އެވިޑް ކޮލެޖުގެ އަހަރީ ދުވަހަ މިމަހުގެ ސެޕްޓެމްބަރު މަހުގެ 12 ވީ އާދިއްތަ ދުވަހެވެ. އެވިޑް ކޮލެޖުން ބުނީ އެ ދުވަސް މިފަހަރު ފާހަގަކުރަނީ ސެޕްޓެމްބަރު 24 އިން 28 އާއި ދެމެދު ހިންގޭ ހަރަކާތް ތަކެއްގެ ތެރެއިން ކަަމަށެވެ.
އެ ދުވަހުގެ މުނާސަބަތުގެ މައިގަނޑު ގިނަ ހަރަކާތްތައް މިފަހަރު ހިންގުމަށް އެ ކޮލެޖުން ނިންމާފައިވަނީ ސެޕްޓެމްބަރު 24 އިން 28 އާއި ދެމެދު ގދ.ތިނަދޫ ގައެވެ. ނަމަވެސް އެމުނާސަބާ ފާހަގަ ކުރުމުގެ ހަރަކާތްތަކެއް މިދުވަސްތަކުގައި މާލޭގައިވެސް ހިންގޭނެ ކަަމަށް އެވިޑުން ބުނެއެވެ.
ތިނަދޫގައި މިހަރަކާތްތައް ކުރިއަށްގެންދާ ސަބަބާއި ބެހޭގޮތުން އެވިޑުން ސީއެންއެމްއަށް ބުނީ މާލެފިޔަވާ އެއްމެ ފުޅާދާއިރާއެއްގައި ކޮލެޖުގެ ކެމްޕަހެއް ހިގާ އެއްރަށަކީ ތިނަދޫ ކަމަށެވެ. އެހެންކަމުން ތިނަދޫއާއި ހުވަދު އަތޮޅަށް ކޮލެޖުގެ ތައުލީމީ ހަރަކާތްތައް ފުޅާކޮށް، ތިނަދޫ ފަދަ ބޮޑެތި ރަށްރަށުގެ ތައުލީމީ މަސައްކަތްތަކަށް ހިތްވަރުދީ އެސަރަހައްދުތަކުގައި މަތީތައުލީމުގެ އިތުރު ފުރުސަތު ޤާއިމްކޮށް އެކަމަށް އެތަންތަނުގެ ރައްޔިތުން ޝައުޤުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތަކީ އެވިޑުން މިހާރު ވަރަށް ބާރަށް ކުރިއަށް ގެންދާ ކެމްޕެއިނަކަށްވާތީ ތިނަދޫގައި އެހަރަކާތް މިފަހަރު ކުރިއަށް ގެންދަން ނިންމީ ކަމަށެވެ.
ހުވަދުއަތޮޅަށް އެވިޑުން ކުރާ އެދަތުރުގައި ކޮލެޖުގެ އެންމެ ސީނިއަ މުވައްޒަފުން ހިމެނޭގޮތުން މާލޭ ކެމްޕަހުގެ 34 އަށްވުރެގިނަ މުވައްޒަފުން ބައިވެރިވާނެއެވެ. އެހުރިހާ ބައިވެރީން ތިނަދޫއަށް ދަތުރު ކުރާނީ ސެޕްޓެމްބަރު 24 ވަނަ ދުވަހު ހެނދުނު އެއްފްލައިޓެއްގައި ކާޑެއްދޫ މަގުންނެވެ. އެޓީމަށް ތިނަދޫއިން ހާއްސަ މަރުހަބާއެއް އެރުވުމުގެ ތައްޔާރީތައް ތިނަދޫގައި މިހާރު އެބަ ކުރިއަށް ދެއެވެ.
ތިނަދޫގައި ހިންގޭ ހާއްސަ ޙަރަކާތްތައް ތެރޭގައި
- ސެޕްޓެމްބަރު 25 ވަނަ ދުވަހު އެވިޑްކޮލެޖް ތިނަދޫ ކެމްޕަސް ކުރިމަތީ ތިނަދޫ ރަސްމީ ބޯޅަ ދަނޑުގައި އޮންނަ ކުޑަކުދީންނާއި ބެލެނެވެރިންގެ ހާއްސަ ހަރަކާތެއް
- ހަމައެތާގައި އެދުވަހު އޮންނަ ކޮލެޖުގެ ޕްރޮގްރާމްތައް ޕްރޮމޯޓްކުރުމުގެ ހަރަކާތެއް
- އެދުވަހު ހެނދުނު ޒުވާނުންނާއި، ބެލެނިވެރީންނަށް ބޭއްވާ ހާއްސަ ސެޝަންތަކެއް
- އާއްމުކޮށް ހުޅުވައިގެން ބޭއްވާ ދިވެހިބަހުގެ ހާއްސަ އިލްމީ ސެޝަނެއް
- ސްޓްރެޓެޖިކް ޕްލޭނިންގެ ހުނަރުތައް ދަސްކޮށްދިނުމުގެ މައުލޫމާތު ސެޝަންތަކެއް
މީގެއިތުރުން ސެޕްޓެމްބަރު 28 ވަނަ ދުވަހުވެސް ކޮލެޖުގެ ޕްރޮގްރާމްތައް ޕްރޮމޯޓް ކުރުމުގެ ހާއްސަ ހަރަކާތްތަކެއް ތިނަދޫގައި ހިންގޭނެ ކަމަށް އެ ކޮލެޖުން ބުނެއެވެ. އަދި ސެޕްޓެމްބަރު 27 ވަނަދުވަހު ކޮލެޖުގެ ހުރިހާ މުވައްޒަފުން ހިމެނޭގޮތުން ޕިކްނިކް ދަތުރެއް ގދ. އޮޑިގަލާ އަށް ދިއުމަށް ރޭވިފައިވާއިރު، އެދުވަހަކީ ބައިނަލް އަޤުވާމީ ޓޫރިޒަމް ދުވަސް ކަމަށްވުމާއެކު އެޕިކްނިކްގެ ތެރޭގައި އެދުވަސް ފާހަނގަކުރުމަށްޓަކައި ހާއްސަ ހަރަކާތެއް ހިންގުމާއި، އެވިޑްކޮލެޖުން އަލަށް ފެއްޓުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލިޓީ ޕްރޮގްރާމް އިފްތިތާހް ކުރުމަށް ހަމަަޖެހިފައިވާ ކަމަށް އެ ކޮލެޖުން ބުނެއެވެ.
މިމުނާސަބާގެ އެއްމެ ޚާއްޞަ ޙަރަކާތް ކަމުގައިވާ އަހަރީ ޖަލްސާ އޮންނާނީ ސެޕްޓެމްބަރ 26 ވަނަ ދުވަހުގެރޭ އެވިޑްކޮލެޖް ތިނަދޫ ކެމްޕަސް ކުރިމަތީ (ތިނަދޫ ރަސްމީ ބޯޅަ ދަނޑުގައި)އެވެ. އެޖަލްސާގައި ހިންގޭ އެއްމެ ހާއްސަ ކަމަކީ ތިނަދޫގައި މީހުން އަލަށް އާބާދުވީ އަހަރުންފެށިގެން ގުނިގެންދިޔަ 16 އަހަރުދުވަހުގެތެރޭ ތިނަދޫގައި ތައުލީމް އުގަންނައިދީ މީހުންނަށް ތަންދޮރު އޮޅުންފިލުވުމުގައި ފާހަނގަކުރެވޭ މިންވަރަށް މަސައްކަތްކޮށް މިވަގުތު ދުނިޔޭގައި ތިބި އަދި ދުނިޔެދޫކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެފަރާތްތަކަށް ވަކިވަކީން ހިދުމަތުގެ ހާއްސަ ޝަރަފް އެރުވުން ކަމަށް އެކޮލެޖުން ބުނެއެވެ. އެގޮތުން 60 އަށް ވުރެ ގިނަ ފަރާތްތަކަށް މިޝަރަފް އެރުވޭނެ އެވެ.
މިޕްރޮގްރާމްތަކުގެ ތެރޭ ހިމެނޭ މައިގަނޑު ހަރަކާތްތައް ލައިކްސްޓްރީމް ކުރާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. އެވިޑުން ބުނީ މިހަރަކާތްތަކަށް ތައްޔާރުވުމަށް ގދ.ތިނަދޫ ކައުންސިލާއި، ގދ.އަތޮޅު ކައުންސިލާއި، އެހެނިހެން ރަށްރަށު ކައުންސިލްތަކާއި، ތިނަދޫގެ ގިނަ މުއައްސަސާތަކާއި، ޖަމިއްޔާ ޖަމާއަތްތަކާއި، އާއްމުރައްޔިތުންގެ ގިނަގުނަ އެހީތެރިކަން ދަނީ ލިބެމުން ކަމަށެވެ.
ހުވަދު އަތޮޅު ދަތުރުގައި ތިނަދޫގެ އިތުރުން ގދ. ގައްދޫ، ފަރެސްމާތޮޑާ، ފިޔޯރީ އަދި ރަތަފަންދޫއަށް އެވިޑް ކޮލެޖުގެ ސީނިއަ މެނޭޖްމެންޓުގެ ޓީމް ސެޕްޓެމްބަރު 28 ވަނަ ދުވަހު ދަތުރުކޮށް، އެރަށްރަށުގައި ހަރަކާތްތަކެއް ހިންގަންވެސް ވަނީ ހަމަޖެހިފައެވެ.