ads
ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން---
ޑްރަގްގެ މާސްޓާ ލިސްޓްގައި 3،000 އަށް ވުރެ ގިނަ ދިވެހީން!
ފާއިތުވި ތިން އަހަރު ދުވަހަށް ބަލައިގެން، އެކުލަވައިލި މަސްތުވާތަކެތީގެ "މާސްޓާ ލިސްޓު"ގައި 3،300 އަށް ވުރެ ގިނަ ދިވެހިން ހިމެނޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ހެލްތު މިނިސްޓްރީ އާއި ފުލުހުން އަދި ޕްރޮސެކިއުޓާ ޖެނެރަލް ހިމެނޭ ގޮތަށް ކަމާބެހޭ ގިނަ އިދާރާތައް ހާޒިރުކޮށްގެން "ޗޭންޖް އެންޑީއޭ 2020"ގެ ޕެޓިޝަނާ ގުޅޭގޮތުން ޕެޓިޝަން ކޮމިޓީން މިއަދު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.

އެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، ފާއިތުވި ތިން އަހަރަށް ބަލައި މަސްތުވާތަކެތީީގެ "މާސްޓާ ލިސްޓް" އެކުލަވާލާފައިވާ ކަމަށާއި އެ ލިސްޓުގައި 3،348 ދިވެހިން ހިމެނޭ ކަމަށާއި އެއީ މުޅިން ވެސް ޑްރަގް ފަރުވާ ބޭނުންވާ މީހުން ކަމަށެވެ.

މަސްތުވާތަކެތީގެ މާސްޓާ ލިސްޓުގައި ހިމެނޭ މީހުންނަކީ އެންމެ ބޮޑަށް ފަރުވާ ބޭނުންވާ މީހުންނެވެ. އެފަދަ މީހުންނަށް ފަރުވާ ދެވޭނެ އެކަށީގެންވާ ނިޒާމެއް ނެތްކަމާއި، ފަރުވާދޭ ސެންޓަރުތަކުގައި އެކަށީގެންވާ ވަސީލަތް ނެތްކަން ވެސް އެ ކޮމިޓީ ބައްދަލުވުމުގައި ކަމާ ބެހޭ ބޭފުޅުން ފާހަގަކުރެއްވި އެވެ.

ސީޕީ ހަމީދު ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ނިސްބަތް މިދިޔަ އަހަރުތަކުގައި އިތުރުވަމުންދިޔަކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން 2019 ވަނަ އަހަރު އަލަށް 493 މީހަކު މަސްތުވާތަކެތި ބޭނުންކުރަން ފަށާފައިވާއިރު، 2020 ގައި އަލަށް 516 މީހަކު އެ ވަބާގައި ޖެހިފައިވާކަން ސީޕީ ހަމީދު ފާހަގަކުރެއްވިއެވެ.

ސީޕީ ހަމީދު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރަން މީގެ ކުރިން ނުކުރާ ވަރަށް މިދިޔަ ދެ އަހަރު ފުލުހުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން މާލޭ ސަރަހައްދުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ވެސް މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިއަދާ ހަމައަށް 1،022 މީހަކު މަގުމަތިން އަތުލައިގަނެފައިވާ ކަމަށާއި މިދިޔަ ދެ އަހަރުގެ ތެރޭގައި ޓަނެއްހާ މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

އަދި މިހާރު މާލޭ ތެރޭގައި އެކި ނަންނަމުގައި ހިންގަމުންދާ 44 ކެފޭއެއްގެ އޮޕަރޭޝަން ހުއްޓުވާފައިވާކަން ފާހަގަކުރައްވަމުން ސީޕީ ހަމީދު ވިދާޅުވީ، މިހާތަނަށް ޑްރަގު ވިޔަފާރީ ކުރާ 12 ނެޓުވޯކެއް ހިފަހައްޓައި ދައުވާކުރަން ފޮނުވާފައިވާ ކަމަށެވެ.

މިދިޔަ ފަސް އަހަރުގެ ސްޓެޓިސްޓިކްސް އަށް ބަލާއިރު ގާތްގަނޑަކަށް 8،937 މީހުން މަސްތުވާތަކެއްޗާ ގުޅުން ހުރި، ތަފާތު އެކި ބާވަތްބާވަތުގެ ކުށްތަކާ ގުޅިގެން ފުލުހުންގެ ހައްޔަރަށް ގެނެސްފައިވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް