ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ސީއެންއެމް އަށް ވިދާޅުވީ އެފަދަ ކަމެއް ހިނގާފައި އޮތްނަމަ މިހާތަނަށް އައިއިރު އޮންނާނީ ތިލަވެފައި ކަމަށާއި، އެފަދަ ހެއްކެއް ހުރިކަމަށްވާނަމަ އަވަހަށް ހާމަކުރެއްވުމަށް އެދޭކަމަށެވެ.
"ވިދާޅުވި ހެކިވެސް އެބަހުއްޓޭ . ވީޑިއޯވެސް އެބަހުއްޓޭ . އަޅުގަނޑުމެން މިބުނަނީ ހުރި އެއްޗެއްވިއްޔާ އަވަހަށް ނެރޭށޭ ހުރިއެއްޗެއް ވިއްޔާ ދައްކާށޭ. އެހެން ނޫނީ އެއީ ތޯތޯ ވާހަކައެކޭ ހަމަ" މަބްރޫކު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ފައިސާއިން ރައީސް ސޯލިހު 35 މިލިޔަން ރުފިޔާ ނެންގެވި ކަމަށް ތުހުމަތުކުރައްވައި އަލީ ވަހީދު ރޭ ވިދާޅުވީ ރައީސް އެފައިސާ ގެންދެވިކަން ސާބިތުވާނެ ސީސީޓީވީ ފުޓޭޖް ހުންނާނެ ކަމަށެވެ.
ރޭޕްގެ ތުހުމަތަށް މަގާމުން ވަކިކޮށް ދައުވާ އުފުލާފައި ވަނިކޮށް ރާއްޖޭން ބޭރަށް ވަޑައިގެން ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވުމަށް ފަހު ރޭ ބޭއްވި މީޑިއާ ބްރީފިންގައި އަލީ ވަހީދު ސަރުކާރަށް ގިނަ ތުހުމަތުތަކެއް ކުރެއްވި އެވެ. ގިނަ ވަގުތު ތަކެއް ވަންދެން ވާހަކަ ދައްކަވާފައިވެއެވެ.
އަލީވަހީދު ރޭ ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ މާލޭގެ ރެހެންދި ފްލެޓުން "ކަޅު ދަބަސް" އުފުއްލެވި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ އެންމެ އިސް ފަސް މަގާމުގައި ތިއްބެވި ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށެވެ. އޭގެ ފަހުން، އޭނާ ވިދާޅުވީ އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ހިމެނިވަޑައިގަންނަވާ ކަމަށާއި އޭގެ ވީޑިއޯ ފުލުހުންގެ އިދާރާގައި ވެސް ހުންނާނެ ކަމަށެވެ.
އަލީ ވަހީދު ރޭ ކުރެއްވި ތުހުމަތުތަކާ ގުޅިގެން އެ މައްސަލަ ތަހުގީގުކުރަން ގޮވާލައި ރައްްޔިތުންގެ މަޖިލީހަށް ކުއްލި މައްސަަލައެއް ހުށަހަޅަން އިދިކޮޅުން މިއަދު މަސައްކަތް ކުރި އެވެ. ނަމަވެސް މަޖިލީހުގެ ސެކްރެޓޭރިއެޓުން އެ މައްސަލަ ބަލައިގެންފައި ނުވެއެވެ.