތޮޅުތެރެއަށް ފުޅާކޮށް ދެމެހެއްޓެނިވިގޮތެއްގައި މިމަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްތަކާއި ސަރުކާރުގެ އިދާރާތަކާއި ޖަމްއީއްޔާ ޖަމާއަތްތައް ބާރުވެރިކުރުމެވެ.
މިޕްރޮގްރާމަކީ ހިއުމަން ރައިޓްސް ކޮމިޝަނާއި ކައުންސިލްތަކާއި ގުޅިގެން އަތޮޅުތެރޭގައި ދޭ އިޖްތިމާއީ އަދި އިގްތިސާދީ ޚިދުމަތްތައް ހަރުދަނާކުރުމަށާއި އިންސާނީ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތާ މުޖްތަމައެއް ބިނާކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމެކެވެ.