މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ކުޅުދުއްފުށީގައި ކުރިއަށްގެންދާ އިންޓަގްރޭޓެޑް ހިއުމަންރައިޓްސް ޕްރޮގްރާމްގެ ތެރެއިން އެ ކޮމިޝަންގެ މެންބަރުން އިއްޔެ ވަނީ ހދ.އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނަށް އަދި ކުޅުދުއްފުށީގެ ގިނަ އެންޖީއޯ ތަކަކާއި ބައްދަލުކުރައްވާފައެވެ.
ކުޅުދުއްފުށީ އަތޮޅު ކައުންސިލްގައި އިއްޔެ ބޭއްވިގެންދިޔަ ބައްދަލުކުރެއްވުމުގައި އޮންލައިންކޮށް ކައުންސިލަރުން ބައިވެރިވެ ރަށުގައި ހުރި ކަންބޮޑުވުން ތަކުގެ ވާހަކަތައް އަދި އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ދަތިތައް ކުރިމަތިވާ ކަންކަން ވަނީ ހުށަހަޅާފައެވެ.
އެގޮތުން އިގްތިސާދީ ގޮތުން ބައެއް ދަތިތައް ހުރިކަން ކައުންސިލަރުން ފާހަގަކުރެއްވިއިރު އެޗްއާރްސީއެމުން ވަނީ ކޮންމެ ރަަށެއްގައި ވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދެނެގަނެ ދަފްތަރެއް އެކުލަވާލުމަށް ކައުންސިލްތަކުގައި އެދިވަޑައިގެންފައެވެ.
އޭގެ އިތުރުން އެ ބައްދަލުވުމުގެ ތެރެއިން އެޗްއާރްސީއެމުން ވަނީ ރަށް ރަށުގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް ކުރެވިދާނެ ބައެއް ކަންކަން ހިއްސާކުރައްވާ، ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި ކައުންސިލްތައް ބައިވެރިކޮށްގެން ކުރިއަށްދާން ބޭނުންވާ ކަމަށް ދަންނަވާފައެވެ. އެ ބައްދަލުކުރެއްވުމުގެ ތެރެއިން ބައިވެރިވެވަޑައިގެންނެވި ކައުންސިލްތަކުގެ ރައީސުން ވަނީ އެޗްްއާރްސީއެމުން އިންތިޒާމްކޮށް އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ހިންގޭ ޕްރޮގްރާމްތަކުގައި ރަށު ކައުންސިލުން ލިބެންޖެހޭ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބިގެންދާނެ ކަމަަށް ޔަގީންކޮށްދެއްވާފައެވެ.
އަދިހަމައެއާއެކު ކުޅުދުއްފުށި ސިޓީގެ ބައެއް އެންޖިއޯތަކުން ވެސް ވަނީ ކޮމިޝަންގެ މެންބަރުންނާއި އެކު ބޭއްވުނު ބައްދަލުކުރެއްވުމުގެ ތެރެއިން އެ ކޮމިޝަނުން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި ފުރިހަމައަށް ބައިވެރިވާނެ ކަމަށް ދަންނަވާފައެވެ.
އޭގެ އިތުރުން އެ ބައްދަލުވުމުގެ ތެރެއިން އެ ކޮމިޝަނުން ވަނީ އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކަށަވަރު ކުރުމުގައި މަދަނީ ޖަމިއްޔާތަކުގެ ރޯލު ބޮޑުކަން ފާހަގަކުރައްވާ އެފަދަ ކަންކަމުގައި ސާބިތުވެ ތިއްބެވުމަށް އެދި ދަންނަވާފައެވެ.
އިންޓަގްރޭޓެޑް ހިއުމަންރައިޓްސް ޕްރޮގްރާމްގެ ތެރެއިން ގިނަ ޝެޝަން ތަކާއި އެކްޓިވިޓީސް ތަކެއް ބާއްވަމުން އަންނަ އިރު އެ ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގެ މަގްސަދަކީ ހިއުމަން ރައިޓްސް ކޮމިޝަނުން ދެމުންދާ ހިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުން ކަމަށާއި އެގޮތުން އިންސާނީ ހައްޤުތަކަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް އަތޮޅުތެރެއަށް ފުޅާކޮށް ދެމެހެއްޓެނިވިގޮތެއްގައި މިމަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްތަކާއި ސަރުކާރުގެ އިދާރާތަކާއި ޖަމްއީއްޔާ ޖަމާއަތްތައް ބާރުވެރިކުރުމެވެ.
މިޕްރޮގްރާމަކީ ހިއުމަން ރައިޓްސް ކޮމިޝަނާއި ކައުންސިލްތަކާއި ގުޅިގެން އަތޮޅުތެރޭގައި ދޭ އިޖްތިމާއީ އަދި އިގްތިސާދީ ޚިދުމަތްތައް ހަރުދަނާކުރުމަށާއި އިންސާނީ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތާ މުޖްތަމައެއް ބިނާކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމެކެވެ.