ads
އޮސްކާ އަދި ސުޒޭން
ސާފް ޗެމްޕިއަންޝިޕުގައި އޮސްކާ ވެގެންދާނީ ބޮޑު ޗެލެންޖަކަށް: ސުޒޭން
ބަންގްލަދޭޝްގެ ގައުމީ ޓީމު، ރާއްޖޭގައި ކުރިން މަސައްކަތްކޮށްފައިވާ އޮސްކާ ބްރޫޒޯންއާ ހަވާލުކުރުން ވެގެންދާނީ ރާއްޖޭގެ އިތުރުން ސަރަހައްދީ އެހެން ގައުމުތަކަށްވެސް ބޮޑު ޗެލެންޖަކަށް ކަމަށް ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

ބަންގްލަދޭޝްގެ ގައުމީ ޓީމުގެ ކޯޗު ޖެމީ ޑޭ މަގާމުން ދުރުކޮށް ވަގުތީ ގޮތުން ބަންގްލަދޭޝްގެ ގައުމީ ޓީމުވަނީ ކުރިން ނިއުރޭޑިއަންޓާއެކު މަސައްކަތް ކުރި ސްޕެއިންގެ އޮސްކާއާ ހަވާލުކޮށްފައެވެ. އޮސްކާއަކީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝަންދުރާ ކިންގްސްގެ ހެޑް ކޯޗުވެސް މެއެވެ. 

ބަންގާޅުގެ ގައުމީ ޓީމު އޮސްކާއާ ހަވާލުކުރުމުން ސުޒޭން ބުނީ، އެކަން ވެގެންދާނީ ރާއްޖޭގެ އިތުރުން ސަރަހައްދީ އެހެން ގައުމުތަކަށްވެސް ބޮޑު ޗެލެންޖަކަމަށް ކަމަށެވެ. ސުޒެއިން ފާހަގަ ކުރި ގޮތުގައި އޮސްކާއަކީ މި ސަރަހައްދުގައި މި ވަގުތު ހުރި އެންމެ މޮޅު ކޯޗެވެ.

ބަންގްލަދޭޝް ޓީމު އޮސްކާއާ ހަވާލުކުރުން ވެގެންދާނީ ބޮޑު ޗެލެންޖަކަށް. އޮސްކާއަކީ މި ސަރަހައްދުގެ އެންމެ މޮޅު ކޯޗު އަދި މި ސަރަހައްދު އެންމެ ރަނގަޅަށް އެނގޭނެ އެކަކީވެސް އޮސްކާ. ދިވެހި ހުރިހާ ކުޅުންތެރިން އޭނާއަށް ވަރަށް ރަނގަޅަށް އެނގޭނެ. އޮސްކާއަކީ އޭނާ ކުރާ މަސައްކަތް ވަރަށް ރަނގަޅަށް އެނގިގެން ވަރަށް ރަނގަޅަށް ރިސަރޗް ކޮށްގެން ކުޅުވާ ކޯޗެއް.

އަންނަ މަހުގެ އެއްވަނަ ދުވަހު ސާފް ޗެމްޕިއަންޝިޕް މާލޭގައި ފެށޭއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި އެއްކޮޅުން ނުކުންނާނީ ބަންގްލަދޭޝްއެވެ. ފުރަތަމަ މެޗުގައި ބަންގްލަދޭޝް ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. ބަންގްލަދޭޝް ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާ ދެކޮޅަށް ކުޅޭނީ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުގެ ރޭއެވެ. 

ބަންގްލަދޭޝްގެ ކޯޗުކަމުގެ މަގާމު ކުއްލި ގޮތަކަށް ހަވާލުކުރި އޮސްކާވަނީ ރާއްޖޭގައި މަސައްކަތް ކުރި ކުރު މުއްދަތުގެ ތެރޭގައި ނިއުރޭޑިއަންޓަށް އެ ކްލަބުން ވާދަކުރި ހުރިހާ ލޯކަލް މުބާރާތެއް ކާމިޔާބުކޮށްދީފައެވެ. އޭގެ ފަހުން ބަންގްލަދޭޝްގެ ބަޝަންދުރާ ކިންގްސްއާ ހަވާލުވެ އެ ގައުމުގެ ޗެމްޕިއަންކަންވެސް ހޯދިއެވެ. އޮސްކާވަނީ ބަޝަންދުރާ ކިންގްސްއާ އެކު މިދިޔަ މަހު މާލެ އައިސް، އޭއެފްސީ ކަޕް ގްރޫޕް ޑީގައި މޮޅު ކުޅުމެއް ދައްކާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް