ސިއްހީ ފަރުވާގެ ނިޒާމަކީ ސިއްހީ ހިދުމަތް ހޯދާ ފަރާތްތަކުގެ އިތުރުން ޑޮކްޓަރުންނާއި ނަރުހުން, ސްޕެޝަލިސްޓުންނާއި ފާމަސިސްޓުން ފަދަ ބައިވަރު ދާއިރާތަކުގެ ހިދުމަތްތެރިންނާ އެކު ހިންގަމުންދާ ނިޒާމެކެވެ. އަދި ހިދުމަތް ހޯދާ ފަރާތްތަކަށް ބަލި ދެނެގަތުމާ މޮނިޓަ ކުރުން، ފަރުވާ އަދި ރިހެބިލިޓޭޝަން ފަދަ ތަފާތު ގިނަ މަރުހަލާތަކެއްވެސް ކަޑައްތު ކުރަން ޖެހެއެވެ.
ހާއްސަކޮށް ކޮވިޑް 19 ގެ ބަލިމަޑުކަމާއެކު ރާއްޖޭގައި ސިއްހީ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމުގެ މުހިންމުކަން ފެނި އިހުސާސްވެގެން ހިނގައްޖެ އެވެ. ފުރިހަމައަށް ކުރިއަށްދާ އިންތިޒާމުތަކާއި އިތުރަށް ހަރުދަނާކުރަން ޖެހޭ ކަންކަން ފަސޭހައިން ދެނެގަވެ ވިއްޖެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބެހިފައިވާ އާބާދީ މި ނުރައްކާތެރި ބަލިން ރައްކާތެރިކޮށް ކޮވިޑްގެ ގިނަ ބަލިމީހުންތަކަކަށް ފަރުވާދީ އޭގެ އިތުރުން އެހެނިހެން ސިއްހީ ފަރުވާގެ ކަންކަން ވެސް ޖުމްލަގޮތެއްގައި ފުރިހަމައަށް ކުރިއަށް ގެންދެވިފަވެއެވެ. އަދި ކޮވިޑްގެ ބަލިމަޑުކަމުގެ ތެރެއިން މުސްތަގުބަލުގައި ދިމާވެދާނެ ބޮޑެތި ގޮންޖެހުންތަކަށްވެސް ސިއްހީ ދާއިރާއަށް ފިލާވަޅުތަކެއް ލިބި ތައްޔާރުވެ ވިއްޖެއެވެ.
ނަމަވެސް ކޮވިޑްގެ މިބަލިމަޑުކަމުން ވެސް ލިބުނު އެންމެ މުހިންމު އެއް ފިލާވަޅަކީ ޒަމާނީ މައްސަލަތަކުގެ ހައްލު ހޯދޭނީ ޒަމާނީ ވަސީލަތްތަކާއި ވިސްނުމުގެ ބޭނުން ހިފައިގެން ކަމެވެ. އެހެންކަމުން މުސްތަގުބަލުގައި ދިމާވާ ކަންކަމަށް ތައްޔާރުވުމަށް ތަރައްގީކުރަން އެންމެ މުހިންމުކަމެއް ދޭންޖެހެނީ ޓެކްނޮލޮޖީއާއި އިންފްރާސްޓްރަކްޗަ ގާއިމްކޮށް ހަރުދަނާ ކުރަށެވެ.
ޔޫ.އެންގެ ދިރާސާތަކުން ދައްކާގޮތުގައި 2050 ވަނަ އަހަރާއި ހަމައަށްދާއިރު ދުނިޔޭގެ އާބާދީގެ 68 އިންސައްތަ ދިރިއުޅޭނީ އާބަން ސިޓީތަކުގައެވެ. ރާއްޖެއަށް ބަލާއިރު މާލެ ސަރަހައްދުގެ އާބާދީޥެސް ދަނީ ކޮންމެ އަހަރަކު އިތުރުވަމުންނެވެ. އަދި އާބާދީ ބޮޑު އާބަން ސަރަހައްދުތަކުގައި ނިކުންނަ ގިނަ ސިއްހީ މައްސަލަތަކަށް ތަސައްލީ ހޯދުމަށް އާންމު ސިއްހަތާބެހޭ ދާއިރާތަކުން އާ ވިސްނުމަކަށް މިވަނީ ދާންޖެހިފައެވެ. ގިނައިން ބޭނުންވާ ސިއްހީ ހިދުމަތްތަކާއި ފަރުވާގެ ފެންވަރު ރަނގަޅުކުރަން ޖެހެއެވެ. އަދި ސިއްހީ ފަރުވާގެ ނިޒާމު މިހާރަށް ވުރެ ހަރުދަނާ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ލުއި ފަސޭހަތަކެއް ލިބޭ ނިޒާމަކަށް ބަދަލުވާންޖެހެ އެވެ. ބައިބޯ ހިސާބުތަކުގައި ބަލިތައް ފަސޭހައިން ފެތުރި ނުރައްކާ އިތުރުވާކަން ދަނީ ކޮވިޑްގެ ބަލިމަޑުކަމުންވެސް ފެންނަމުންނެވެ.
އާބަން އަދި ރޫރަލް ހިސާބުތަކުގައި ސިއްހީ ގޮތުން ދިމާވާ ގޮންޖެހުންތައް ތަފާތެވެ. މިސާލަކަށް މީހުން މަދު ރަށްރަށުގައި ނުވަތަ ވިލެޖްތަކުގައި ބަލިތައް ފެތުރޭލެއް ލަހެވެ. ގައި ދުރުކުރުން ފަދަ ކަންކަން މީސްކޮޅު މަދު ހުސް ޖާގަ ގިނަ ތަންތަނުގައި ފަސޭހަވާނެތީ އެވެ. އަދި މިފަދަ ތަންތަނުގައި މީހުން ދިރިއުޅޭ ތަންތަނަކީ ވަކި ވަކިތަންތަނެވެ އަދި އާންމު ހިދުމަތްދޭ ތަންތަން ވެސް ތޮއްޖެހިފައެއް ނޯވެއެވެ. އާބަން ސިޓީތަކުގައި މީހުން ދިރިއުޅެނީ ލިފްޓް ފަދަ އެއް ވަސީލަތްތަކެއް ބޭނުންކުރާ ގިނަ މީހުން ދިރިއުޅޭ އިމާރާތްތަކުގައެވެ. އަދި އާންމު ތަންތަނުގައާއި ހިދުމަތްދޭ ތަންތަނުގައިވެސް މީހުން ގިނަވެ ތޮއްޖެހިފައޮވެއެވެ.
މާލެފަދަ އާބަން ސިޓީތަކުގައި ގިނަ ވަސީލަތްތަކާއި ހިދުމަތް ލިބި ފުރުސަތުތައް ގިނަވި ނަމަވެސް މީހުން ގިނަވެގެން ނިކުންނަ އެތައް ސިއްހީ އަދި އިޖްތިމާއީ މައްސަލަތަކަކާއި އާބަން ސިޓީތަކުން ކުރިމަތިލާންޖެހެއެވެ. އެގޮތުން މިހާރު މިވަނީ މާލެ ސިޓީގައި މިފަދަ މައްސަލަތަކަށް ހައްލެއް ހޯދަން މަޖުބޫރުވެފައެވެ. ގިނަ މައްސަލަތަކެއްގެ ހައްލު އޮތީ ސްމާޓް ސިޓީއެއް ގާއިމްކޮށް ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ޓެކްނޮލޮޖީއިން ލިބެން ހުރި ކުރިއެރުންތައް ހޯދުމުގައެވެ.
ފުރަތަމަ ކަމަކަށް ގިނަ ހިދުމަތްތަކެއް އީޖާދީ ހައްލުތަކުގެ އެހީގައި ޑިޖިޓަލްކުރެވުމަކީ ލިބޭނެ ބޮޑު ކުރިއެރުމެކެވެ. މީހުން ހިދުމަތް ހޯދުމަށް ވަކި ތަނަކަށް ދާން ނުޖެހުމުން ހިދުމަތް ހޯދަން ފަސޭހަވުމުގެ އިތުރުން ދަތުރުކުރަން ޖެހޭލެއް ވެސް މަދެވެ. އަދި ވަކި ހިދުމަތެއް ހޯދުމަށް އާބަން ސަރަހައްދުތަކަށް މީހުން ހިޖުރަކުރާވަރު މަދުވެ ތޮއްޖެހުން ކުޑަވެއެވެ. ދަތުރުފަތުރު މަދުވުމުގެ ސަބަބުން ކާބަން ފުޓްޕްރިންޓް ކުޑަވެ ޖައްވު ނުސާފުވުމަށް ދިމާވާ ގިނަ ވަސީލަތްތައް ބޭނުންކުރަންޖެހޭ މިންވަރު މަދުވެއެވެ.
ޑަބްލިއު.އެޗް.އޯގެ ހޯދުންތަކުން ދައްކާގޮތުން ވައި ނުސާފު ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ ތެރޭގައި ނޭވާލާ ނިޒާމުގެ ބަލިތަކާ، ހިތުގެ ބަލިތައް އަދި ލަންގް ކެންސަރު ފަދަ ބަލިތައް ގިނައެވެ. ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަ ގާއިމްވުމުން ވައި ނުސާފުވުން މަދުވެ އޭގެ ސަބަބުން ދިމާވާ ނޭދެވޭ ސިއްހީ މައްސަލަތައް މަދުވާނެކަމަށް ބެލެވެއެވެ.
ޓެކްނޮލޮޖީގެ އެހީގައި ސިއްހީ ހިދުމަތް ހޯދުމަށް ވެއިޓިން ރޫމްތަކުގައި މަޑު ކޮށްގެން ހޭދަވާ ވަގުތު ސަލާމަތްވެ ހިދުމަތް ހޯދާ ފަރާތައް ލުއިފަސޭހަ ގޮތަކަށް އަވަހަށް ހިދުމަތް ލިބިގެންދާނެއެވެ. މިސާލަކަށް ހުން ނުވަތަ ރޯގާ ފަދަ ކުދި ކަންކަމުގައި ޑޮކްޓަރަށް ދައްކަން ނުގޮސް މޯބައިލް އެޕްއަކަށް އަލާމާތްތަކާއި ޓެމްޕަރޭޗަ ފަދަ ވައިޓަލްސް އިންޕުޓް ކުރުމުން ޑޮކްޓަރާއި ނަރުހުން އެމައުލޫމާތު ބެލުމަށް ފަހު ފަރުވާ ކުރަންވީގޮތް، ބޭސް ސިޓީ ނުވަތަ އިތުރު ޓެސްޓްތައް ހެދުމަށް ލިޔުން ފޮނުވިދާނެއެވެ. ކޮވިޑްގެ ސަބަބުން އެޅި ފިޔަވަޅުތަކުގެ ތެރެއިންވެސް މިގޮތަށް ބަލިމީހުން ގިނަ ހިދުމަތްތަކެއް ހޯދާފަވެއެވެ. އަދި ގިނަ ބަޔަކަށް މިގޮތައް ހިދުމަތް ހޯދުންވީ މާއެދެވޭ ގޮތަކަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންނަށް މާލެ ނައިސް މާލޭގައި ތިބޭ ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ކޮންސަލްޓް ކުރެވޭނެ މަގު ފަހިވެގެން ދިޔައެވެ.
ސިއްހީ ދާއިރާގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ކުރެވިދާނެ މިސާލެއްގެ ގޮތުން ސައުތު ކޮރެއާއަށް ބަލާލާއިރު، އެގައުމުގައި ސްމާޓް ސިޓީ ޑޭޓާ ހަބް ނަމަކަށް ކިޔާ އެޕްލިކޭޝަނެއް ބޭނުން ކޮށްގެން ކޮވިޑް 19 ފެތުރުން ހުއްޓުވާލިއެވެ. އެޕްލިކޭޝަން ބޭނުންކޮށްގެން ބަލި ޖެހިފަވާ މީހުން ދެނެގަނެ، އެމީހުންނާއި ކޮންޓެކްޓް ވެފަވާ ހުރިހާ ފަރާތެއް އަދި ގޮސްފަވާ ހުރިހާ ތަނެއް ވަރަށް ފުރިހަމައަށް ދެނެގަނެ މޮނިޓަ ކުރެވުމުން ހަރުކަށި ފިޔަވަޅުތަކާއި ލޮކްޑައުންއަކާ ނުލާ ހަފްތާއެއް ތެރޭގައި ބަލި ކޮންޓްރޯލް ކުރެވުނެވެ. ދުވާލަކު 900 ން 90 ކޮވިޑް ކޭސްތައް މަދުވިއެވެ.
އިނގިރޭސިވިލާތުގެ ޓާގެޓް އޯވޭރިއަން ކެންސަރު ޖަމިއްޔާއިން ބުނާ ގޮތުގައި ޑޭޓާ އެނަލައިސްކޮށްގެން ބީޓާ ބްލޮކަ ބޭސް އޯވޭރިއަން ކެންސަރު ޕޭޝަންޓުންނަށް ދިނުމުން އެވްރެޖެކޮށް ޕޭސަންޓުންގެ އުމުރު އިތުރު 4 އަހަރު ދިގުވިއެވެ. މިފަދަ އެކި ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ބޭނުން ކޮށްގެން ބަލި މީހާއަށް ބޭނުންވާ ސިއްހީ ފަރުވާ އާއި ހިދުމަތް ފަސޭހަ އަވަސް އަދި ފެންވަރު ރަނގަޅު ގޮތުގައި ލިބިދެވޭނެއެވެ. ހުރިހާ ޕޭސަންޓުން ވެއިޓްލިސްޓްކޮށް ނުވަތަ ނަމްބަރު ނަގައިގެން މަޑު ނުކޮށް އެމީހަކަށް އެންމެ އެކަށޭނަ ގޮތަކަށް ދުރުން ނުވަތަ ހޮސްޕިޓަލްއަށް ގޮސްގެން ހިދުމަތް ދެވޭނެއެވެ. ބޮޑެތި ބަލިތައް ތަހައްމަލު ކުރާ ފަރާތްތަކުން އިތުރު ތަކުލީފުތަކެއް ނުއުފުލާ ޑޮކްޓަރާއި ނަރުހުންގެ ލަފާ ހޯދޭނެއެވެ.
އެޗެ.ޑީ.ސީގެ ސްމާޓް ސިޓީ އިންފްރާސްޓްރަކްޗަ މަޝްރޫއުގެ އެހީގައި އިޖާދީ ގިނަ ހައްލުތަކާއި ކުރިއެރުން ސިއްހީ ދާއިރާއަށް ލިބިގެންދާނެއެވެ. މިހާރު ފުރިހަމަވަމުންދާ މި ވިއުގަ މެދުވެރިކޮށް ރައްޔިތުންނަށް ފައިދާ ހުރި އަދި އެތައް ލުއި ފަސޭހަތަކެއް ލިބިގެންދާނެ އެހެނިހެން ހިދުމަތްތައްވެސް ތައާރަފްވެގެންދާނެއެވެ.