ރަސްފަންނު ސަރަހައްދު ބަންދުކުރީ ރަސްފަންނުގެ ދެކުނު ފަރާތު މޫދަށް ކަޅުތެޔޮ އެޅިފައި ހުރުމުންނެވެ. ރަސްފަންނު މޫދަށް ތެޔޮ އަޅާފައި ވަނީ ގަސްތުގައި ކަމަށް އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ(އީޕީއޭ) އިން ވަނީ ބުނެފައެވެ.
އީޕީއޭ އިން މީޑިއާތަކަށް ބުނެފައިވަނީ އެކަން ކޮށްފައިވަނީ ކަނޑާއި ވީ ފަޅިން ކަމަށެވެ.
ރަސްފަންނު މޫދަށް ތެޔޮ އެޅުނީ ރަސްފަންނުގެ ނެރުމައްޗަށް ލައްވި ކަޅުތެޔޮ ފީފާއަކުން ކަމަށް މާލޭ ސިޓީ ކައުންސިލުން ކުރިން ވަނީ ބުނެފަ އެވެ.
ކައުންސިލުން ބުނީ ރަސްފަންނު މޫދުގެ ބޮޑުބަޔަކަށް ތެލުގެ އަސަރުކޮށްފައިވާކަމަށެެވެ. އެކަން އެހެންވެފައިވަނީ ރަސްފަންނު ނެރުމައްޗަށް ލައްވި ކަޅުތެޔޮ ފީފާއެއް ފަޅައިގެން ގޮސްގެން ކަމަށް ކައުންސިލުން އޭރު ބުނެފައި ވެއެވެ.
އެ ސަރަހައްދުގެ މޫދަށް ގިނަ އަދަދަކަށް ކަޅު ތެޔޮ ޖަމާވެފައިވާތީ އެސަރަހައްދު ސާފުކުރުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުން ވަނީ ކޮށްފައެވެ.
ރަސްފަންނުގެ މޫދުގެ ބޮޑުބަޔަކަށް ތެލުގެ އަސަރުކޮށްފައިވާތީ އެމައްސަލަ ހައްލުކުރެވެންދެން އެސަރަހައްދުގެ މޫދު އެރެއިން ފެށިގެން ވަނީ ބަްނދު ކޮށްފައެވެ.
ރަސްފަންނު މޫދަށް ތެޔޮ ޖަމާވެފައިވާއިރު ބުދަ ދުވަހު މާލެ ސަރަހައްދަށް މޫސުން ގޯސްވުމުގެ ސަބަބުން ވިލިނގިލި ފަރުމައްޗަށް ތެޔޮ ބޯޓެއް އަރާފައިވެއެވެ. ނަމަވެސް، ރަސްފަންނު ސަރަހައްދަށް ތެލުގެ އަސަރު ކޮށްފައިވަނީ އެ ބޯޓުން ތެޔޮ ލީކުވެގެން ނޫން ކަމަށް އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް އޭރު ވަނީ ވިދާޅުވެފައެވެ.