ads
ހިޔާ ފުލެޓްތައް
ކޮތަރު ކޮއްޓެއް ފަންސަވީސް ހާސް ރުފިޔާއަށް؟
އެއްކޮޅުން އަޑު އިވެނީ ހިޔާ ފްލެޓްތަކުގެ އަގު ކުޑަކުރަން ގޮވާލާ އަޑެވެ. ދިވެހި ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަން ބޭނުން ޖެހިފައިވާ މީހުނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ދެވޭ ފްލެޓްތަކުގެ އަގު ބޮޑު ވާހަކައެވެ. އެކަމަކު ދާދިފަހުން ހަވާލުކުރެވުނު ފްލެޓްތަކުގެ ނުނިމި ހުރި މަސައްކަތްތައް ފެށުނުތާ އަދި މާކަ ގިނަ ދުވަހެއް ނުވެއެވެ. އަޑުއިވެނީ ބައެއް ތަންތަން މިހާރުވެސް ކުއްޔަށް ހަވާލުކުރެވިފައިވާ ވާހަކައެވެ.

އިދިކޮޅު ފަރާތްތަކުން ބުނަނީ ފްލެޓްތަކުގެ ކުލި 6500 ރުފިޔާ އަށް ކުޑަ ކުރެވޭނެ ކަމަށެވެ. އެކަމަކު ސަރުކާރުން އެކަމަކާ އެއްބަހެއް ނުވެއެވެ. އެހެންވެ، އަދިވެސް ކުލީގެ ކަންކަން އޮތީ ހަމަ އެހެންނެވެ. 7500 ރުފިޔާގެ ކުއްޔަކާއި 1000 ރުފިޔާގެ މެއިންޓެނެންސް ފީއެކެވެ. 

ކުލި ކުޑަކުރުމަށްޓަކައި ހިޔާ ޔޫނިއަން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެޖަމިއްޔާއިން ވަނީ ރައީސް އިބަރާހީމް މުހައްމަދު ސޯލިހް އާ ބައްދަލު ކޮށްފައެވެ. އޭގެ ފަހުން ކުލި ކުޑަކުރަން ގޮވާލައި ހިންގާލުމެއްވެސް ބާއްވާފައިވެ އެވެ. އޭގެ އިތުރުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައެވެ. އެޔޫނިއަނުން ބުނީ އެމަސައްކަތް ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމަށެވެ.

ދިރާސާގެ ނަތީޖާ:

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި މޯލްޑިވްސް ނެޝިނަލް ޔުނިވާސިޓީ އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް ގުޅިގެން މާލޭގެ ގެދޮރުގެ ހާލަތު ދެނެގަތުމަށް ހަދާފައިވާ ދިރާސާއިން ދައްކާގޮތުގައި މާލޭގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ވަރަށް ބޮޑެވެ. އެ ދިރާސާއިން ދައްކާގޮތުގައި މާލޭގައި ދިރިއުޅޭ އާބާދީގެ މެޖޯރިޓީ މީހުން ދިރިއުޅެނީ ކުއްްޔަށެވެ. އެ ދިރާސާއިން ދައްކާގޮތުގައި 56.6 އިންސައްތަ މީހުން ދިރިއުޅެނީ ކުލި ދައްކައިގެންނެވެ. ކުއްޔަށެވެ.

އެޗްޑީސީން ދެ ޔުނިވަސިޓީއާ ގުޅިގެން ހަދާފައިވާ ދިރާސާއިން ދައްކާގޮތުގައި މާލޭގެ ގެދޮރުގެ މައްސަލަ އިންތިހާއަށް އޮތީ ބޮޑުވެފަ އެވެ. ލިބޭ އާމްދަނީއާ ނުބައްދަލު ހަރަދެއް ބޯހިޔާވަހިކަމަށް ހޭދަ ކުރަން ޖެހެ އެވެ. 

އެ ދިރާސާއިން ދައްކާގޮތުގައި ދެ ކޮޓަރީގައި ދިރިއުޅޭ ގިނަ ފަރާތްތަކުގެ އާމްދަނީއަކީ 10000 އާއި 15000 ރުފިޔާ އާ އެވެ. ގޭބީސީގެ ޖުމްލަ އާމްދަނީ 10000 ރުފިޔާ ކަމަށް ދައްކާއިރު 10000 ރުފިޔާއަށްވުރެ ދަށުން ލިބޭ ގޭބީސީތަކުން ދިރިއުޅެނީ އެއް ކޮޓަރީގަ އެވެ.

ގާާތްގަނޑަކަށް 42.3 އިންސައްތަ މީހުން ދިރިއުޅޭ ތަނުގެ ކުއްޔަކީ 10000 އާއި 15000 ރުފިޔާ އާ ކަމަށްވާއިރު 27 އިންސައްތަ މީހުން ދިރިއުޅޭ ތަނުގެ ކުއްޔަކީ 10000 ރުފިޔާ ކަމަށް ދިރާސާއިން ދައްކަ އެވެ.

ގޭބީސީގެ ޖުމްލަ އާމްދަނީ 20000 ރުފިޔާއަށް ދަށުން ލިބޭ ގިނަ ގޭބިސީތަކުން ދިރިއުޅެނީ ދެ ކޮޓަރީގަ ކަމަށާއި 35 އިންސައްތަ މީހުން ދިރިއުޅޭނީ 4 މީހުންނާ އެކު އެއްކޮޓަރިއެއްގަ ކަން ދިރާސާއިން ދައްކާއިރު 37 އިންސައްތަ ވުރެ ގިނަ ގޭބީސީތަކުގައި ދެ މީހުންނަށްވުރެ ގިނަ މީހުން އެއް ފާޚާނާއެއް ބޭނުންކުރެ އެވެ.

ދިހަ މީހުން އެއް ކޮޓަރީގެ ނިދާ ގޭބީސީތަކާއި 14 މީހުން އެއް ފާޚާނާ ބޭނުންކުރާ ގޭބީސީތައް ވެސް އެބަހުރިކަން މިދިރާސާއިން ދައްކާ އިރު މާލޭގެ ހުރި ގޯތި ގޯއްޗާއި ފްލެޓްތަކާއި ރޯހައުސްތައް ކުއްޔަށް ދީފައިވާކަން މި ދިރާސާއިން މަންޒަރުކޮށް ދެ އެވެ.

ތޮއްޖެހިފައިވާ މާލޭއަށް ކުރިމަތިވެފައިވާ ހައުސިން މައްސަލަ ހައްލުކޮށް ދިނުމަށް ތަފާތު މަސައްކަތްތައް ކުރަމުންދާއިރު ފެންނަނީ ބޯހިޔާވަހިކަމަށް ދޫކުރާ ފްލެޓާއި އެހެނިހެން ތަންތަން ކުއްޔަށް ދީގެން ވިޔަފާރި ކުރާ މަންޒަރެ އެވެ.

ސޯޝަލް ހައުސިންގޮތުގައި ހަވާލުކުރާ ތަންތަން ކުއްޔަށް ދީގެން ވިޔަފާރުކުރާ އިރު ބޭނުންވެ ބޯހިޔާވަހިކަމުގެ ހާލަތު ހުރިގޮތުން ކައިވެނި ނުކުރެވިވާ މީހުންގެ އަދަދު އިތުރުވެފައިވާކަން އެ ދިރާސާއިން ދައްކަ އެވެ. 

your imageހިޔާ ފްލެޓް——

ގެދޮރުގެ މައްސަލަ ކުރިމަތިވެގެން ކައިވެނި ނުކުރެވި ތިބި މީހުންގެ އަދަދުތައް ކަން ބޮޑުވާވަރަށް އިތުރުވެފައިވާއިރު އެއްފަރުދަކު އާމްދަނީ ހޯދާ ޢާއިލާތަކުގައި ހާލަތު އިންތިހާއަށް ގޯސްވާނެއެވެ. 

ބޯހިޔަވާހިކަމުގެ ހާލަތު ދެނެގަތުމަށް ކުރި ދިރާސާއިން ދައްކާގޮތުގައި ގޭބީސީއަކަށް ލިބޭ އާމްދަނީގެ 85 އިންސައްތަ ޚަރަދު ކުރަނީ ބޯހިޔާވަހިކަމަށެއެވެ. ކުލި ދެއްކުމަށް ފަހު އެހެނިހެން ޚަރަދުކުރަން ބާކީވާނީ ކުޑަ އެއްޗެކެއެވެ. އެހެންކަމުން އަދިވެސް ގިނަ އާއިލާތަކުން ދިރިއުޅެމުންދަނީ ނިސްބަތުން ކުދި އެޕާޓްމަންޓްތަކުގައި އެކަށީގެން ވާވަރަށްވުރެ ބޮޑު ކުއްޔަކަށް ތޮއްޖެހިފައިވާ ހާލަތެއްގައެވެ.

އދ. ފަދަ ޖަމްޢިއްޔާތަކުންނާއި ތަރައްޤީވެފައިވާ ޤައުމުތަކުން ދެކޭގޮތުގައި ގޭބީސީއަކަށް ލިބޭ އާމްދަނީގެ 20 އިންސައްތަ އާއި 30 އިންސައްތައަށް ވުރެ ކުލި ބޮޑު ނަމަ އެކުއްޔަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑު ކުއްޔެކެވެ. ނަމަވެސް ރާއްޖޭޣައި މިކަން އޮތީ މިއާ ދިމާ އިދިކޮޅަށެވެ. ގާތްގަނޑަކަށް 60  - 70 އިންސައްތަ ހޭދަ ކުރަންޖެހިފައިވަނީ ބޯހިޔާވަހިކަމަށެވެ. 

ދިރި ނޫޅެ ކުއްޔަށް: ވިޔަފާރި ލޯނެއްތަ؟

ދިރާސާއިން ދައްކާގޮތުގައި އެކަށީގެންވާ ކުއްޔަކަށް ބޯހިޔަވާހިކަން ނުލިބޭކަން ސާފުވި ނަމަވެސް އެންމެ ފަހުން ސޯޝަލް ހައުސިންގެ ގޮތުގައި ހުޅުމާޅެ ފޭސް ދޭއްގައި ތަރައްގީކޮށްފައިވާ  ފްލެޓް ލިބިފައިވާ މީހުންގެތެރޭގައި ފްލެޓަށް ޝަރުތު ހަމަނުވާ މީހުން، ނުވަތަ ފްލެޓް ކޮންމެހެން ބޭނުންނުވާ މީހުން ހިމެނޭ ކަމުގެ ހެއްކަކީ ކުއްޔަށް އެފްލެޓްތައް ދޫކުރަން ޖަހާފައިވާކަމެވެ.

އޮޅުވާލައިގެން ކަންކަން ކުރުމަކީ އަހަރެމެންގެ ތެރޭގައި ހަރުލާފައިވާ އާދައެކެވެ. އެހެންކަމުން މިފްލެޓްތަކުގައިވެސް އެފަދަ މީހުން ހިމެނޭ ކަމީ އެނގޭ ކަމެކެވެ.  

ރާއްޖޭގެ ރަށްރަށުގައި ސޯޝަލް ހައުސިންގެ ގޮތުގައި ހަދާފައިވާ ރޯހައުސް އާއި ފްލެޓްތައް ވެސް އެގޮތަށް ދެވިފައި އެބަހުއްޓެވެ. މާލޭގައި ދިރިއުޅޭ މީހުނަށް ރަށްރަށުން ވެސް ބޯހިޔާވަހިކަން  ދީފައި އެބަހުއްޓެވެ. އަދި ރަށްރަށުގައި، ނުވަތަ ބޭރު ގައުމުތަކުގައި ދާއިމީކޮށް ދިރި އުޅޭ މީހުނަށް މާލެއިން ވެސް ފްލެޓް ދީފައިވެއެވެ. އެ ތަންތަނަކީ އަސާސީ ހިދުމަތެއްގެ ގޮތުން ދިރިއުޅުމަށް ދީފައިވާ ސޯޝަލް ހައުސިން އެވެ. ނަމަވެސް ބޯހިޔާކޮށްލާނެ ތަނެއް ނެތިގެން ދިރިއުޅެން ދިން، އެފްލެޓްތައް އެމީހުން ބޭނުން ކުރަނީ އާމްދަނީ ހޯދުމަށް ވިޔަފާރިއަށެވެ. އިތުރު އާމްދަނީ ކޮޅެއް ހޯދާލުމަށެވެ. ބޭންކުން ލޯނެއް ނަގައިގެން ކުރާ ވިޔަފާރިއެއްގެ އުސޫލުންނެވެ. 

ހިޔާ މަޝްރޫއަކީ ރާއްޖޭގައި ބޯހިޔާވަހިކަމަށް މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއެވެ. ރައީސް ޔާމީންގެ ސަރުކާރުން 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިފްތިތާހުކޮށް 2018 ވަނަ އަހަރު އަމަލީ މަސައްކަތް ފެށި 16 ޓަވަރުގެ 7،000 ފްލެޓް ތަރައްގީ ކުރުމުގެ މަޝްރޫއަކީ ގިނަ ބައެއްގެ އުންމީދުތަކާ ގުޅިފައިވާ މަޝްރޫއެކެވެ.

your imageފްލެޓް ލިބިފައިވާ ފަރާތްތަކުން ޝުއޫރު ފާޅުކުރި ހިނގާލުމުގެ ތެރެއިން

ރައީސް ސޯލިހުގެ ސަރުކާރުން ވެރިކަމަށް އައިސް އަލުން ބަލުން ފްލެޓްތަކުގެ ފޯމްތައް ބެލުމުގެ މަސައްކަތް ފެށި އެވެ. ސަރުކާރުން ވެސް ބުނަމުން އައީ އެ މަސައްކަތް މާ ގިނަ ދުވަހެއް ނުވެ ނިމޭނެ ކަމަށެވެ. 

އަދި ބޭރުފުށުން ނިމިފައި ހުރި ޓަވަރުތަކުގެ އެތެރޭގެ މަސައްކަތްތަކާއި ފިނިޝިންގެ މަސައްކަތްތައް ނިންމައި އަހަރެއްހާ ދުވަހުގެ ތެރޭގައި އެތަންތަނަށް ވަދެވޭވަރު ވާނެ ކަމުގެ އުންމީދު މި ސަރުކާރުން ވެސް ދިނެވެ.

ނަމަވެސް އެ ވާހަކަތަކާ މެދު ފުރަތަމަ ޝައްކު އުފެދެން ފެށީ އެއީ "ކޮތަރުކޮށިތަކެއް" ކަމަށް ސިފަކޮށް ދިރިއުޅެން އެކަށީގެންވާ ތަނެއް ނޫން ކަމަށް ބުނި ހިސާބުންނެވެ. 

ސަރުކާރުން ކުރިން ބުނަމުން އައީ މީހުން ދިރިއުޅެން އެކަށީގެންވާ ތަނަކަށް ހެދުމަށް އެ ތަނުގެ ސްޓްރަކްޗާ އަށް ބޮޑެތި ބަދަލުތަކެއް ގެނެސް ފްލެޓްތަކުގެ އަދަދު ދެބައިކުޅަ އެއްބަޔަށް މަދުކޮށް، ފްލެޓްތައް ހަވާލުކުރާނީ ފިނިޝިންގެ މަސައްކަތްތައް ވެސް ނިންމާފައި ކަމަށެވެ.

މައްސަލަތަކުގެ ހާއްޔެއް

ހިޔާ ފްލެތްތަކުގެ މައްސަލަތަކަކީ ދިގުދެމިގެން އަންނަ މައްސަލަތަކުގެ ބޮޅުތަކެކެވެ. ރައީސް ޔާމީނުގެ ދައުރުގައި ފްލެތްތައް ނިންމޭ ގޮތް ނުވިއެވެ. މިސަރުކާރު އައިސްވެސް އެތައް މުއްދަތެއް ދިނެވެ. އޭގެއިތުރުން ފްލެޓް ލިސްޓުތަކަށް ބަދަލު ގެނެސް މިހާރު ދީފައިވާ މީހުންގެ ތެރޭގައިވެސް އެކަމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުން ނޫން މީހުން ހިމެނެއެވެ. 

ފްލެޓްތަކުގެ ނުނިމި ހުރި މަސައްކަތްތައް ކުރަން ޖެހުނީ ފްލެޓްތައް ލިބުނު މީހުން އަމިއްލައަށެވެ. ކުލި ކުޑަނުކުރެވިގެން މަގުމައްޗަށް ނުކުމެ، ރައީސް އަރިހަށް ގޮސް، މަޖިލީހުގައިވެސް އާދޭސް ކުރަނީއެވެ. ފްލެޓް ލިބުނު މީހުންގެ ތެރެއިން އަނެއްބަޔަކު ކުއްޔަށް ފްލެޓްތައް ދެނީއެވެ. ކުރެވެމުންދާ މަސައްކަތް ކުރަނީ ބިދޭސީން އަމިއްލައަށެވެ. އެމީހުން އެތަނުގެ ކޮންޓްރޯލް ހިފަހައްޓައެވެ. ބެލެހެއްޓުމެއް ނެތެވެ. 

ސަރުކާރަކުން ހިންގާ ޕްރޮޖެކްޓެއްގެ ތެރެއިން ގާތްގަނޑަކަށް ތިރީހަކަށް ހާސް މީހުނަށް ހިންގޭ މިޕްރޮޖެކްޓުން ހާސިލްވަނީ ކޮން ކަމެއް ހެއްޔެވެ. އަދި މިހާތަނަށް ފެންނަނީ ނުތަނަވަސް ކަމެވެ. އޭގެ އަނެއްކޮޅެވެ. އެންމެ ނިކަމެތި މީހުންގެ ބޯހިޔާވަހި ކަމަށް ދޫކުރި ފްލެޓްތައް މިވަނީ ބައެއް މީހުންނަށް ދާއިމީ އާމްދަނީއެއް ލިބޭ ބޮޑު ވިޔަފާރި އަކަށް ހަދާފަ އެވެ. އެ ވަރު ކުރާ އިރު ވެސް ސަރުކާރަށް ކުރެވޭނެ ކަމެއް ހަމަ ނެތީތޯ އެވެ.  

31%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
62%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް