
ޖުމްހޫރީ ޕާޓީއަށް އަލަށް ސޮއި ކުރި 1،000 އަށްވުރެ ގިނަ މީހުންގެ ފޯމްތައް ބަލައިގަތުމަށް އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީ ވެރިކަން ކުރާ ކޯލިޝަނެއްގެ ތެރޭގައި އޮތް ނަމަވެސް އެމަނިކުފާނަކީ އަބަދުވެސް ހައްގުބަސް ވިދާޅުވާ ބޭފުޅެއް ކަމަށެވެ.
އެގޮތުން 2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ހުންނެވި އިރުވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެނެސް އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރުމުން ވެސް އެކަން އެހެން ނުކުރެވޭ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ ރައީސް ނަޝީދަކީ އެމަނިކުފާނުގެ ގާތް ރަހުމަތްތެރިއެއް ކަމަށެވެ. އެކުވެރިކަމާއެކު މަސައްކަތް ކުރެވި ބޭފުޅެއް ކަމަށެވެ.
އަދި އެންމެ ފުރަތަމަ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް ފުރަތަމަ 40 މީހުން ސޮއި ކުރި އިރު އެންމެ ފުރަތަމަ އަސާސީ ގަވައިދާއި ހިންގާ ގަވައިދު އެކުލެވީ އަމިއްލަފުޅަށް ކަމަށް ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ އޭރު ރައީސް ނަޝީދު ހުންނެވީ ލަންކާގައި ކަމަށެވެ. އަދި ގާސިމް އެންމެ ފުރަތަމަ ސޮއި ކުރި ޕާޓީއަކީ އެމްޑީޕީ ކަން ފާހަގަކޮށް ގާސިމް ވިދާޅުވީ އެ ޕާޓީ އިއުލާން ކޮށްފައިވަނީ އެކަމަކު ލަންކާގައި ކަމަށެވެ. އެކަން ދަންނަ މީހުންނަށް ވަރަށް ރަނގަޅަށް އެކަންތަކުގެ ހަގީގަތް އިނގޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.