މިދިޔަ ހަފްތާގައި ދިވެހިރާއްޖޭގެ ތައުލީމީ ވުޒާރާއާއި ޔުނެސްކޯއާއި ގުޅިގެން ދިވެހި ދަރިވަރުންނަށް ހިންގި ޕައިލެޓް ޕްރޮޖެކްޓުގައި ވަނީ މާތް ﷲ ވޮޑިގެންވާ ކަމާއިމެދު ޝައްކު އުފައްދާ ބައެއް ސުވާލުތައް ކުރާ މަންޒަރު ފެންނަ ކާޓޫން ފޮޓޯތަކަކާއިއެކު މޮޑިއުލް އެކެއްގެ ސުވާލުތައް ކުރިމަތިކޮށްފައެވެ. އެ ސުވާލުތަކުގައި ކަލަކު ވޮޑިގެންވާ ނަމަ ހަނގުރާމަތަކަށް ޖާގަ ލިބެނީ ކީއްވެތޯ އާއި އިންސާނުންނަށް އަޅައިނުލަނީ ކީއްވެތޯ އަދި އާދަމްގެފާނާއި ހައްވާގެ ފާނު އިންސާނުންނާއިއެކު ނެތީ ކީއްވެތޯ ވަނީ ސުވާލު އުފައްދައިފަ އެވެ. އަދި ދަރިވަރުންގެ ތެރެއިން ތިން ކުއްޖަކަށް އަނިޔާވެފައިވަނީ ކީއްވެތޯވެސް ވަނީ ސުވާލު އުފައްދާފައެެވެ.
މި މައްސަލައިގައި ރައްޔިތުންގެ އިއްތިހާދު ޖަމިއްޔާ އިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުވި ސިޓީއެއްގައި ވަނީ ޔުނެސްކޯއިން އަގީދާ ހަލާކުކޮށް ދީން ބަދަލުކޮށްލުމަށް ކުރަމުން އަންނަ ބައެއް މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ގްރޭޑް 7، 8 އަދި 9ގެ ބައެއް ދަރިވަރުންނަށް ( ގްލޯބަލް ސިޓިޒަން މޮޑިއުލް) ނަމުގައި ވަރަށް ފާޅުގައި އެތީޒަމް ( އިލްޙާދު ﷲ ވޮޑިގެން ނުވާކަމަށް ބުނާ ދީނުގެ) ފިކުރުތައް ގަސްތުގައި ރާވައިގެން ވައްދަން މަސައްކަތް ކުރިކުރުން މިހާރު އާއްމުންނަށް ތިލަވެ ކަމާއި ބެހޭ އެންމެހާ ފަރާތްތަކަށް ނޫސްމީޑިޔާ މެދުވެރިކޮށް ބޭރުވެފައިވާ ކަން ފާހަަގަކޮށްފައެވެ.
އެހެންކަމުން ދިވެހިންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރާ ގާނޫނާ ގަވާއިދު ހިމާޔަތް ކުރުމުގެ ގޮތުން ވަކި ފަރުދަކު ނުވަތަ ޖަމިއްޔާ ޖަމާއަތްތަކުން ނަމަވެސް ޣައިރު ޤާނޫނީ އަމަލެއް ހިންގުމަކީ ވަގުތުން އެކަމާއި ޤާނޫނުގެ ފިޔަވަޅު އަޅަން ޖެހޭ ކަމެއްކަމުން، އެކަން ހަނދާންކޮށްދީ މި މައްސަލަ ރަސްމީކޮށް ބައްލަވައި ދެއްވުމަށް އެއިއްތިހާދުގެ ފަރާތުން ފޮނުވި ސިޓީގައި އެދިފައިވެެއެވެ.
މީގެ އިތުރުން ރަސޫލާއަށް ފުރުއްސާރަކުރި އުތެމާގެ ފައުންޑަރުންނަށް ފިޔަވަޅު އެޅުމަށް އެދުނުނަމަވެސް މިހާތަނަށް ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަކުރަމުން އެސިޓީގައި ވަނީ އެޑިޔުކޭޝަން މިނިސްޓަރު ހިމެނޭހެން އެވުޒާރާގެ މައްސަލަވެސް ބަލައިދީ ފިޔަވަޅު އަޅައިދިނުމަށް އެދިފައެވެ.
އެކަމާއި ގުޅިގެން އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ، އެއީ ޔުނެސްކޯގެ އެމްޖީއައިޕީއާއި ގުޅިގެން ހިންގަން ގަސްތުކުރި ޕްރޮގްރާމެއް ކަމަށެވެ. އެ ޕްރޮގްރާމަކީ ކޮވިޑާއި ގުޅިގެން ކުދިންނަށް ދިމާވި މެންޓަލް ހެލްތުގެ މައްސަލަތަކާއި ޑީލްކުރުމަށް ދަރިވަރުންނަށް ދަސްކޮށްދިނުމަށް ހިންގުމަށް ގަސްތުކޮށްގެން ޔުނެސްކޯއިން ހުށަހެޅި ޕްރޮގްރާމެއް ކަމަށާއި އެ ޕްރޮގްރާމުގެ ތިން ކޮންޓެންޓެއްގައި އެފަދަ ސްލައިޑެއް ހިމެނިފައިވާތީ މިނިސްޓްރީން ވާނީ ވަގުތުން އެ ޕްރޮގްރާމުން ވަކިވެފަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.