ads
އަލީ ވަހީދު..
އަލީ: ނަމުން ހަމަ އަލިފެއް! ގޯސްވީ އެހެން ބައެއް!
ދުވަހުގެ އިރު އެރުމާއެކު ހޭލެވިގެން ފޯނު ހުޅުވާލާ ސޯޝަލް މީޑިއާ ބަލައިލިއިރު ކަމަކު ދާކަށް ނެތެވެ. ފޭސް ބުކް އާއި ޓްވިޓާގެ ފީޑް ގައި ވެސް އޮތީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ވާހަކަ އެވެ. ރާއްޖެއިން ބޭރުގައި ހުންނަވާ ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަތަކަށް ހަދާފައިވާ ހަބަރުތަކުންނެވެ.

ޖިންސީ ގޯނާގެ ތުހުމަތު ތަކެއްގައި ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުން ވަކިކުރެއްވުމާ އެކު، ރާއްޖެއިން ބޭރަށް ވަޑައިގެން އިނގިރޭސި ވިލާތުގައި ހުންނަވާ ރާއްޖެ ވަޑައި ނުގަންނަވާ ދެއްކެވީ ފިސާރި މޮޅު ވާހަކަ ތަކެކެވެ.

އެ ވާހަކަތައް އޭނާ ދެއްކެވި އިރު އަލީ ވަހީދު ރާއްޖޭގެ ސުޕްރީމްކޯޓަށް ހާޒިރުވުމަށް އެކޯޓުންވަނީ އަމުރުކޮށްފަ އެވެ.  އެ އަމުރާ އެއްގޮތަށް އަމަލުކުރައްވާފައި ނުވާތީ އަލީ ވަހީދުގެ މައްޗަށް އެންމެ މަތީ ކޯޓުންވަނީ ޖަލު ހުކުމެއް އިއްވާފައެވެ.  

ރޭގެ ޕްރެސްގެ ރެކޯޑިން ފަހުން އަނެއްކާވެސް ބަލާހިތްވެގެން އަޅުވައިލާ އަޑު އަހަން އިން އިރު އަލީގެ ވާހަކަ ތަކުން އޭނާ އަކީ ހަމަ "އަލިފެކޭ" ވިދާޅުވާ ފަދަ އެވެ. ކުށް ވެސް ނުކުރައްވާ ހުދު ކާފޫރުކޮޅެކޭ ބުނާހެން ވެސް ހީވިއެވެ. ހަގީގަތުގައި ހަމަ އަލީ އެ ބުނަނީ ވެސް އެހެން ނެވެ.

މާގިރި ހޮޓެލްގައި ކޮވިޑްގެ ދުވަސްވަރު ތިއްބެވި އިރު  އެބުނާ ފަދަ ހަޑި އަމަލެއް ހިންގާފައެއް ނުވާނެ ކަމަށާއި މަގާމުން ވަކިކުރެއްވީ "ތަންދޮރު" އޮޅުން ނުފިލުވާ ކަމަށް ވިދާޅުވެ އެ މޭރުމުން ވާހަކަތައް ދައްކަވަމުން ދިޔައީ "ގަޓު" ގައެވެ. 

އިސްތިއުފާ ދެއްވަން ނުޖެހޭ ކަމެއްގައި މަރާލިއަސް އަދި ޖަލަށް ލިޔަސް އަމާން ނުދެއްވާނެ ކަމަށް އޭރު އޭނާ ވިދާޅުވެފައިވާ ކަމަށް ބުނެ އިސްތިއުފާ ދެއްވަން ޖެހޭ ވަރުގެ ކަމެއް ނުކުރައްވާ ކަމަށް ޕްރެސްގައި އަލީ ވިދާޅުވި އެވެ.

އިސްތިއުފާ ދެއްވަންޖެހޭ ކަމަށް އެންގުމުން ރައީސް އަށް ގުޅުއްވި ކަމަށާއި އަދި މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ވަރުގެ ކަމެއް ކުރައްވާފައި ނޯންނާނެ ކަން ރައީސްގެ ގާތު ދެންނެވުމުން ރައީސް ވިދާޅުވީ "އެ ކުދިން އައިސް ދެއްކި ވާހަކައިން ރަނގަޅީ މި ވަގުތު ދުރަށް ޖެހުނިއްޔާ" ކަމަށް އަލީ ވިދާޅުވި އެވެ.

"ރައީސްގެ ގާތު ދެންނެވިން މަގާމުގައި ވަރަށް އިހުލާތެރިކަމާއެކު ކަމަށް މަސައްކަތް ކުރަމުން މި ގެންދަވަނީ. އެހެން ކަމުން ކޮން ކަމަކާތޯ އޭ އިސްތިއުފާ ދެއްވަން ޖެހޭނީ. މަޖިލީހުގައި ވެސް ރައީސް އާ އެކު އެކުގައި މަސައްކަތްތަކެއް ކުރެއްވީމެއް ނޫންހޭ އެކަން އެނގެއެއްނޫންހޭ. އަޅުގަނޑު ކޮމްޕްރަމައިޒްކުރާނެ ކަމެއް ނުވަތަ ރައީސް ކޮމްޕްރޮމައިޒް ކުރަންޖެހޭނެ ކަމެއް ވެސް ނޯންނާނެއޭ ދެންނެވިން . ތި އިސްތިއުފާގެ ސިޓީ ލިޔާނެ ހިތްވަރެއް އަޅުގަނޑުގެ ނެތޭ ދެންނެވިން."

މި ހުރިހާ ވާހަކަތަކެއް ދައްކަވައި ކުށުން ބަރީޢަވެވަޑައިގެން  އަލީގެ އިނގިލި ދިމާކުރެއްވީ ސިޔާސީ ފަރާތްތަކަށާއި ސަރުކާރަށެވެ.

އަލީގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކުރާ އިރު މިއަދާ ހަމައަށް ވެސް ދައުލަތުން އޭނާ އާ ސުވާލު ކޮށްފައި ނުވާކަމަށް ވިދާޅުވި އެވެ.

ގިނަ ވާހަކަތަކެއް ދައްކަވަމުން އޭނާ ވިދާޅުވީ، މާގިރީގައި އޭނާ އަށް ވުރެން މާ "ހަޑިކޮށް" ބަޔަކު އުޅުކަމަށާއި ޕާޓީކޮށް ރޯދަ މަހު ރޯދަ ނުހިފާ އެއްޖިންސުން ގުޅުން ހިންގި މީހުން ވެސް އުޅުނު ކަމަށެވެ. އަދި އޭނާ ފްރޭމް ކުރުމުގެ ފަހަތުގައި ތިބީ ފިރިހެނުންތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.

އަލީ ވިދާޅުވީ އޭނާ އާ ދޭތެރޭ ހިތްހަމަނުޖެހުން އައީ އެމްޑީއެން މައްސަލައިގައި ކަމަށާއި  ޖިންސީ ގޯނާގެ ތުހުމަތުކޮށްގެން ފެންމަތިކުރީ މަގާމުން ދުރުކުރުމަށް ކަމަށާއި އެއީ ކޯލިޝަންގައި ތިބި އެމްޑީޕީ ނޫން ޕާޓީގެ މީހުން ދުރުކުރުމަށް ކުރެވޭ ކަމެއް ކަމަށެވެ. އަދި ކެބިނެޓުން އިސްތިއުުފާ ދިން އެކަކު ވެސް އެކަން ކުރީ ހިތްހަމަޖެހިގެނެއް ނޫން ކަމަށާއި މަޖުބޫރުވެގެން ކަމަށް އަލީ ފާހަގަ ކުރެއްވިއެވެ.

ޕީޖީ ހުސެއިން ޝަމީމް އާއި އޭޖީ އިބްރާހިމް ރިފްއަތުގެ މައްސަލަތައް އެބަހުރި ކަމަށް ވިދާޅުވެ އެ ދެ ބޭފުޅުންނަށް ފާޑު ވިދާޅުވަމުން އަލީ ވަނީ މި ސަރުކާރު ގެނެސްގެން އިންސާފު ނުލިބުނީމަ ރައްޔިތުންގެ ކިބައިން އެކަމަށް މާފަށް އެދިވަޑައިގެންފައެވެ. އަދި ރައީސް އަބްދުﷲ ޔާމީނަށް ކުރި ހުކުމާ ގުޅޭ ގޮތުން ސުވާލު އުފެދުމުން މިނިވަންކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. 

އަލީ ވިދާޅުވީ ރާއްޖެއިން ފުރީ ފިލައިގެން ނޫން ކަމަށާއި ފަރުވާ އަށް ބޭރަށް ދިޔައީވެސް ވެސް ޕާސްޕޯޓް ވެސް ދޫކޮށްލުމުން ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ހުންނަވައިގެން ފަރުވާ ނުހޯދައްވާ ވާހަކަ ފެތުރުނު ކަމަށާއި އެ ވާހަކަ ތަކަކީ ދޮގެއް ކަމަށް އެ ޕްރެސްގައި ވިދާޅުވިއެވެ. 

މި ހުރިހާ ވާހަކަތަކެއް ވެސް ވަކި ސުރުހީތަކެއްގެ ގޮތުގައި ހަބަރަށް އެރި ނަމަވެސް ދިވެހި ރައްޔިތުން ސޯޝަލް މީޑީއާ އާއި ހަބަރުތަކަށް ކޮމެންޓްކުރަމުން އަލީއަށް އަމާޒު ކުރީ ފާޑުކިޔުމެވެ. މަތިއޮމާން ކުރަން އަލިފަކަށް ވެގެން ހުރެ މޮޅެތި ވާހަކަ ދެއްކިޔަސް އެ ވާހަކަތަކުގައި އޮއްޓަރު ނެތް ކަމަށް ބުނެ ކޮމެންޓް ކުރި މީހުންނާއި ސޯޝަލް މީޑިއާގައި ބައެއް މީހުން އަލީގެ އެ ވާހަކަތަކާއެކު އަލީ ވައްޓާލީ ހޫނު ފެނަށެވެ. 

ކޮންމެ މީހަކު ވެސް މަގާމުން ދުރުކުރީމަ ނުވަތަ ބާރު ކެނޑޭހެން ހީވީމަ ރައްޔިތުންގެ އަނގަކޮށްވަށް ތާކުންތާކު ނުޖެހޭ ވާހަކަ ދެއްކުމަކީ ރާއްޖޭގެ ސިޔާސީ މީހުން ކުރަމުންދާ ކަމެކެވެ. އަލީ ވަހީދު ވެސް މި ކުރެއްވީ އަނެއްކާ މިޒާތު ކަމެއްތޯ އެވެ.

88%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް