ހިޔާ ޔޫނިއަން އިން ނެރުނު ނޫސްބަޔާނެއްގައި ވަނީ މިފަދަ އުސް އިމާރާތްތަކަށް ދިގު މުއްދަތަށް ވިސްނާއިރު ބޮޑެތި، އިޢާދަކުރަން ދަތި ގެއްލުންތަކާއި ކުރިމަތިލާންޖެހިދާނެ ކަމަށާއި، އިމާރާތް އެމައްޗަށް ބިނާވެފައިވާ މައި ތަނބު ތަކަށް ތަކަށް ގަސްތުގައި ދެވޭ މިފަދަ ގެއްލުންތަކުގެ ސަބަބުން އިމާރާތުގައި ރެނދުލައި އިމާރާތާ ބަލިކަށިވެ ކުރު މުއްދަތެއްގެ ތެރޭގައި ތަނުގައި މީހުންނަށް ނޫޅެވޭވަރު ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ހިޔާ ފްލެޓް ތަކުގެ ކޮމާޝަލް އޭރިއާގައި ކުރެވޭ މަސައްކަތްތަކުން އިމާރާތަށް ފޫނުބެދޭ ބޮޑެތި ގެއްލުން ވަމުންދާތީ އެކަން ކުއްވެރިކޮށް ނެރުނު އެބަޔާނުގައި ބުނެފައިވަނީ ހިޔާ މަޝްރޫއު ފަރުމާކޮށް ހިންގާފައިވަނީ ފުރަތަމަ ފަންގިފިލާގެ އެޕާޓްމަންޓްތަށް ހިމެނޭގޮތަށް ޖުމްލަ 7000 ޔުނިޓް ހިމެނޭގޮތައްކަމަށެވެ.
ތަޙްޒީބު މުޖުތަމަޢު ތަކުގައި އަމަލުކުރާގޮތަށް އިމާރާތްތަކާއި ކައިރީގައި މޯލްތަކާއި ފިހާރަތަށް ޤާއިމްކުރުމަށް އޭރުވަނީ ޑިޒައިން ކުރެވި މުޅި ޕްރޮޖެކްޓް ފަރުމާކުރެވިފައެވެ. ނަމަވެސް ޕްރޮޖެކްޓް ރީ ޑިޒައިން ކުރުމަށްފަހު އިމާރާތްތަކުގެ 1 ވަނަ ފަންގިފިލާ ޚާއްސަކުރެވިފައިމިވަނީ ކޮމާޝަލް ސްޕޭސްގެ ގޮތުގައިކަމަށް އެބަޔާނުގައިވެއެވެ. މިކަމުގެ ސަބަބުން އެތަށް ބަޔަކު ވަނީ ބޯހިޔާވަހިކަމަށް ކުރި އުންމީދުން މަޙުރޫމް ވެފައި ކަމަށާއި، ކޮމާޝަލް ސްޕޭސްގެ ގޮތުގައި 1 ވަނަ ފަންގިފިލާ ބަދަލުކޮށް އެޕާޓްމަންޓުތަކުގެ ފާރުތައް ތަޅާލާ ވިޔަފާރިތަކަށް ޖާގަ ހެދުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށް އެބަޔާނުގައި ވެއެވެ.
"އިމާރާތުގައި ވަޒަންވެރިވުމަށް ތައްޔާރުވަމުން އަންނަ އާޢިލާތަކަށް ހަރުކަށި އުސޫލްތަކެއް ހަދައި ބޭނުންވާ ކުދި ކުދި ބަދަލުތަކަށްވެސް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަންގައި ސަލާންޖަހަން މަޖުބޫރުކޮށްފައިވާހިދު މި އެޕާޓްމަންޓް ތަކަކީ އިންޓީރިއާ އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ތަންތަންކަން ފާހަގަކުރަމެވެ. ފްލެޓްތަކުގެ ވެރީންނަށް ތަކުލީފާއި ބުރަ ޖައްސަވާފައިވާއިރު 1 ވަނަ ފަންގިފިލާގައި އެއްވެސް ކަހަލަ ބެލުމެއްނެތި ތަނބުތަށް ތަޅާ ފާރުކަނޑާ، ގެންނަމުންދާ ބޮޑެތި ބަދަލުތަކަކީ މިފަދަ އުސް އިމާރާތްތަކަށް ދިގު މުއްދަތަށް ވިސްނާއިރު ބޮޑެތި އިޢާދަކުރަން ދަތި ގެއްލުންތަކާއި ކުރިމަތިލާންޖެހިދާނެކަމެކެވެ. އިމާރާތް އެމައްޗަށް ބިނާވެފައިވާ މައި ތަނބު ތަކަށް ގަސްތުގައި ދެވޭ މިފަދަ ގެއްލުންތަކުގެ ސަބަބުން އިމާރާތުގައި ރެނދުލައި އިމާރާތް ބަލިކަށިވެ ކުރު މުއްދަތެއްގެ ތެރޭގައި ތަނުގައި މީހުންނަށް ނޫޅެވޭވަރު ވުމަކީ އެކަށީގެންވާ ކަމެކެވެ." ހިޔާ ޔޫނިއަންގެ ބަޔާނުގައި ވެއެވެ.
"ވީމާ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އިންޖިނޭރިންގް ޓީމުން މިފަދަ ކަންކަން ބައްލަވައި މިގޮތަށް މިކަންކަން ނުހިގާނޭ ގޮތަށް އަމަލުތަށް މަސައްކަތްތަށް ރެގިއުލޭޓް ކުރުމަށް މި ޔޫނިއަންގެ ފަރާތުން އިލްތިމާސްދަންނަވަމެވެ. މި ކަންކަމާއި މެދު ކުންފުނީގެ ބޯޑާއި ވެރީން ސަމާލުވެ މިތަނަކީ ރާއްޖޭގައި މިހާތަނަށް އަބާދުކުރެވޭ އެއްމެބޮޑު ސަޙަރުކަމުން މި ސަހަރުގެ ރައްޔިތުންނަށް އަޅާލައި މި ތަނުގެ ކަންކަމަށް ފަރުވާ ބަހައްޓަވައި ކަންކަން ތަރުތީބުކުރުމަށް ހައުސިންގް ޑިވެލޮޕްމަންޓު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރާއި އެއްމެހައި ވެރީންނަށް މި ޔޫނިއަންގެ ފަރާތުން އިލްތިމާސްކުރަމެވެ." ޔޫނިއަންގެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.