ފިލައިގެން އުޅެނިކޮށް މާލެ ގެނެސް ޝަރީއަތް ފަށާފައިވަނިކޮށް، ކުރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ދޫކޮށްލި އައްމަޓީގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ މި އަޑުއެހުން ތާވަލުކޮށްފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 09:30 އަށެވެ.
އައްމަޓީގެ މައްޗަށް 42 ދައުވާއެއް ދައުލަތުން ކުރެއެވެ. އެއީ ހިޔާނާތްތެރިވުމުގެ ކުށުގެ 12 (ބާރަ) ދައުވާއަކާއި، ހިޔާނާތްތެރިވުމުގެ ކުށުގެ 25 ދައުވާއެއްގެ އިތުރުން ހިޔާނާތްތެރިވުމުގެ ކުށުގެ ފަސް ދައުވާއެކެވެ.
މި ދައުވާތައް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެކަމަށް ދައުލަތުން ވަނީ ބުނެފައެވެ.
އައްމަޓީ ފިލައިގެން އުޅޭތީ، އޭނާ ހޯދަން 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް، އޭނާ ހައްޔަރު ކުރި ކަމަށް އިންޓަޕޯލުން ފުލުހުންނަށް އެންގީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އޭނާ ހައްޔަރުކުރީ ލަންކާގައި ފިލައިގެން އުޅެނިކޮށެވެ.
އައްމަޓީގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ހުޅުމާލޭގައި ހައުސިން ޔުނިޓުތަކެއް ހެދުމަށް 200 އަށް ވުރެ ގިނަ މީހުންގެ އަތުން މަކަރާއި ހީލަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާތީއެވެ.
އައްމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް ކުރަން ފޮނުވައި، އޭނާ ބަންދުގައި ބަހެއްޓީ ހެއްކަށް ނުފޫޒު ފޯރުވާނެކަމަށާއި، މުޖުތަމައަށް ނުރައްކާވާ ކަމަށް ބުނެއެވެ. ނަމަވެސް މާލެއިން ފުރައިގެން ނުދިއުމަށް ޝަރުތުކޮށް ކްރިމިނަލް ކޯޓުން ޖޫން މަހުގެ 17ވަނަ ދުވަހު ވަނީ އޭނާ ބަންދުން ދޫކޮށްލާފައެވެ.
އެ އަމުރު ހައިކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރުމުން އަންމަޓީއަކީ ބަންދުގައި ބަހައްޓަން ޖެހޭ މީހެއް ކަމަށް ނިންމާ އޭނާ ހައްޔަރުކުރުމަށް ދައުލަތުގެ މައްޗަށް ހައިކޯޓުން އަމުރު ނެރުނެވެ.
އެ އަމުރުގެ ދަށުން ބަންދުގައި ހުރި އަންމަޓީގެ ބަންދު ރިވިއު ކުރުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ލާޒިމްކުރާތީ، ދައުލަތުން މިފަހުން ކުރިމިނަލް ކޯޓަށް ހުށަހެޅަމުން އިތުރު ޝަރުތަކެއް މަތިކޮށްފައި ނަމަވެސް ބަންދުން ދޫކޮށްލުމަށް އައްމަޓީ އެދިފައިވެއެވެ. އެގޮތުން ކޯޓަށް ނުވަތަ ދައުލަތުގެ އިދާރާއަކަށް ކޮންމެ ދުވަހަކު ހާޒިރުވާން ޖެހޭ ގޮތަށް ޝަރުތުކޮށް ނުވަތަ ކަފާލާތުގެ ދަށުން މީހަކު ޖާމިނުވެގެން ދޫކޮށްދިނުމަށް ވެސް އޭނާ އެދިފައިވެއެވެ.
އެ އެދުމާ ގުޅޭ ގޮތުން އެދުވަހު ގާޒީ ހަސަން ސައީދު ވިދާޅުވީ އަންމަޓީގެ މައްޗަށް ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާއިރު، ދޫކޮށްލައިފިނަމަ މުޖުތަމައުގެ މަސްލަހަތު ގެއްލި، ކުށް ކުރުމަށް ހިތްވަރު ލިބޭނެ ކަމަށާއި، ޝަރުތުތަކަކާއެކު ދޫކޮށްލި ނަމަވެސް އެ ޝަރުތުތަކަށް އައްމަޓީ އަމަލު ކުރާނެ ކަމަކަށް ޝަރީއަތަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެހެންކަމުން ބަންދުން ދޫކޮށްލައިފިނަމަ ޝަރީއަތަށް ހާޒިރުނުވެ ފިލައިގެން ގޮސްދާނެތީ އަންމަޓީ ބަންދުން ދޫނުކުރުމަށް ގާޒީ ނިންމާފައިވެއެވެ. ނަމަވެސް، 30 ދުވަހުން ފަހުން އަނެއްކާވެސް ބަންދު ރިވިއު ކުރާއިރު ހާލަތު ބަދަލުވެފައިވާނަމަ އެކަމަށް ރިއާޔަތް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން 280 މީހުންގެ އަތުން ފައިސާ ނެގި އެވެ. އަދި ކޮންމެ މީހެއްގެ އަތުން ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާ ނަގާފައިވާއިރު، އެ ފަރާތްތަކަށް ފުލެޓު އަދި ފައިސާވެސް އަނބުރާ ލިބިފައެއް ނުވެއެވެ.