ads
ރަސްފަރި ފަރަށް އެރި ބޯޓު ފޮޓޯ:---
ރަސްފަރި ފަރަށްއެރި އާގުބޯޓުން 900 މިލިއަނެއްހާ ރުފިޔާ ދައްކަން ޖެހޭނެ: އީޕީއޭ
ކ. ރަސްފަރި ފަރަށް އާގު ބޯޓު އުރުނު މައްސަލައިގައި ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 900 މިލިއަނެއްހާ ރުފިޔާ ދައްކަންޖެހޭނެ ކަމަށް އީޕީއޭއިން ބުނެފި އެވެ.
Advertisement

އީޕީއޭ އިންބުނީ ފަރަށް ލިބުނު ގެއްލުމުގެ ސާވޭ މި ހަފްތާގައި ނިންމާލައިފާ ކަމަށާއި،  އެގޮތުން ފަރުގެ އެއް ހެކްޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އަދި ފަރުގެ ބައްޓަމަށާއި އެތާގެ ދިރުން ތަކަށް ބޮޑު ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އެއިދާރާއިން ބުނީ ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގައި 900 މިލިއަން ރުފިޔާއަށްވުރެ ކުޑަ ނޫން އަގެއް އާގު ބޯޓުން ދައްކަން ޖެހޭނެ ކަމަށެވެ. އަދި ވަރަށް އަވަހަށް އާގު ބޯޓަށް އީޕީއޭގެ ފަރާތުން އަޅާ ފިޔަވަޅުވެސް އިއުލާނު ކުރާނެ ކަމަށް އެއިދާރާއިން ބުނެއެވެ.

އާގު ބޯޓާ ގުޅޭގޮތުން ޓްރާންސްޕޯޓް އޮތޯރިޓީގެ އޮފިޝަލަކު ވިދާޅުވީ އެ ބޯޓަށް ރާއްޖެއިން ފުރޭނީ 100 މިލިއަންގެ އިތުރުން 914 މިލިއަން ދެއްކުމުން ކަމަށެވެ. ނަމަވެސް އަދި ފައިސާ ދެއްކުމާއި ގުޅޭގޮތުން ބޯޓުން އެއްޗެކޭ ނުބުނާ ކަމަށް ވެސްއެއޮތޯރިޓީން ބުނެއެވެ.

ރަސްފަރި ފަރަށް އުރުނު އާގު ބޯޓު ފުން ކުރީ މިދިޔަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު އެވެ. ބޯޓު ފުންކުރީ 150 އާއި 50 ޓަނުގެ ދެ ޓަގު ބޯޓު ރާއްޖެ ގެނެސް، އެ ބޯޓުތައް ބޭނުންކޮށްގެންނެވެ.

ބޯޓު ފުން ކުރުމަށާއި ބޯޓު ފުންކުރާއިރު އެ ސަރަހައްދުގެ ވެއްޓަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ބޭނުންވާނެ ވަސީލަތްތައް ދުބާއީއާއި މޮރިޝަސް އިން ހޯދައި އެތަކެތި ވެސް ރާއްޖެ ގެނެސްފައިވެ އެވެ. އުޅަނދު ފުންކޮށް، ބޯޓު ބަނދަރު ކޮށްފައިވަނީ ކުޑަ ބަނޑޮސް ކައިރީގަ އެވެ.

ގާތްގަނޑަކަށް 600 ފޫޓުގެ ދިގު އަދި 32،000 މެޓްރިކް ޓަނަށް ވުރެ ބޮޑު ކާގޯ ބޯޓު ފުންކުރިއިރު މިހާތަނަށް ބެލި ބެލުމުން ތިމާވެއްޓަށް ގެއްލުން ވާނެ އެއްވެސް އެއްޗެއް ބޯޓުން ބޭރުވެފައި ނުވާ ކަމަށް އީޕީއޭއިން ބުނެ އެވެ.

އެމްއެންޑީއެފްއިން ބުނީ އެ ބޯޓަކީ އިންޑިއާއިން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރި ބޯޓެއް ކަމަށެވެ. 19 ފިލިޕީންސް މީހުނާއެކު ދަތުރުކުރި އެ އާގު ބޯޓު ފަރަށް އަރައިފައިވަނީ ކ.ރަސްފަރި ކައިރިން އިންޖީން ހުއްޓުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ. 

ކ.ރަސްފަރީގެ ހުޅަނގު ފަރާތު ފަަރަށް އެރި "އެމްވީ ނެވިއަސް އެމެރިލިސް" ނަމަކަށް ކިޔާ އާގުބޯޓަކީ ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާބޯޓެކެވެ. މިބޯޓު ފުންކުރުމުގެ މަސައްކަތުގައި ބޯޓުގެ ވެރިފަރާތާއި އަދި ސަރުކާރުގެ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކޯސްޓްގާޑުން މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

ފަރަށް އެރި ވަގުތު ބޯޓުގައި މާގިނަ މުދަލެއް ނެތް ކަމަށް ވެއެވެ. މީގެ ކުރިން މިގޮތަށް ފަރަށް އެރި ބޯޓުތަކުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި އެކަމާއި ގުޅިގެން އެ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައި ވެސް ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް