ads
ޢަލީ ވަޙީދު: ޖުމްހޫރީ ޕާޓީގެ ރައީސް
ޢަލީ ވަޙީދު: ބޮޑު މުސީބާތެއް!
ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ޖުމްހޫރީ ޕާޓީގެ ރައީސް ޢަލީ ވަޙީދު ފަދަ ބޭފުޅަކަށް 15 މީހަކު ކީއްކުރަންތޯ 115 އަންހެނުންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުން ވެސް އަދަބެއް ނުލިބި ސަލާމަތް ވެވަޑައިގެންނެވިދާނެއެވެ. ނަމަވެސް ޖިންސީ ގޯނާގެ ތުހުމަތުތަކަކީ ދިގު ނޫސް ކޮންފަރެންސެއް ބާއްވައިގެން ގިސްލައި ރޮއި ކަރުނަ އޮއްސުމަކުން ދޮވެވޭނޭ އެއްޗެއްނޫނެވެ. އަދި ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސީލިހާއި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވާ އެއްޗަކުން ފޮހެވޭނޭ އެއްޗެއްވެސް ނޫނެވެ.

ޢަލީ ވަޙީދާ މެދު ކުރެވޭ ޖިންސީ ގޯނާގެ މައްސަލަތަކަކީ  ދުނިޔޭގެ ރެކޯޑަކަށް ނުވެ ހިނގައިދާނެއެވެ. އެކަމަކު އެއީ ރާއްޖޭގެ ރެކޯޑެކެވެ. މިނިސްޓަރަކު އަދި ސިޔާސީ ޕާޓީއެއްގެ ރައީސަކު އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރީން ކުރައްވާފައިވާ ބޭފުޅަކު 15 މީހަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ރާއްޖޭގެ ތާރީޚުގައި މީގެ ކުރިން ކުރެވިފައެއް ނެތެވެ. އަދި އެފަދަ އަމަލެއް ކުރިއަށް އޮތް 100 އަހަރުގެ ތެރޭގައި ބޯ ބުރާންތި ވެފައިވާ ގަމާރަކު ވެސް ރާއްޖޭގައި ކޮށްފާނެ ކަމަށް ގަބޫލެއް ވެސް ނުކުރެވެއެވެ.

your imageޢަލީ ވަޙީދު: ނަޝީދާ ގާތްގުޅުމެއް ބޭއްވެވި

ޓުއަރިޒަމް މިނިސްޓަރަކަށް ހުންނަވައިގެން އަދި ޖުމްހޫރީ ޕާޓީގެ ރައީސަކަށް ހުންނަވައިގެން ތޮއްޑޫ ޢަލީ ވަޙީދު  ޖިންސީ ގޯނާ ކުރިކަމުގެ އެތައް ޝަކުވާ ބަޔަކުކޮށް  ހަތް ދައުވާއެއް އޭނާގެ މައްޗަށް އުފުލާފައި ވަނިކޮށް ފުރާވަޑައިގަތުމުން އަދުލު އިންސާފަށް ލަދުވެތިކަން ވެރިވެގެން ދިޔައެވެ. ސިޔާސީ މުސީބާތެއްގެ ބޮޑެތި ހިތާމަޔާއި ވޭނާއި އުނދަގޫ ވެރިވެގެން ދިޔައެވެ.

ޢަލީ ވަޙީދަކީ ރައީސް މައުމޫނު ރައީސް އޮފީހާއި ޑީއާރުޕީގެ ތެރޭގައި ބޮޑުކޮށް ގެންގުޅުއްވި ބޭފުޅެކެވެ. ޢަލީ ވަޙީދުގެ އެންމެ ފާހަގަ ކުރެވޭ ޚާއްޞަ ސިފަޔަކީ ގަދައަޑުން ތަޢުރީފު ކުރެއްވުމާއި ބަރު އަޑުން ފާޑުވިދާޅުވުމެވެ.

އޭނާ އެންމެ ފުރަތަމަ ތައުރީފު ކުރައްވަމުން ގެންދެވީ ރައީސް މައުމޫނަށެވެ. މައުމޫން ހަތަރަކަށް ހަޔަކަށް ޖައްސަވާ ވާހަކަ ވަރަށް މޮޅަށް ބަޔާންކޮށް ދެއްވަމުން ގެންދެވިއެވެ. އަދި އެންމެ ފުރަތަމަ ވިހަލެއްވީ ވެސް މައުމޫނުގެ އަތުކުރީން ނިކުންނަވައި މައުމޫންގެ ޑީއާރުޕީއަށެވެ. 

ޑީއާރުޕީން ވަރަށް ބުރަ މަސައްކަތާއި ހޭދަކޮށްގެން ޢަލީ ވަޙީދު ތޮއްޑޫ ދާއިރާއިން ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާއަށް ހޮވާފައި ވަނިކޮށް އޭނާ ޑީއާރުޕީއަށް ލަނޑުދެއްވައި ކެހިދެއްވައި އެމްޑީޕީއަށް ބަދަލުވީ ރެކޯޑު ފީއަކަށް ކަމަށް ވެއެވެ. އޭނާ ކޮންމެ އަގަކަށްނަމަވެސް އެމްޑީޕީއަށް ގެންދަން ޖެހުނީ ރައްޔިތުންގެ މަޖިލީހުގެ އިތުރަށް ސިޔާސީ ޕޯޑިއަމްތަކުގައި އޭނާގެ ނުފޮރުއްޕާނާއި މުސީބާތް އެމްޑީޕީއަށް ބޮޑުވެގެންނެވެ. ނުރައްކައުތެރި ކުޅުންތެރިން އިދިކޮޅު ޓީމަށް ގެންދާ އުސޫލުންނެވެ. އޭނާ ވަނީ ރައީސް ނަޝީދު ހަފުތާގެ ހަތް ދުވަހު ކުރައްވާ މުޑުދާރު ކަންތައްތައް ބަޔާންކޮށްދެއްވާފައެވެ.

ޑީއާރުޕީ ތެރޭގައި ހުންނަވައިގެން އަޑުގަދަކުރައްވައި އެމްޑީޕީއަށް ހަމަލާތައް ދެއްވާތީ މުސީބާތަކަށްވެގެން ޑީއާރުޕީތެރޭން އުފުރާލައިގެން ޢަލީ ވަޙީދު އެމްޑީޕީތެރެއަށް ގެންދިޔައެވެ. އުފުރާލަން އެޅީ މިލިއަނުން މިލިއަނުން ކިތައް މިލިއަންކަމެއް ސާފެއްނުވެއެވެ. އެކަމަކު ދެން ކުއްލިއަކަށް ފެނުނީ މާލެއިން ގެއެއް ބައްލަވައިގެނެވިތަނެވެ. ހުޅުމާލޭގެ ބިމުގެ އަގު އެންމެ ބޮޑު ސަރަހައްދުން ދެ ބިން ބައްލަވައިގަތް ޚަބަރެވެ. އެ ގަތުލުގެ ސިއްރު ނުހޯދުނު ގޮތަށް ޢަލީ ވަޙީދަށް ލިބިވަޑައިގަތް އެ ކުއްލި މުއްސަނދިކަމުގެ ސިއްރެއް ނުހޯދުނެވެ. ނަމަވެސް ކިއްލި ވިއްކައިގެން ކަރާ ވިއްކައިގެން އެފަދަ ތަނަވަސްކަމެއް ހޯއްދެވެނޭކަމަށް ގަބޫލު ނުކުރާ މީހުން ގަބޫލެއް ނުކުރެއެވެ.

ޢަލީ ވަޙީދު ރައީސް މައުމޫނުގެ ސިކުނޑި ފަތަހަކުރެއްވިއެވެ. ޑީއާރުޕީގައި ހުންނަވައިގެން ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ގޮނޑި ހޯއްދެވިއެވެ. އޭގެ ފަހުން އެމްޑީޕީއާ ގުޅިވަޑައިގަތެވެ. އޭނާ ކުރު މުއްދަތެއްގައި އެމްޑީޕީގެ އިންވެސްޓުމަންޓު ފުނޑާލެއްވިއެވެ. އޭގެ ފަހުން ވިޔަފާރިވެރިޔާ ޤާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތެވެ. އެމްޑީޕީއާ ތަޅައި ފޮޅުމަކަށް ނުގޮހެވެ. ނަމަވެސް ޖޭޕީގެ ރައީސަކަށް ހުންނަވައިގެންވެސް ޕާޓީއަށްޓަކައި ބުރަ މަސައްކަތްތަކެއް ނުކުރައްވައެވެ. ޕާޓީން ކުރިމަތިލި އިންތިޚާބުތަކުގައި ޕާޓީއަށް ވޯޓު ހޯއްދަވަން އުޅުއްވިތަނެއް ނުފެނުނެވެ. ޖޭޕީގެ މުހިއްމު ޖަލްސާތަކުގައި ބައިވެރިވެވަޑައެއްނުގަންނަވައެވެ.

އެމްޑީޕީގައި ހުންނަވައިގެން ތޮއްޑޫ ދާއިރާގެ ގޮނޑި ހޯއްދަވަން ޢަލީ ވަޙީދު ކުރެއްވި މަސައްކަތް ކާމިޔާބެއް ނުވިއެވެ. އަދި އެ ދާއިރާގެ ގޮޑި ކުރިއަށް އޮތްތަނުގައި ހޯއްދެވުމަކީ ވެސް ތޮއްޑޫ މީހުން ގަބޫލުކުރާގޮތުގައި އެކަށީގެންވާ ކަމެއް ނޫނެވެ. 

ޢަލީ ވަޙީދު ތަކުރާރުކޮށް މަސައްކަތް ކުރައްވައިގެން ވެސް ވަދެވަޑައި ނުގެންނެވުނީ ރައީސް ޔާމީނުގެ ގޮހޮރަށެވެ. މިހާރު ވެސް އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ ޕީޕީއެމް ޕީއެންސީއާ ގުޅިވަޑައިގެން ސިޔާސީ މަސައްކަތް ކުރެއްވުމަށެވެ. ރައީސް ޔާމީނަށް އިންތިހާއަށް ތައުރީފު ކުރައްވަމުންނެވެ.   

އުއްމީދު ނުކުރައްވާވަރުގެ މަގާމެއް ޖުމްހޫރީ ޕާޓީ މެދުވެރިވެގެން ޢަލީ ވަޙީދަށް ކެބިނެޓުން ދެއްވިތާ ދުވަސްތަކެއް ފަހުން  އަޑުއިވެން ފެށީ ރަންނަމާރިއެއް އަރައި މިނިސްޓްރީގައި ތިބި އަންހެނުންގެ ހަންދަމައިގެން ރޮލާ ކާލަން ބިރުދެއްކި ޚަބަރެވެ. އެ ވާހަކަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެންނެވުމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކީރިތި ކުރެއްވިކަމަށް ވެއެވެ.

ދައުވާ އުފުލައި ކޯޓަށް މައްސަލައެއް ހުށަހެޅުމާއެކު ނުފޫޒުގަދަ ބޭފުޅުން ބަލިވުމަކީ މިހާރު ދިވެހި މުޖުތަމައުގައި އާންމުވެފައިވާ ކަމެއް ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވަނީ ވިދާޅުވެފައެވެ.

މި ގޮތުން ޢަލީ ވަޙީދުގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތް ކޯޓު އަމުރު ބާތިލު ކުރަން ކޯޓުން ނިންމީ އޭނާގެ ބަލި ހާލަތަށް ރިއާޔަތްކޮށް ބޭސްފަރުވާ ހޯދެން އޮތީ ރާއްޖެއިން ބޭރުން ކަމަށް ބުނެ ޑޮކްޓަރަކު ދީފައިވާ ލިޔުމަކަށް ރިއާޔަތްކުރުމަށް ފަހުގައެވެ. ބައެއް މީހުން ސިފަކުރަނީ އެއީ ސިޔާސީ ފިލުމެއްކަމަށެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވަނީ އޭނާގެ މައްޗަށް ޖިންސީ ކުށްތަކެއްގެ ބޮޑެތި ދައުވާތަކެއް ދައުލަތުން އުފުލާފައިވަނިކޮށެވެ. އޭނާގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފައެވެ. މައްސަލަ ސަބިތުވެއްޖެނަމަ 21-36 އަހަރާ ދެމެދުގެ ހުކުމެއް އަންނާނެއެވެ.

 

your imageޢަލީ ޥަހީދު: ޤާސިމް ގެންދަވަނީ ޢަލީ ވަޙީދު ހިމާޔަތް ކުރައްވަމުން

ކްރިމިނަލް ކޯޓުން ދިން ހުއްދަޔަކަށް ޢަލީ ވަޙީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުން އޭނާގެ ޖިންސީ ގޯނާގެ ޝިކާރައަކަށްވި އަންހެނުންނަށާއި ރާއްޖޭގައި ޖިންސީ އަނިޔާގެ ޝިކާރައަކަށް ކޮންމެ ދުވަހަކު ވަމުންދާ އަންހެނުންނަށާއި  ކުޑަކުދިންނަށް ވެސް، ޝަރުޢީ ނިޒާމާ ދޭތެރޭ ވަނީ  އިތުބާރު ގެއްލި ޝައްކު އުފެދޭގޮތް ވެފައެވެ.

ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވި ގޮތުގައި ޢަލީ ވަހީދު ފުރުވައިލުމަކީ ޖިންސީ ގޯނާކުރުމަށް ދިން ހިތްވަރެއް ކަމުގައެވެ. 

ޖުމްހޫރީ ޕާޓީގެ ރައީސް ޢަލީ ވަޙީދު ރާއްޖޭގެ އެތައް އަންހެނުންނަކަށް ޖިންސީ ގޯނާ ކުރުމުން ވެސް ޕާޓީގެ ރައީސް މަގާމުން ވަކިކުރާކަށް އެޕާޓީއަކަށް ނުކެރުނެވެ. އަނެއްކޮޅުން ފެންނަނީ އެމްޑީޕީއާއި އެމްޑީޕީ ކޯލިޝަނުން ޢަލީ ވަޙީދު ސަލާމަތް ކުރަން މަސައްކަތް ކުރަމުން ގެންދާތަނެވެ. 

ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ގެންދަވަނީ ޢަލީ ވަޙީދުގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ނަޝީދު ގެންދަވަނީ ޢަލީ ވަޙީދަށް މާގިނަ ދައުވާ ކުރާކަމަށް ވިދާޅުވެ ޢަލީ ވަޙީދު ދިފާއު ކުރައްވަމުންނެވެ.

"އަޅުގަނޑު އަބަދުވެސް ޢަލީ ވަޙީދަށް ރަނގަޅު ގޮތްތައް އެދެން. ޢަލީ ވަޙީދަކީ ސިޔާސީ މުސްތަގުބަލެއް އޮތް، ހަމަ ކުޅަދާނަ ޕޮލިޓީޝަނެއް. އެހެންވީމާ ޢަލީ ވަޙީދުގެ މުސްތަގުބަލު އަލީ ވަހީދު އެދިވަޑައިގަންނަވާ ގޮތަށް ކުރިއަށް ދިޔުމުގެ ފުރުސަތު ހޯދައިދިނުމަށް އެއީ އަޅުގަނޑުމެން އެންމެން ވެސް ހަމަ، ކުރާނެ ކަމެއް،" މިދިޔަ ޖުމްހޫރީ ދުވަހު ރާއްޖެ ޓީވީގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވެއެވެ.

ޢަލީ ވަޙީދަށް ރައީސް ސާލިހު ކިތަންމެ ވަރަކަށް ތައުރީފު ކުރެއްވިކަމަށް ވިޔަސް އޭނާ މި ވަގުތު ދެމި ހުންނެވީ ރައީސް ސާލިހު އާ ދެކޮޅަށެވެ. 

ޢަލީ ވަޙީދަކީ އެމްޑީޕީއަށް ލިބުނު ތޫނު ހަތިޔާރެކެވެ. ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެ ހަތިޔާރުގެ ބޭނުން ހިފިއެވެ. ނަމަވެސް  ސަރުކާރަށް ލިބުނު ހަތިޔާރު މިހާރު ވަނީ އަތަށް ގޮވާފައެވެ. 

ޢަލީ ވަޙީދު ވިދާޅުވި ގޮތުގައި އޭނާ ހުންނެވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރާ އެކު މަސައްކަތް ކުރައްވާ ގޮތަކަށް ނޫނެވެ. އޭނާ ހުންނެވީ އިދިކޮޅު މީހުންނާއެކު މަސައްކަތް ކުރައްވާށެވެ. ކަން މިހެން އޮތުމުން ޢަލީ ވަޙީދު ފެންނަނީ ބޮޑު "މުސީބާތެއް"ގެ ގޮތުގައެވެ. އަދި މިދުވަސްވަރު ޢަލީ ވަޙީދު ވެސް އުޅުއްވަމުން ގެންދަވަނީ "މުސީބާތެއް"ފަދަ ދިރުއުޅުއްވުމެއް ގައެވެ.

އޭނާގެ ސިޔާސީ މުސްތަގުބަލު ކަނޑައަޅާނީ އަންނަން އޮތް ވަގުތެވެ.

43%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް