ads
އަދުރޭ އަދި ރިޔާޒް
ޔާމީން ވެރިކަމުގައި ރިޔާޒަށް ހޯމް މިނިސްޓަރުކަން ނުލިބުނީ ކީއްވެކަން ހާމަކޮށްފި
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ ޕޮލިސް ކޮމިޝަނަރު އަދި މިހާރު މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް އޭރު ހޯމް މިނިސްޓަރުކަން ނުލިބުނީ ކީއްވެކަން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ހާމަކުރައްވައިފި އެވެ.
Advertisement

އަބްދުﷲ ރިޔާޒަށް ރައީސް ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ނުލިބުނީ ކީއްވެގެންކަން ހާމަކޮށްދެއްވަމުން އަދުރޭ ވިދާޅުވީ، ރާއްޖޭގެ ރައީސް ކަމާއި ރައީސް ޔާމީން ހަވާލުވުމަށްފަހު ރަސްމީ ގޮޑިކޮޅުގައި އިންނަވައިގެން އެންމެ ފުރަތަމަ ބައްދަލުކުރެއްވި އެކަކީ އޭނާ ކަމަށެވެ.

ކޯލިޝަން ޕާޓުނަރުންނާއި ވާހަކަދައްކާގެން މިނިސްޓްރީތަކަށް އައްޔަން ކުރައްވާނެ ބޭފުޅުންގެ ލިސްޓެއް ގެންނެވުމަށް އަދުރޭ ކައިރީ އެދިވަޑައިގެން ކަމަށާއި، އެމަސައްކަތުގައި އުޅުނީ އަދުރޭގެ އިތުރުން ތ. އަތޮޅުގެ މަޖިލިސް މެމްބަރު މޫސާ ޒަމީރާއި، އަދި ޕީޕީއެމްގެ އޭރުގެ ނައިބު ރައީސް އަހްމަދު އަދީބު ކަމަށް އަދުރޭ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީން އެދުނު ހަތަރު މިނިސްޓްރީގެ ތެރޭގައި ހޯމް މިނިސްޓްރީ ހިމެނިވަޑައިގެންކަމަށާއި، އެކަމަށް ރައީސް ޔާމީންގެ ރުހުން ލިބި ހޯމް މިނސްޓްރީއަކީ ކޯލިޝަންގެ ތެރެއިން ޖުމްހޫރީ ޕާޓިއަށް ލިބުނު ސްލޮޓެއް ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި އޭރު ރިޔާޒު ހުންނެވީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ކަމަށާއި، ރިޔާޒު ބޭނުންފުޅުވީ ހޯމް މިނިސްޓަރުގެ މަގާމް ކަމަށް އަދުރޭ ވިދާޅުވިއެވެ.

އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއި މަޝްވަރާކުރެއްވުމުން ރިޔާޒު ހޯމް މިނިސްޓަރަކަށް ގެނައުމަށްޓަކައި ސީޕީ ކަމުން އިސްތިއުފާ ދެއްވަން އެންގެވިކަމަށް އަދުރޭ ވިދާޅުވިއެވެ. 

“ކޮމިޝަނަރުގެ މަގާމުން ރިޔާޒު އިސްތިއުފާ ދެއްވާފައިވަނިކޮށް ޖުމްހޫރީ ޕާޓީގެ ދެ ބޭފުޅަކު އެކަން އެގޮތަށް ނުކުރެއްވޭނެ ކަމަށާއި ހޯމް މިނިސްޓަރުކަމަށް ނަން ފޮނުވަން ޖެހޭނީ ކައުންސިލުން ކަމަށް ވިދާޅުވެ ކައުންސިލް ބާއްވައިގެން ކައުންސިލުން ނިންމީ އުމަރު ނަސީރު އެމަގާމަށް ހަމަޖެއްސުމަށް”އަދުރޭ ވިދާޅުވިއެވެ.

އޭރު ރިޔާޒު މަގާމުން އިސްތިއުފާ ދިނުމުން އެމަގާމަކީ މާގިނަ ދުވަހު ހުސްކޮށް ނުބޭއްވޭނެ މަގާމަކަށް ވުމުން ސީޕީގެ މަގާމަށް ރައީސް ޔާމީން ހުސެއިން ވަހީދު އައްޔަންކުރައްވާފައިވާ ކަމަށާއި،  ރިޔާޒަށް ހޯމް މިނިސްޓަރުކަން ނުލިބުނީ ރައީސް ޔާމީންގެ މައްސަލައަކުން ނޫން ކަމަށް އަދުރޭ ވިދާޅުވިއެވެ. 

އަދުރޭ ވިދާޅުވީ، ރިޔާޒަށްވީ “ދެމީދާ ފެހި ބުޅަލަށް ވީވަރު” ކަމަށާއި، ހޯމް މިނިސްޓަރުކަންވެސް އަދި ސީޕީގެ މަގާމުވެސް އަތުން ދޫވީކަމަށް ކަމަށެވެ. އަދި ރިޔާޒު ރަށްމެދަށް ބޭޒާރުވީ ކަމަށް ވިދާޅުވިއެވެ. 

ރިޔާޒު ރައީސް ޔާމީންދެކެ ހިތްޕުޅާ ނުވާ ސަބަބަކީ އެއީ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި އަދުރޭ ވަނީ ރިޔާޒުގެ އިތުރުން ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

އެގޮތުން ޔާމީންގެ ވެރިކަމުގައި ނާޒިމަށް ޑިފެންސް މިނިސްޓަރުކަން ލިބިވަޑައިގަތީ އޭނާގެ ހުރި ގާބިލު ކަމެއްގެ ސަބަބުން ނޫން ކަމަށާއި، އެ މަގާމު ދެއްވުމުން ނާޒިމް މަސައްކަތް ކުރެއްވީ ރައީސް އޮފީހުގެ ތެރޭގައި އިންނަވައިގެން ރިޔާސީ ކެންޑިޑޭޓްކަން ހޯއްދެވުމަށް ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދުރޭ ވިދާޅުވީ އެކަމަށް ހުރަސް އެޅުއްވީ ރައީސް ޔާމީން ކަމަށެވެ.

58%
ކަމުގޮސްފި
26%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް