ދިވެހިރާއްޖޭގެ ފެނާއި ނަރުދަމާގެ ދާއިރާ ތަރައްޤީކޮށް ކުރިއަރުވައި، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މިދާއިރާއަށް ބޭނުންވާ ފަންނީ މީހުން ތަމްރީން ކުރުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީން ތައްޔާރުކޮށްފައިވާ ނޭޝަނަލް ސެޓްފިކެޓް ލެވެލް 3 އިން ޕްލަމްބިން ކޯހުގެ ފުރަތަމަ ބެޗުގެ އޮރިއެންޓޭޝަން މިދިޔަ ބުރާސްފަތި ދުވަހު މޯލްޑިވްސް ޕޮލިޓެކްނިކްގައި ބާއްވައިފިއެވެ.
މި ތަމްރީން ޕްރޮގްރާމުގައި ކިޔަވައިދިނުމަށް ބޭނުންކުރާ ސްޓަޑީ މެޓީރިއަލް ފޯރުކޮށްދެއްވާފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީންނެވެ.
ތަމްރީން ޕްރޮގްރާމު ފެށުމުގެ ގޮތުން ބޭއްވި އޮރިއެންޓޭޝަން ސެޝަންގައި ދަރިވަރުންނާ މުޚާތަބުކުރައްވައި މޯލްޑިވްސް ޕޮލިޓެކްނިކް ގެ ސީ.އީ.އޯ އަހްމަދު ނާސިރު ދެއްކެވި ވާހަކަފުޅުގައި ފެނާއި ނަރުދަމާގެ ދާއިރާގެ ފަންނުވެރި މަސައްކަތްތެރިންނަކީ ރާއްޖެއަށް ކޮންމެހެން ބޭނުންވެފައިވާ ބައެއް ކަމަށާއި، އެހެން ގައުމުތަކުގައިވެސް ޕްލަމްބިންގ ދާއިރާއަކީ ވަކި ހަމަތަކެއްގެ މަތިން މީހުން ބިނާކޮށް ލައިސެންސެއް އޮވެގެން މަސައްކަތް ކުރެވޭ ދާއިރާއެއް ކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މި ދާއިރާއަކީ ހުޅަނގުގެ ގިނަ ގައުމުތަކުގައި އާމްދަނީގެ ގޮތުން އެންމެ މަތީ އުޖޫރަ ލިބޭ އެއް ދާއިރާ ކަމަށްވެސް ސީ.އީ.އޯގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ކޯހުގައި ކިޔަވަދޭނެ ބައިތަކުގެ ތަފްސީލްތަކުގެ އިތުރުން މޯލްޑިވްސް ޕޮލިޓެކްނިކާ ބެހޭ އެހެނިހެން މުހިއްމު މައުލޫމާތުތައް މި އޮރިއެންޓޭޝަން ސެޝަންގެ ތެރެއިން ކޯހުގެ ބައިވެރިންނަށް ފޯރުކޮށްދެވުނެވެ. 6 މަސް ދުވަހުގެ މުއްދަތަށް ހިންގާ މި ޕްރޮގްރާމުގައި ކިޔަވައިދެއްވާނީ މިދާއިރާގެ ފަންނީ ގާބިލު ފަރާތްތަކުންނެވެ.
ޕްލަމްބިންގ ނުވަތަ ފެންވަޔަރު ކުރުމާއި ފެނާއި ނަރުދަމާ އާ ގުޅޭ ފަންނީ މަސައްކަތްތައް ދަސްކޮށްދިނުމަށް ހިންގާ މި ތަމްރީން ޕްރޮގްރާމަކީ، ދިވެހިރާއްޖޭގެ މުހިންމު ސިނާޢަތްތައް ތަރައްޤީކުރުމަށް ބޭނުންވާ ފަންނީ ޤާބިލް މީހުން ބިނާކުރުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ހިންގާ ސްކިލްސް ފޮރ އަ ރިޒިލިއަންޓް ވަރކްފޯސް ގެ ބައެއްގެ ގޮތުގައި ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ހިންގުމަށް ބޭނުންވާ މާލީ އެހީ ފޯރުކޮށްދެއްވާފައިވަނީ ވަރލްޑް ބޭންކުން ހިންގަމުންގެންދާ މީރީ ޕްރޮޖެކްޓުގެ ތެރެއިންނެވެ.