ads
މަޖިލިސް ކުރާ ގެ: އެންމެ ބޮޑު މުސާރައެއް ލިބޭ އެއް ބަޔަކީ މެމްބަރުން-- ފޮޓޯ: މަޖިލިސް އިދާރާ
ފަރަގު ބޮޑު މުސާރައިގެ އޮނިގަނޑުން ރައްޔިތުން ހަނާވަނީ!
އަމިއްލަ ދިރިއުޅުމެއް ފަށައި ބޭނުންވާނެ ގިނަ ކަންކަން ނުވެ މިއަދު ތިބީ ކިތައް އާއިލާ ތޯއެވެ. މިއަދު ދިވެހި މުޖްތަމައުން މި އިވެނީ އަބަދުވެސް ކުރާ މަސައްކަތާ ނުބައްދަލު މުސާރައެއް ދޭތީ ސަކުވާކުރާ އަޑެވެ. ރިސޯޓް މުވައްޒަފުންގެ ފަރާތުން ވެސް މި ނޫން އަޑެއް ނީވެއެވެ. މިނިމަމް ވޭޖެއް ކަނޑަނޭޅި ލަސްވަނީ ކީއްވެތޯ ސަރުކާރާއި އަބަދު އެ ތިބެނީ ސުވާލު އުފައްދާފައެވެ.
Advertisement

އެ ފަދަ ތަފާތު ސުވާލުތައް އުފައްދަން ޖެހެނީ ކުރަންޖެހޭ މުހިންމު ހަރަދުތައް ނުކުރެވި މަގުމަތިވެފައި ތިބި އެތައް ޒުވާނުންނެއް ތިބެން ޖެހުމުންނެވެ. މިއަދު އާދައިގެ ދެރަ ނިކަމެތި ރައްޔިތު މީހާގެ މުސާރައަކީ ބޭނުންވާ މުހިންމު ކަންކަން ނުކޮށް ދޫކޮށްލަންޖެހޭ ވަރުގެ ކުޑަ މުސާރައެކެވެ. ފަހަށް ރައްކާކުރާނެ ފައިސާ ފޮއްޗެއް ވެސް ގިނަ މީހުން އަތުގައި ނޯވެއެވެ.

ދައުލަތުގެ މުވައްޒަފުންގެ ތެރެއިން އިސް މަގާމުތަކުގައި ތިބޭ ބައެއް މީހުން ބޮޑެތި އަދަދުތަކުން މުސާރަ ނަގައިގެން އުފަލުގައި ދިރިއުޅޭއިރު އާދައިގެ މުވައްޒަފު މީހާ ދިރިއުޅެން ޖެހެނީ ހާސްކަމާއި ކަންބޮޑުވުމުގެ ތެރޭގަ އެވެ. ނަތީޖާއަކަށްވަނީ ބޮޑު މުސާރަ ލިބޭ ބޭބޭފުޅުންގެ ގާތަށް ސަލާން ޖަހަން ދާން ޖެހުމެވެ. އެކަމުގެ ސަބަބުން މިނިވަން ރައްޔިތު މީހާ ދިރިއުޅޭ ތަނެއް ނުފެނެ އެވެ.

ފަސް ހާސް ރުފިޔާގެ ކުޑަ މުސާރަ ލިބޭ މީހާގެ ގޭގެ ކަރަންޓް ބިލާއި، ފެންބިލް ދައްކާފައި ދެން ތިބެން ޖެހެނީ މަގުމަތީގައި ސަލާން ޖަހައިގެން ނުވަތަ އާއިލާގެ އެހެން މީހެއްގެ އަތުން ފައިސާ ކޮޅެއް ނަގައިގެން ކައިބޮއި ހަދައިގެންނެވެ. މިފަދަ ގޮތަކަށް ކަންކަން ވެގެން މިދަނީ ދިވެހި ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު ކަނޑައަޅާފައިވާގޮތުންނެވެ. ނަތީޖާއަކީ މުސާރައަކީ އާދައިގެ މުވައްޒަފު މީހާއަށް ރަމްޒީ އެއްޗަކަށްވުމެވެ.

މުސާރައިގެ އޮނިގަނޑަށް ބަލާއިރު މަޖިލީހުގެ މެމްބަރެއްގެ މުސާރައަކީ މަހަކު 80000 ރުފިޔާއެވެ. އޭނާގެ އަތުގައި ތައުލީމީ ސެޓްފިކެޓެއް ނުވަތަ އެކަމަށް ލޯ ހުޅުވިފައިވާ މީހަކަށްވެސް ގިނަ ފަހަރު ވާކަން ނުޖެހެ އެވެ. ލިޔަން ކިޔަން ނޭންގޭ މީހާ ވެސް މިއަދު މިފަދަ މަގާމުތަކަށް ކުރިމަތިލުމަކުން ގޯހެއް ނެތެވެ. ނަމަވެސް އާދައިގެ މުވައްޒަފު މީހާ މަތީ ތައުލީމު ހާސިލްކޮށްގެން ހޯދާ ސެޓްފިކެޓާއެކު އޭނާ ވަޒީފާއަށް ދިއުމުން އޭނާގެ މަސައްކަތުގެ އަގަކީ 5000 ރުފިޔާ ނޫނީ 10000 ރުފިޔާއަށް ވަނީ ވެފަ އެވެ. މިއީ އެ އިސް މަގާމްތަކުގައި ތިބި ބޭފުޅުންގެ މުސާރަ އާ އަޅާ ކިޔާއިރު ވަރަށް ބޮޑު ފަރަގެކެވެ. މިއީ އިންސާފުތޯއެވެ.

ކުރާ ބުރަ މުސައްކަތާ އެއްވަރުގެ މުސާރައެއް ދީފި ނަމަ ސަލާން ޖަހައިގެން ކައިބޮއި އުޅޭނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ. 5000 ރުފިޔާ އަކީ އެ ފަރާތްތަކުން ރެ އާއި ދުވާލު ކުރާ މަސައްކަތާ އެކަށީގެންވާ އުޖޫރައެއް ނޫނެވެ. އެފަރާތްތަކުގެ ބޭނުންތައް ފުއްދާލެވި ހަމަޖެހިގެން ދިރިއުޅެވޭ ވަރުގެ މުސާރެއެއް ކަނޑައަޅައި ދިނުމަކީ ސަރުކާރުގެ މުހިންމު އަސާސަކަށް ވާން ޖެހެއެވެ.

ރައްޔިތުން މަޖިލީހުގެ މެމްބަރުން ނޫނީ ސަރުކާރުގެ އިސް މާގާމްތަކުގައި ތިބި ބޭފުޅުންނެކޭ އެއްފަދައިން އާދައިގެ މުވައްޒަފުންނަށް ވެސް އެކަށޭނެ މުސާރައެއް ދިނުން މިއަދު މިވަނީ ލާޒިމްވެފަ އެވެ. މުސާރައިގެ ފަރަގު މާ ބޮޑީ އެވެ. ރައްޔިތުން މަގުމަތިވަނީ ވެސް ސަރުކާރުން މިފަދަ ގޮތަކަށް މުވައްޒަފުންގެ މުސާރައިގެ ކަންކަން އިންތިޒާމްކޮށްފައި ވާތީއެވެ. މިފަދަ މައްސަލަތަކުގެ ހައްލަށް އެކަށީގެންވާ ލިވިން ވޭޖްއެއް މިއަދު ފޯރު ކޮށްދެން އެބަޖެހެއެވެ.

ވެރިކަން ކުރާ މާލެއަށް ބަލާލާއިރު އެއް ކޮޓަރީގެ އެޕާޓްމެންޓެއްގެ އަގު އުޅެނީ ގާތްގަނޑަކަށް 10000 ރުފިޔާއަށެވެ. ކެއުމާއި ބުއިމާއި ކަރަންޓް ބިލާއި ފެން ބިލް ފަދަ ހަރަދުތައް ދެކޮޅު ޖެއްސުމަށް އިތުރު 5000 ރުފިޔާ ވަރު ހަރަދު ކުރަންޖެހޭނެ އެވެ. އެވަރު ލިބުނަސް ބައްޔެއް ވެއްޖެ ނަމަ ސަލާން ނުޖަހާ ވާނެ އެއްގޮތެއްވެސް ނޯންނާނެ އެވެ.

ވަޒީފާ އަދާކުރުމަށާއި އެހެނިހެން ބޭނުންތަކުގައި ރަށްރަށުގެ ގިނަ މީހުން މާލޭގައި ދިރިއުޅެން ޖެހިފައިވާއިރު ލިބޭ މުސާރައިން ނުވަތަ އާމްދަނީ އިން ދިރިއުޅުން ދެކޮޅު ޖެހޭނެ ގޮތެއް ނެތެވެ. މަސް ނިމޭއިރު އޮންނަނީ ދަރާ ވިކިފަ އެވެ. އެކުވެރިން އަތުން ފަހުން ދައްކާގޮތަށް ފައިސާ ނެގުން ނޫން ގޮތެއް ނޯވެ އެވެ. އެ ހާލުގައި ވެސް މާލޭގައި ދިރިއުޅެން މަޖުބޫރުވެ އެވެ.

ދަރަނިވެރި ދިރިއުޅުމުން ސަލާމަތްވުމަށް ދެމަފިރިން ވަޒީފާ އަދާކުރިކަމުގައި ވިޔަސް ދެކޮޅު ނުޖެހެއެވެ. ހަމަ މިއާ އެކު ދަރިން ލިބުމުން ކޮންމެ ވެސް އެކަކު ވަޒީފާ ދޫކޮށްލުން މަޖުބޫރުވެއެވެ. މިކަމުގެ ސަބަބުން އަދި އިތުރަށް ހާލަތު ގޯސްވެ އެވެ. ހަރަދުތައް ބެލެހެއްޓުން ދަތި ވުމާ އެކު ވަޒީފާ ދޫކޮށް ކޮންމެވެސް އެކަކު ދަރިން ގޮވައިގެން ރަށަށް ދާން މަޖުބޫރުވެ އެވެ. މަޖުބޫރީ ހާލުގައި ރަށަށް ގޮސް ދިރިއުޅެން ފެށުމުން ދެ މަފިރިންގެ ބައެއް ގުޅުންތައް ހީނަރުވެ ދެފަރާތެގެ ދެމެދުގަ މައްސަލަތައް ޖެހެއެވެ. އެކަށީގެންވާ މުސާރައެއް ކޮންމެވެސް އެކަކަށް ލިބޭނަމަ ދިރިއުޅުން ކުރިއައް ގެންދާނެ ކޮންމެ ވެސް މަގެއް ހޯދޭނެ އެވެ.

މުސާރައިގެ ފަރަގު ބޮޑު މައްސަލާގައި ސިވިލް ސާވިސް އެސޯސީއޭސަންގެ މެމްބަރަކު ވިދާޅުވީ މިހާރު ދެވޭ އުޖޫރައަކީ ކުރާ މަސައްކަތަށް ބަލާއިރު ކުޑަ މުސާރައެއްކަމަށާއި ދައުލަތުގެ މުސާރައިގެ އޮނިގަނޑުގައި އިންސާފުވެރިކަމެއް ނެތް ކަމަށެވެ.

މުސާރައިގެ ފަރަގު ކުޑަ ކުރުމަށް އޭނާ ވަނީ ދެ ފަރާތަށް ވެސް ފައިދާ ހުރި ގޮތެއް ހުށަހަޅާފަ އެވެ. އެ ގޮތަކީ ސިވިލް ސާވަންޓުން މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް އިތުރު އެލަވަންސެއް ދިނުމެވެ. އޭނާ ވިދާޅުވީ އެގޮތަށް ހަދައިފިނަމަ އުފެއްދުންތެރިކަން އިތުރުވެ މުވައްޒަފުންގެ މެދުގައި ހުރި ކަން ބޮޑުވުންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

މުވައްޒަފުންގެ ޝަކުވާގެ އަޑު ސަރުކާރުން އަހަން ވާނެކަމަށާއި އާދައިގެ މުވައްޒަފު މީހާއަށް ދައުލަތުން ދޭ މުސާރައަކީ އޭނާގެ ވެސް އަނބިދަރިން ގޮވައިގެން ދިރިއުޅެވޭވަރުގެ މުސާރައަކަށް ހަދަން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

ކުރާ މަސައްކަތާ ނުބައްދަލު މުސާރައެއް ދިނުމަކީ ހަގީގަތުގައި މުވައްޒަފުން އިތުރަށް ނިކަމެތިވެ އަޅުވެތިވާން ޖެހޭސަބަބެކެވެ. އަދި އެ މީހުންނަށް ދެވޭ ވަރަށް ބޮޑު ދެރައެކެވެ. ސަރުކާރުގެ ބޭނުމަކަށް ވާން ވަނީ މުސާރައިގެ ފަރަގު ކުޑަކޮށް އާދައިގެ މުވައްޒަފު މީހާއަށް ލިބޭ މުސާރައިން އޭނާގެ ދިރިއުޅުން ދެކޮޅު ޖެއްސޭނެ ގޮތެއް ހަދައިދިނުމެވެ. ނަމަވެސް ކަން ހިނގަނީ އެމަގަކަށް ނޫނެވެ. ތިބެންޖެހެނީ "މޮޅު މީހާއަށް މޮޅު ގޮތް ދެރަ މީހާއަށް ދެރަ ގޮތް" ވާ ތަން ބަލާށެވެ. މިކަމުގެ ސަބަބުން ދައުލަތުގެ މުވައްޒަފުންނަށް ނަޒާހަތްތެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތުވަނީ ގެއްލިފަ އެވެ. އަދި ސަލާން ޖަހާ ބަޔަކަށް ނުވަތަ ކޮންމެ ވެސް ނަހަމަ ގޮތަކަށް ދިރިއުޅުން ހަމަޖައްސަން އެ މުވައްޒަފުންނަށް ވަނީ މަޖުބޫރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް