ads
އައިސްތަ ހާލުފޮޅި ފިހުމުގައި..ފޮޓޯ/ސީއެންއެމް
އައިސްތަގެ "ހާލުފޮޅި"ގެ ރަހަ ކުޅުދުއްފުށިން މުޅި ރާއްޖެއަށް!
"ފޮޅި ފިހުން އެއީ ބުރަ މަސައްކަތެއް ނަމަވެސް ދައްތަގެ ހިތާއި ގުޅިފައި"
ހދ. ކުޅުދުއްފުށި ސިޓީ ފަސްގަނޑުގައި ފައި ޖެހުމާއެކު މި އާދެވުނީ "ހާލުފޮޅި" ގެ ރަށަށް ކަން އިހުސާސްވުމުން ދުވަހަކު ވެސް މީގެ ކުރިން އެ ފޮޅި ކެވިފައި ނުވާތީ އޭގެ ރަހަ ބަލާނަމޭ ހިތާ ހިތާ ކިޔައިލީމެވެ. ޒަމާނުންސުރެ ކުޅުދުއްފުށީގެ އެ އުފެއްދުމުގެ ވާހަކަ އަޑު އިވިފައި އޮންނާތީ އެ ތައްޔާރުކުރާ ގޮތް ބަލައި ހޯދައި ތަޖުރިބާނުކޮށް ހުންނާކަށް ހިތަކަށް ކެތެއް ނުވިއެވެ.

ބުރަ ދުވަހެއްގެ ހަވީރު ސަޔަށް ހޮޓަލަކަށް ވަދެ އެތާ އިން ކުޅުދުއްފުށީ މީހެއް ގާތުގައި ވެސް ހާލުފޮޅީގެ ވާހަކަ ދެކެވުނެވެ. އަދި އެމީހާ ގާތުން މައުލޫމާތު ހޯދައި ހާލުފޮޅި ތައްޔާރުކުރާ ގެއަކަށް ދާން ބޭނުންވާ ކަމުގައި ބުނީމެވެ.

ޖެހިގެން އައި ދުވަހު އިރު އެރުމާއެކު ކުޅުދުއްފުށީގެ އެ ރަމްޒީ އުފެއްދުން އުފައްދާ ގެއަކަށް ދިޔައީ ހާލުފޮޅި ތައްޔާރުކުރާ މަންޒަރު ބަލައިލުމުގެ ބޭނުމުގައި ވެސްމެއެވެ. ކުޅުދުއްފުށީ އުނިގަސްދޮށުގެ އަށް ވަދެގެން ދިޔަ އިރު ކަންދިމާކުރި ގޮތުން އެގޭގައި ބޮޑު އޯޑަރަކަށް ހާލުފޮޅި ތައްޔާރު ކުރަނީ އެވެ. ފުރަތަމަ ވެސް ހުއްދައެއް ހޯދައި ނަގާލެވުނީ ފޮޓޯއެކެވެ. 

ކުޑަ ދަރު ބަދިގެއެއްގެ ތެރޭ އެ މަސައްކަތުގައި އައިޝަތު އަލީ (އައިސްތަ)އާއި އޭނާގެ ދަރި އެއް ހާލުފޮޅި ތައްޔާރުކުރުމުގައި ތިބީ އަވަދިނެތިއެވެ. ދެވުނީ 400 ފޮޅީގެ އޯޑަރަކަށް ފޮޅި ތައްޔާރުކުރަން ޖެހިގެން އުޅެނިކޮށެވެ. 

އައިސްތަގެ މަސައްކަތް ކުޑަ ވަގުތުކޮޅަކު ބަލައިލަން ހުރުމަށް ފަހު ފަރިތަ ކަމުން އައިސްތަ މި މަސައްކަތް ކުރާތާ ކިތައް އަހަރުވެއްޖެތޯ އަހާނުލާ ހަމަ ކެތްނުވިއެވެ.

your imageއައިސްތަ ފިހެފައިވާ ހާލުފޮޅިތަކެއް…ފޮޓޯ/ސީއެންއެމް

"ކޮއްކޯ ސީދާ ތާރީހެއް ބުނާނީ ކިހިނެއް ކަމެއް ނޭންގެ. ސުނާމީ އެރީ ފޮޅި ފިހެގެން ފޮޅި ގުނަން އިންދާ. ސުނާމީގެ ވެސް މާ ކުރިން ވެސް ދައްތަމެން މި ފޮޅިފިހަން،" އައިސްތަ ވާހަކަ ފެށިއެވެ.

އައިސްތަ ހާލުފޮޅި ހެދުމުގައި ވޭތުކުރި އަހަރުތައް ބުނަން ނޭންގުނަސް އުނިގަސްދޮށުގެ އަކީ މިހާރު އެރަށުގައި ހުރި ހާލުފޮޅި ތައޔާރު ކޔރުމުގައި އެންމެ މަޝްހޫރު އެއް ގެއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އެގެއިން ތައްޔާރުކުރާ ފޮޅީގެ ރަހަ ރާއްޖޭގެ އެކި ހިސާބުތަކުން ގިނަ ރަށްރަށަށް ގޮސްފިއެވެ. އެ ފޮޅީގެ ރަހަ ކަމުނުދާ ބަޔަކު ކުޅުދުއްފުށީ ސިޓީއަކުވެސް ނެތެވެ.

"ދައްތަ މި މަސައްކަތް ކުރަނީ ވަރަށް ކުރާހިތުން. މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް މިގޭގެ ހާލުފޮޅި ރަހަ އެނގިގެން ވަރަށް ގިނައިން އޯޑަރު ކުރާނެ. ގޮތަކަށް ބުނަންޏާ މިހާރު ހުންނަނީ ގިނަ ކަމުން ނުވެފައި. ވަރަށް ގިނަ ބަޔަކު ގުޅާނެ ކޮންމެ ދުވަހަކުވެސް،" އައިސްތަ ބުންޏެވެ.

ހާލުފޮޅި ތައްޔާރު ކުރާގޮތް ކިޔައިދެމުން އައިސްތަ ބުނީ ފޮޅި ފިހުމަށް މާ ބައިބަރު އެއްޗެހި ބޭނުން ނުވާނެ ކަމަށާއި ކުޑަ ކޮށްވެސް ވަގުތު ނަގާނީ ހަނޑޫފެނުލައި އެ ހިމުންކޮށް ފުނޑުމަށް ކަމަށެވެ.

"ހައެއް ނޫނީ ހަތް ގަޑި އިރު ފަހުން ހަނޑޫ ފެނުން ނަގާފައި އެންމެ ހިމުންކޮށް ފުނޑާނީ. ފުނޑާފައި ހަކުރު އަޅައިގެން ގިރުމަށް ފަހު ދެން ފުރާނާނީ، ދެން ވަކި ތެއްޔަކަށް ބިސް ތަޅާނީ. ގޮބޮޅި ގަނޑު ވަކިން ބަހައްޓަނީ ކާށި ތެޔޮ ބިސް ލާން. ގިރުވި ހަނޑޫ ފުށްތައް ބިސްތަކުގެ ތެރެއަށް އެޅުމަށް ފަހު އެއްކޮށްލާފައި އެކަށީގެންވާ ވަރަށް ފެން އަޅާނީ," ފޮޅި އަޅަން ފުށްގަނޑު ތައްޔާރު ކުރާނެ ގޮތް ވެސް އައިސްތަ ކިޔައިދިނެވެ.

your imageއައިސްތަ ފިހުން ހާލުފޮޅިތައް އަވީގައި ޖައްސަނީ…ފޮޓޯ/ސީއެންއެމް

އައިސްތަ އިތުރަށް ބުނީ، އެންމެ ފުރަތަމަ އެ މަސައްކަތް ފެށީ މަންމަ ގޭގައި ކަމަށާއި ނަމަވެސް މިހާރު އެ މަސައްކަތް ކުރަނީ އަމިއްލަ ގޭގައި ކަމަށެވެ. އަދި އެ ފޮޅި ވިއްކައިގެން ރަނގަޅު ހެޔޮ މަންފާއެއް ލިބޭ ކަމަށް އައިސްތަ ބުންޏެވެ. މިހާރު އައިސްތަ އާއެކު އޭނާގެ ދަރިން ވެސް ހާލުފޮޅި ފިހުމުގައި ހަރަކާތްތެރިވާކަން ފާހަގަކުރިއެވެ.

"މިހާރު ދަރިން ވެސް ފަސޭހަ ކޮށްދޭނެ. ދަރިން ގަބޫލެއް ނޫން މިހާރު ދައްތަ އުނދުން ކައިރި އިންނާކަށް. އެކަމު ވެސް ދެން ހަމަ ހުރިހާ ކަމެއް ކުރަނީ ދައްތަ،" އައިސްތަ ކިޔައިދިނެވެ.

އައިސްތަ ބުނީ، ހަނޑޫ ފެނުލައި ފޮޅި ތައްޔާރުކުރާ ފުށް ގިރުވާ ފޮޅި އަވީގައި ޖެއްސުމުގެ އިތުރުން ފޮޅި ވިއްކަނީ ވެސް އޭނާ ކަމަށެވެ. އައިސްތަ ބުނީ އެމީހުން އަދިވެސް އެ މަސައްކަތް ކުރަނީ އެންމެ ކުރީގެ ގޮތްގަނޑަށް ކަމަށާއި ފޮޅި ފިހަން ބޭނުން ކުރަނީ ވެސް މުށި ތަވާ ކަމަށެވެ. އަދި އައިސްތައަށް މީރީ ވެސް މުށި ތަވާގައި ފިހުނީމަކަން ފާހަގަކުރިއެވެ. އަދި އައި ބަދަލާއި އެކު ފިހާ ހާލުފޮޅީގެ ރަހައަށް ބަދަލު އަންނަ ވާހަކަ މީހުން ވެސް ދައްކާ ކަމަށް އައިސްތަ ބުންޏެވެ.

“ޒަމާނަށް އައި ބަދަލާއެކު ފޮޅި ފިހުމުގެ ވައްޓަފާޅިއަށް ބަދަލު އައިސް މިހާރު ބައެއް މީހުން ގެންގުޅޭނެ ތަތްނުލަވާ ތަވާ، އަދި ބޭނުން ކުރަނީ ޅަހަނޑޫ. އެކަމަކު ދައްތަމެން މި ގެންގުޅެނީ ހަމަ ކުރިން ވެސް ގެންގުޅު ތަވާ އަދި އެ ވައްޓަފާޅިގަނޑު،" އައިސްތަ ބުންޏެވެ.

your imageއައިސްތަ އާއި ދަރި ހާލުފޮޅޮ ފިހަނީ…ފޮޓޯ/ސީއެންއެމް

އައިސްތަ އިތުރަށް ބުނީ މިހާރުގެ ގޮތްގަނޑު ހައްޓަށް ލުވިވާނެކަމަށާއި ނަމަވެސް ކުރީގެ ގޮތްގަނޑުން ތައްޔާރުކުރާ ފޮޅި މީރުވާނެ ކަމަށާއި ހާލުފޮޅި ތައްޔާރު ކުރާއިރު އެކަށީގެންވާ ވަރަށް ސާމާނު އެޅުމުން ފޮޅީގެ ރަހައަށް ބަދަލު ނައިސް ހިފޭއްޓޭނެ ކަމަށެވެ.

ހާލުފޮޅި އެޅުމުގެ އިތުރުން އާމްދަނީ ހޯދުމަށް ރޯނު ވެސް ވަށާ އައިސްތަ ބުނީ ފޮޅި ފިހުން އެއީ ބުރަ މަސައްކަތެއް ނަމަވެސް ދައްތަގެ ހިތާއި ގުޅިފައިވާ މަސައްކަތެއް ކަމަށެވެ.  އަދި ކުޅުދުއްފުށީ މަޝްހޫރު ހާލުފޮޅި އަކީ ރަށުގެ ތާރީހާއި ގުޅިފައިވާ އުފެއްދުމެއް ކަމުން އެ މަސައްކަތް ކުރުން ހުއްޓާނުލުމަށް އައިސްތަ ވަނީފޮޅި ފިހާ އެންމެން ކައިރިވެސް އެދިފައެވެ. 

97%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް