އަސްލަމަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔަ ފަރާތެކެވެ. ހުޅުމާލެ ޖަލުގައި ތިން އަހަރުގެެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ އުމުރުން 40 އަހަރުގެ އަސްލަމް ރޭ ގާތްގަނޑަކަށް 18:00 އެހާ އިރު ޔާޑު ސަރަހައްދުގައި އިށީދެގެން އިންދާ ކުއްލިއަކަށް ވެއްޓުމާ ގުޅިގެން އެމަޖެންސީ ހާލަތުގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، ހޮސްޕިޓަލުން ބެލުމަށްފަހު އޭނާ ރޭ 20:23 ގައި މަރުވެފައިވާ ކަމަށް ކަރެކްޝަންސްއިން ރޭ ވަނީ ބުނެފައިވެއެވެ.
އަދި ނިޔާވިއިރު މީނާއަކީ ބޮޑު ބައްޔަކަށް ބޭސްފަރުވާ ކުރަމުންދިޔަ ފަރާތެއް ނޫންކަމަށް ކަރެކްޝަންސްއިން ބުނެއެވެ.
އަސްލަމްގެ އާއިލާ އިން ތުހުމަތުކުރާ ގޮތުގައި އަސްލަމް ހޮސްޕިޓަލަށް ގެންދިޔައީ ހަވީރު އެވެ. އަދި އާއިލާއަށް ގުލީ އެ ރޭ 7:00 ހާއިރު ކަމަށާއި، އަސްލަމް މަރުވިކަން އާއިލާއަށް ނާންގާ ސިއްރު ކުރަން ކަރެކްޝަންސް އިން މަސައްކަތްކުރި ކަމަށް ވެސް އާއިލާ އިން ތުހުމަތުކުރެ އެވެ. އަދި ހޮޮސްޕިޓަލްގައި ތިބި ކަރެކްޝަންސްގެ އޮފިސަރުންނާ އާއިލާ އިން ސުވާލުކުރުމުން އޭނާއަށް ފަރުވާ ދެމުން ގެންދާ ކަމަށް ބުނި ނަމަވެސް އަސްލަމް ބާއްވާފައި އޮތް ކޮޓަރިއަށް ގަދަކަމުން ވަތް އިރު އޭނާ މަރުވެގެން އެތައް އިރެއް ހިނގާފައިވާ ކަމަށް ވެސް އާއިލާ އިން ތުހުމަތު ކުރެ އެވެ.
މިކަމާއި ގުޅިގެން މިއަދު ކަރެކްޝަނުން ބުނީ، ރޭ ގާތްގަނޑަކަށް 18:00 ހާއިރު އަސްލަމް
ސަރަހައްދުގައި އިށީނދެ އިންދައި، ކުއްލިއަކަށް ވެއްޓުމާ ގުޅިގެން 8 މިނެޓްތެރޭ އެމަޖެންސީ ހާލަތުގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައިވާ ކަމަށެވެ. އަދި ޢާއިލާއަށް 18:30 ގައި ގުޅަން މަސައްކަތްކޮށް، ގުޅިފައިވަނީ 18:42 ގައި ކަމަށް ކަރެކްޝަންއިން ބުނެއެެވެ..
އަސްލަމަށް ކަރެކްޝަނުން އަނިޔާކޮށްފައިވާކަމަށް ތުހުމަތުކުރާތީ އެކަމަށް ރައްދުދީ ކަރެކްޝަނުން ބުނީ އަސްލަމްގެ ބޮލަށް ގެއްލުން ލިބިފައި ވަނީ އޭނާ އިށީނދެ އިންދައި ވެއްޓުމާ ގުޅިގެން ކަމަށެވެ. އަދި އެ މަންޒަރު ހުޅުމާލެ ޖަލުގެ ސީސީޓީވީ ފުޓޭޖްއިން ސާފުކޮށް ފެންނަ ކަމަށް ކަރެކްޝަނުން ބުނެއެވެ.
ކަރެކްޝަނުން ބުނީ ހުޅުމާލެ ހޮސްޕިޓަލުން ފަރުވާދިނުމަށް ފަހު، އޭނާ ނިޔާވެފައިވާކަމަށް އެ ސަވިސްއަށް އަންގާފައި ވަނީ، ރޭ 20:23 ގައި ކަމަށެވެ. އަދި މަރުގެ ސެޓްފިކެޓްގައި މަރުގެ ސަބަބު ދެނެގަނެފައި ނުވާކަމަށާއި ނިޔާވެފައިވާ ވަގުތަކީ 18:55 ކަމަށް ބަޔާންކޮށްފައިވައިވާ ކަމަށް ކަރެކްޝަނުން ބުނެެެއެވެ.
ކަރެކްޝަނުން އިތުރަށް ބުނީ އެ ހާދިސާއާ ގުޅިގެން އެ ސަވިސްއިން އިސްވެ ވާނީ ރޭ އިންސްޕެކްޓަ އޮފް ކަރެކްޝަނަލް ސަވިސްއަށާއި، މޯލްޑިވްސް ޕޮލިސް ސަވިސްއަށާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް އަންގާފައި ކަމަށާއި އެފަރާތްތަކުން ހޯދުމަށް އެދޭ އެންމެހާ މައުލޫމާތު ދަނީ ފޯރުކޮށްދެމުން ކަމަށެވެ. އަދި އެ ސަވިސްގެ ފަރާތުން ވެސް މައްސަލައިގެ އިންޓަނަލް ތަޙުޤީޤު ދަނީ ކުރަމުން ކަމަށެެވެ.
އެކަމާ ގުޅިގެން ހޯމް މިނިސްޓްރީން ވެސް މިއަދު ވަނީ ސީީސީޓީވީ ފޫޓޭޖްތައް ބަލައި ޖަލު އޮފިސަރުންނާއި ގައިދީން ދީފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ހާދިސާ ހިނގި ގޮތުގެ ޓައިމްލައިނެއް އާންމުކޮށްފަ އެވެ.
ޓައިމްލައިންގައިވާ ގޮތުން އިއްޔެ ހަވީރު 17:55 ގައި އަސްލަމް މޭޒެއް މަތީ އިށީނދެގެން އިންނަތާ ހަތަރު މިނެޓް ފަހުން އަނބުރައިގަނެގެން ވެއްޓެ އެވެ. އެވަގުތު އެހެން ގައިދީއެއް އޭނާއަށް ސީޕީއާރް ދީފައިވާ ކަމަށް ޓައިމްލައިންގައިވެ އެވެ.
އަސްލަމް ވެއްޓުނުތާ ތިން މިނެޓު ފަހުން، 18:02 ގައި ކަރެކްޝަންސްގެ އޮފިސަރުން ސީންއަށް އެޓެންޑު ކުރި އެވެ. އެ ވަގުތު އޭނާ އޮތީ ހޭނެތިފަ އެވެ. އަދި އަށް މިނެޓު ތެރޭގައި އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އެވެ. ހޮސްޕިޓަލަށް ގެންދިޔުމަށް ފަހު 6:30 ގައި އާއިލާއަށް ގުޅަން މަސައްކަތް ފެށި ކަމަށް ޓައިމްލައިން އިން ދައްކަ އެވެ. އާއިލާގެ މެންބަރަކާ ގުޅުނީ 6:42 ގައި އެވެ. އަދި 6:55 ގައި އަސްލަމް މަރުވި ކަމަށް އެ ޓައިމްލައިންގައިވެ އެވެ.