ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމުގެ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޖެނުވަރީ 18، 2013 ގައެވެ. ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް ބޭރުގެ ކުންފުންޏަކަށް ދިނުމަށް ނިންމީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ނަމަވެސް އެ ކުންފުންޏަށް ދިނުމަށް ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.
ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަޝްރޫއާ ގުޅިގެން ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރެއްވި ކަމުގެ ދައުވާ އެވެ.
އެ ދައުވާގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެދުވަހު ކްރިމިނަލް ކޯޓުގައި އޮތީ ޖިހާދުގެ ފަރާތްޕުޅުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމެވެ.
އެގޮތުން އެމަނިކުފާނުގެ ފަރާތުން ހުށަހެޅި ހުށަހެޅުމުގައި ބުނީ،، ފުށިދިއްގަރު ފަޅުގެ މަޝްރޫއުގެ މަރުހަލާތަކުގައި އެންމެ އިސްކޮށް އުޅުއްވީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދީބު ކަމަށާއި އެއްބަސްވުން ޑްރާފްޓު ކުރުމުގައި ވެސް އަދީބު އުޅުއްވި ކަމަށެެވެ.
އޭރުގެ ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން އަދީބު ރައީސް އޮފީހަށް ފޮނުއްވި ސިޓީއެއްގައި އެއްބަސްވުން އެކުލަވައިލުމާ ބެހޭ މައުލޫމާތު ހިއްސާ ކުރައްވާފައި ވާތީ އެކަން ވެސް ޖިހާދުގެ ފަރާތްޕުޅުން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން، އެ މައްސަލައިގައި ޖިނާއީ ކުށެއްގެ އަމަލަކާ ގުޅިގެން ދައުވާކުރާ ނަމަ އަދީބުގެ މައްޗަށް ދައުވާ ނުކޮށް، އެހެން މީހެއްގެ މައްޗަށް ދައުވާ ކުރެވޭނެ ކަމަށް ނުފެންނަ ކަމަށް ޖިހާދުގެ ފަރާތުން ބުނެފައިވެއެވެ. އަދި އެ ލިޔުންތަކަށް ބަލާއިރު އަދީބުގެ ބައިވެރިވުން ޖިހާދަށް ވުރެ ބޮޑު ކަމަށް ވެސް ބުނެފައިވެއެވެ.
ދެން ޖިހާދުގެ ފަރާތުން އެދިފައިވަނީ، ތަހުގީގުގެ އެކި މަރުހަލާތަކުގައި އެކި ގޮތަށް އަދީބު ވާހަކަފުޅު ދައްކަވާފައި ވާތީއާއި، ހުގީގުގެ އެކި މަރުހަލާތަކުގައި އެކި ގޮތަށް އަދީބު ވާހަކަފުޅު ދައްކަވާފައި ވާތީ، އެ މައްސަލައިގައި ހެކިވެރިއެއްގެ ގޮތުގައި އަދީބު ބަލައިނުގަތުމަށެވެ. އެއީ އެ މަނިކުފާނުގެ އަދުލުވެރިކަމާ މެދު ސުވާލު އުފެދިފައިވުމުން ކަމަށް ބުނެފައިވެއެވެ.
އަދި އެއް ޖަރީމާއަކާ ގުޅިގެން ތުހުމަތު ކުރެވޭ މުއްތަހަމުންގެ ތެރެއިން އެއް މުއްތަހަމަކު އަނެއް މުއްތަހަމަކާ އެއްކޮޅަށް ނުވަތަ ދެކޮޅަށް ހެކިބަސް ދިނުން ފަދަ ހާލަތުތަކަކީ ހެކިވެރިޔާގެ މައްޗަށް ޖިނާއީ މައްސަލަތަކުގައި ހެކިބަސް ދިނުން މަނާ ވެގެންވާ ހާލަތުތަކެއްކަން ސުޕްރީމް ކޯޯޓުގެ 2012 ވަނަ އަހަރުގެ ގަޒިއްޔާއެއްގައި ނިންމާފައި ވާތީ އަދީބު ހެކިވެރިއެއްގެ ގޮތުގައި ބަލަައިނުގަނެވޭނެ ކަމަށް ހުށަހެޅުމުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ކިތާބީ ހެކީގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ، ޖޮއިންޓް ވެންޗާ އެއްބަސްވުމާއި ޖިހާދު އެސެޓް ރިކަވަރީ ކޮމިޝަނަށް ދެއްވާފައިވާ ބަޔާނާއި މަޝްރޫއާ ގުޅޭ ލިޔުންތަކާއި ރައީސް އޮފީހުގެ ސިޓީއެއް ހިމެނޭހެން ކިތާބީ ހަ ހެއްކެއް ބަަލައި ނުގަތުމަށް ޖިހާދުގެ ފަރާތުން ހުށަހަޅާފައިވެއެވެ.