ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހިގެ ސެކިއުރިޓީ އެސެސްމަންޓެއް އެމްއެންޑީއެފްއިން ހެދުމަށް ފަހު ސެކިއުރިޓީ އިތުރަށް ރަނގަޅު ކުރަން ކުރަން ޖެހޭކަމަށް އެމްއެންޑީއެފްއަށް ފާހަގަ ކުރެވުނު ކަންކަމުގެ ތަފުސީލު ހިމެނޭ ސިޓީއެއް މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެސެސްމެންޓް ދިރާސާކޮށް އެކަަން ކުރަން ރައްޔިތުންގެ މަޖިލީހުން ޖެހޭ ކަންކަން ވެސް ހުށަހެޅި ކަމަށެވެ.
އީވާ ވިދާޅުވީ އެސެސްމަންޓްކޮށް ރައްޔިތުންގެ މަޖިލީހުން ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އަދި އިތުރަށް މަޝްވަރާ ކުރަން ޖެހޭ ކަމެއް ވެއްޖިއްޔާ މަޝްވަަރާ ކުރުމަށްޓަކައި މަޖިލީހުގެ އާންމު ކޮމިޓީއަށް އެސިޓީ ފޮނުވާފައިވާ ކަމަށެވެ. އާންމު ކޮމިޓީން ދިރާސާ ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށާއި ރައީސް އަދި ނައިބް ރައީސަށް ވެސް ކުރިއަށް ގެންދަންވީ ގޮތެއް އަންގަވާނެ ކަމަށް އީވާ ވިދާޅުވި އެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މޭ މަހުގެ ހަވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއަށް ފަހު މަޖިލީހުގެ ސެކިއުރިޓީ ވަނީ މީގެ ކުރިން ވެސް ވަރުގަދަކޮށްފައެވެ.
ގާނޫނުއަސާސީގެ 105 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގެއާއި އެ ގޭގެ ގޯތި ތެރެއާއި، ރައްޔިތުންގެ މަޖިލީހުގެ ދަށުން ހިނގާ އެންމެހައި ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ވާނީ ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުންނެވެ. އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުން މަސައްކަތް ކުރާން ވާނެ ކަމަށެވެ.