ފެހެންދޫ ކައުންސިލް ރައީސް ޖާދުﷲ އަލީ ވިދާޅުވީ މިދުވަސްކޮޅަކީވެސް ވިއްސާރަ ދުވަސަކޮޅަކަށް ވެފައި ބެލެނިވެރީން އެމީހުންގެ ދަރީން އެކަނި ކަނޑުމައްޗަށް ދޫކޮށްނުލައި އަމިއްލައަށް އެކުދީންނާއެކު ދަތުރު ކުރާ ކަމަށެވެ. އަދި ބައެއްކުދީންނަށް ދަތުރު ކުރަން އުނދަގޫ ވެގެން ކްލާސްތަކަށް ބައެއްދުވަސްދުވަހު ނުވެސް ދާކަމަށް ޖާދުﷲ ވިދާޅުވިއެވެ.
"މިދުވަސްކޮޅު ތުއްތު ކުދީން ގޮވައިގެން ވަރަށް ނުދޭ ގޮއިދޫއަށް. ވަރަށް ވިއްސާރަވީމަ ނުކެރެނީ ކަނޑުމައްޗަށް އަރަން" ފެހެންދޫ ކައުންސިލް ރައީސް ވިދާޅުވިއެވެ.
ފެހެންދޫ ސްކޫލް ކުދިން ދަނީ ބ ގޮއިދޫ ސްކޫލަށެވެ. އެރަށުގައި ކުރިން ބޭނުން ކުރީ އާދައިގެ ލޯންޗެކެވެ. ނަމަވެސް އެދެމެދުގައި މިހާރު ދަތުރު ކުރަނީ އިންޑިއާ ސަރުކާރުން ދީފައިވާ، މިނިސްޓްރީ އޮފް އެޑިއުކޭޝަން ގެ ލޯންޗެއްގައެވެ. ކައުންސިލުން ބުނީ އިތުރު ހަރަކާތްތައް އޮންނަދުވަސް ދުވަހު ގޮއިދޫގައި ތިބެން ޖެހުމާއި ތުއްތު ކުދީންތަކެއް ގޮވައިގެން ގޮސް އެހެން ރަށެއްގައި އުޅެން ޖެހުމުގެ ސަބަބުން ވަރަށް ގިނަބަޔަކަށް އެކަން ވަނީ ތަކްލީފަކަށް ވެފައި ކަމަށެވެ.
އާންމުކޮށް ގެސްޓްހައުސް ވިޔަފާރިއާއި، ފަރުމަހުގެ މަސްވެރިކަން ކުރާ އެރަށުގައި ތިން ގެސްޓްހައުސް ހުރެއެވެ. 100 އެއްހާ މީހުން އުޅޭ އެރަށުގެ މާހައުލަކީ އަމާން މާހައުލެއް ކަމަށާއި ހަމައެކަނި އޮތް މައްސަލައަކީ ދަރިވަރުން ގޮވައިގެން ދަތުރު ކުރަން ޖެހުން ކަމަށްވެސް ކައުންސިލުން ބުނެއެވެ.
ނަމަވެސް އަދި މަހެއްހާ ދުވަހުގެތެރޭ އެކަމަށް ހައްލެއް ގެނައުމުގެ މަސައްކަތް ވެސް، ރަށުގެ ކައުންސިލުން ކުރަމުން އަންނަ ކަމަށްވެސް ކައުންސިލުން ބުނެއެވެ. އެގޮތުން މިހާރު އެޑިއުކޭޝަން މިނިސްޓްރީއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް އެރަށު ކައުންސިލުން ބުނެއެވެ.