ads
ރައީސް ރ. ވާދޫ ކައުންސިލާ ބައްދަލު ކުރެއްވުމުގެ ތެރެއިން
ރ ވާދޫން ކަންބޮޑުވަނީ ރަށްގިރުމުގެ މައްސަލައާއި ބަނދަރުގެ ދަތިކަން ހުރެގެން
ރަށްގިރުމުގެ މައްސަލައާއި ބަނދަރުގެ ދަތިކަމާއި ފުޓްބޯޅަ ދަނޑު ބޮޑުކުރުމާއި ފުލުހުންގެ ޚިދުމަތް ފުޅާކުރުމާއި އަދި ރަށުގެ ތަރައްޤީއަށް މުހިންމު އެކި މަސައްކަތްތައް ފާހަގަކޮށް އެރަށުގައި ހުރި ކަންބޮޑުވުންތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަށް، ރ.ވާދޫ ކައުންސިލުން ހުށަހަޅައިފިއެވެ.
Advertisement

މި ބައްދަލުކުރެއްވުމުގައި ވާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ކޮމެޓީގެ މެންބަރުންގެ އެލަވަންސް ބޮޑުކުރަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް ރ.ވާދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ ވާދޫ ކައުންސިލުގެ އިދާރާގައެވެ.

ވާދޫ ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް ކުރަމުންއަންނަ މަސައްކަތްތަކާއި ކުރިޔަށްރޭވިފައިވާ ތަރައްޤީގެ ޕްލޭންތައް ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ވާދޫ ކައުންސިލުން ރަށުގެ ތަރައްގީއަށް ޕްލޭންތައް ތައްޔާރުކޮށް ގިނަ މަސައްކަތްތަކެއް ކުރިޔަށްގެންދަވާތީ އެކަމަށްޓަކައި ކައުންސިލުގެ މެންބަރުންނަށް ތަޢުރީފުކުރައްވާފައެވެ. އަދި ރަށުގެ ތަރައްގީއަށް ކައުންސިލުން އެކުލަވާލާފައިވާ ޕްލޭންތަކާއި ކުރިޔަށްގެންދާ މަސައްކަތްތަކުގައި ސަރުކާރުގެ އެހީތެރިކަން ފުރިހަމައަށް ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ހައްލު ހޯދައިދިނުމަށް މަސައްކަތްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަލާލެއްވުމަށްފަހު ރައީސް ވަނީ ވާދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވާފައެވެ. މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މީގެެ އިތުރުން ރައީސް ވަނީ އެރަށުގައި ނަރުދަނާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ހިނގާ ސަރަޙައްދަށް ޒިޔާރަތްކުރައްވާފައެވެ.

ރައީސްގެ ދެކަނބަލުން މިހާރު ރ. ވާދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ މިލަދުންމަޑުލު އުތުރުބުރީގެ 4 ރަށަކަށާއި، މާޅޮސްމަޑުލު އުތުރުބުރީގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފަސްވަނަ މަންޒިލެވެ. މި ދަތުރުފުޅުގައި ރައީސް އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް