ads
ސަރަނގު އާދަމް މަނިކު -- ފޮޓޯ: އައްޑޫއޮންލައިން
ސަރަނގު އާދަމް މަނިކުވެސް މޭޔަރު ކަމަށް!
މާލޭގެ ފުރަތަމަ މޭޔަރުކަން ކުރެއްވި ސަރަނގު އާދަމް މަނިކު، އަނެއްކާވެސް މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަން ނިންމަވައިފި އެވެ.
މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު، އަނެއްކާވެސް މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަން ނިންމަވައިފި އެވެ.

މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާކަން ހާމަކުރައްވާ ސީއެންއެމަށް ދެއްވި އިންޓަވިއުގައި އާދަމް މަނިކު މިއަދު ވިދާޅުވީ މޭޔަރު ކަމަށް ވާދަކުރައްވަނީ އެމްޑީޕީގެ ޓިކެޓުގައި ކަމަށާއި އެމްޑީޕީ އެޖެންޑާ 19 ގައި ވަރަށް ގިނަ ކަންތައްތަކެއް މާލެއަށްވެސް ކުރަން ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމުގެ އިތުރުން ރައްޔިތުންނަށް ދަތިވެފައި ހުރި މައްސަލަތައް ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އާދަމް މަނިކު ވިދާޅުވީ މާލެ ރަމްޒުކޮށްދެނީ ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި ކަމަށާއި އެގޮތުން އެއީ ރާއްޖޭގެ އިގްތިސާދުގެވެސް ތިންބައިކުޅަ އެއްބައި ކަމަށެވެ. އެހެންނަމަވެސް ހިތާމައަކީ މާލެ ރައްޔިތުންނަށް އަޅާލަންޖެހޭ މިންވަރާ ގާތަށްވެސް އަޅާލެވިފައި ނެތުން ކަމަށާއި މާލެ މިއޮތީ ބަންޑުންވާ ވަރަށް ބިދޭސީން އަރައި ތޮއްޖެހިފައި ކަމަށެވެ.

"މާލޭގެ ތަނެއްގައި ރޯ ވެއްޖެ ކަމަށްވާނަމަ މުޅި ކޮށި އެއްކޮށް އަނދައިގެން ނޫނީ އެ އަލިފާންގަނޑެއް ނިއްވާ ނުލެވޭ. މި ކަހަލަ ބައިވަރު އިޝޫޒްތަކެއް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވޭ."ސަރަނގު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ ހާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށް ވިދާޅުވެ ސަރަނގު ވިދާޅުވީ މީގެ ކުރިން އޭނާ ވާނީ އެކަންކަމަށް ހައްލު ގެނައުމަށްޓަކައި ވަރަށް ގާބިލްކަމާ އެކުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައި ކަމަށެވެ. އެގޮތުން އޭނާ ކުރިން މޭޔަރު ކަމުގައި ހުންނެވި ދުވަސްވަރު މާލޭގައި "ވެށި ފަހި" ޕްރޮގްރާމް ވަރަށް ބާރަށް ހިންގުނު ކަމަށާއި ނަމަވެސް އޭނާ މަގާމުން ވަކިވި ހިސާބުން އެ މަސައްކަތްވެސް އޮތީ މުޅިން ހުއްޓިފައި ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން ދެވަނަ ފަހަރަށްވެސް މާލޭގެ މޭޔަރުކަން ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އޭނާއާ ވާދަކުރައްވާނެ ކަމަށް ވިދާޅުވާ ބޭފުޅުންނަކީ ތަޖުރިބާ މަދު މަގާމުތަކުގައި ތިއްބަވައިގެން ވެސް އަދި މިހާތަނަށް ކަމެއް ކޮށްދެވިފައި ނެތް ބޭފުޅުން ކަމަށްވެސް ވިދާޅުވި އެވެެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވައިގެން ކާމިޔާބު ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަން ފާހަގަކުރައްވަމުން ސަރަނގު ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވާ ބޭފުޅުން އެމްޑީޕީއަށް ހިދުމަތް ނުކުރާ މިންވަރަށް އޭނާ ވާނީ އެމްޑީޕީއަށް ހިދުމަތްތަކެއް ކުރައްވާފައި ކަމަށެވެ.

"އަދި އެކަން ދަންނަ މީހުން އެމްޑީޕީގައި ވަރަށް ގިނަ ވާނެ. އަދި ފަހަކަށް އައިސް ސިޔާސީ ކަންތައްތަކާއި ތަންކޮޅެއް ދުރުގައި މިހުރީ. އެހެންނަމަވެސް އަޅުގަނޑުގެ ރިލޭޝަންސްޝިޕް ރައީސް ސޯލިހާއި އަދި ރައީސް ނަޝީދާއި ވަރަށް ގާތުގައި މިހުރީ." ސަރަނގު ވިދާޅުވިއެވެ.

އޭނާ ކަމެއް ހިތުލައްވައިގެން ނިކުންނަވައިފި ނަމަ އެކަމެއް ހާސިލް ކުރައްވާނެ ކަން ފާހަގަކުރައްވަމުން ސަރަނގު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށާއި އެ ޕާޓީގައި ތިބޭނީ ވަރަށް ދުރުވިސްނޭ މީހުން ކަމަށެވެ. އެހެންކަމުން ގާބިލްކަމެއް ނެތް ބޭފުޅަކު ތަނަކަށް އިންތިހާބު ކޮށްގެން އެ ބޭފުޅާގެ ފަރާތުން މާގިނަ ކަންތައްތަކެއް ވާނެ ކަމަކަށް އެމްޑީޕީ ދެކެ ލޯބިވާ އެއްވެސް މީހަކު ގަބޫލުނުކުރާނެ ކަމަށްވެސް އާދަމް މަނިކު ވިދާޅުވި އެވެ.

"މާލޭ މީހުންނެއް ގަބޫލެއް ނުކުރާނެ ކެޕޭސިޓީއެއް ނެތް މީހުންނެއް އަދި އުމުރުން ދޮށީ ނޫން މީހަކަށް އަދި މިހާތަނަށް ހިދުމަތުގެ ގޮތުގައިވެސް ކަންތައްތަކެއް ކުރެވިފައި ނެތް މީހުނަށް އިންތިހާބު ކުރިޔަސްވެސް އިތުރު ކަންތައްތަކެއް ވާނެ ކަމަކަށް. މާލޭ މީހުނެއް ގަބޫލެއް ނުކުރާނެ." ސަރަނގު ވިދާޅުވިއެވެ.

އާދަމް މަނިކު އިތުރަށް ވިދާޅުވީ އޭނާއަކީ ކޮރަޕްޝަންގެ އެއްވެސް އަމަލެއް މިހާނަތަށް ހިންގާފައިވާ ކަމުގެ އެއްވެސް ތުހުމަތެއް ވެސް އޮތް މީހެއް ނޫން ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ފުރިހަމަ ތާއީދު އޭނާއަށް ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައިވަނީ މިހާރުގެ މޭޔަރު ޝިފާ މުހައްމަދާއި، ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފާއި، ސިޓީ ކައުންސިލްގައި މެދު ހެންވޭރު ދާއިރާ ތަމްސީލް ކުރައްވާ އަހުމަދު ނިޔާޒާއި، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އަދި އިބްރާހިމް ރަޝީދު (ބްރޯ) އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް