ads
ފޮޓޯ: އެމްޑީޕީ
މޮޅުވީ އެމްޑީޕީ، ދެރަވީ ވެސް އެމްޑީޕީ!
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބު ހޮނިހިރު ދުވަހު ބާއްވައި ނަތީޖާ އިއުލާން ކުރުމުން ވެސް މޮޅުވި ބަޔަކު އަދި ދެރަވި ބަޔަކު ނޭނގިގެން އުޅޭ ގޮތަށް އެތައް ބަޔަކު ވާހަކަ ދައްކަމުން އެބަދެއެވެ.

"މޮޅުވީ ރައީސް ނަޝީދުގެ ބަރުލަމާނީ ފެކްޝަން." އެއްބަޔަކު ބުނަމުން އެބަދެއެވެ. "ބަރުލަމާނީ ފެކްޝަނަށް ލިބުނު ކާމިޔާބަކީ ގައުމަށް ލިބުނު ތަރައްގީއެއް."

"މޮޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފެކްޝަން." އަނެއް ބަޔަކު ބުނަމުން އެބަދެއެވެ. "ރައީސް ޞާލިޙުގެ ފެކްޝަނަށް ލިބުނު ކާމިޔާބަކީ ރިޔާސީ ވައުދުތައް ފުއްދަން ލިބުނު ފުރުސަތެއް."

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ އިނގިރޭސިވިލާތުގައި ހުންނަވައިގެން ކުރެއްވި ޓްވީޓެއްގައި ވެއެވެ.

"ބަރުލަމާނީ ނިޒާމަށް ތާއިދު ކުރައްވާ ގިނަ ކެންޑިޑޭޓުން އެމްޑީޕީގެ ގައުމީ މަޖިލިސްއަށް އިންތިޚާބު ވި ކަމީ ރާއްޖެއަށް ލިބުނު ކުރިއެރުމެއް."

ނަޝީދު ވިދާޅުވި ގޮތުގައި ގައުމީ މަޖިލީހުގެ 97 ގޮޑިއަށް ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން 53 ގޮނޑިއަށް ހޮވުނީ ބަރުލަމާނީއަށް ތާއީދު ކުރައްވާ ކެންޑިޑޭޓުންނެވެ. އަދި އިތުރަށް ވިދާޅުވީ އެމްޑީޕީން ބަރުލަމާނީއަށް ތާއިދު ކުރާކަން އެ އިންތިޚާބުން ވަރަށް ބޮޑަށް ސާފުވެއްޖެކަމަށެވެ.

އިންތިޚާބާ ގުޅޭ ގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެއްޗެކޭ ވިދާޅުނުވެ ހުންނެވީ ހިމޭނުންނެވެ. އެ މަނިކުފާނު އެއްޗެކޭ ވިދާޅުވާކަށް ނުވެސް ޖެހެއެވެ. އެހެނީ ފެންނަން އޮތް ހަގީގަތަކީ ގައުމީ މަޖިލިސް ނުވަތަ ކޮންގްރެސްގައި ހިމެނޭ ޖުމްލަ 142 މެމްބަރުންގެ ތެރޭގައި ގައުމީ މަޖިލީހަށް މެންބަރުން ހޮވުމަށް އިންތިޚާބު ބޭއްވުމުގެ ކުރިން ވެސް ބަރުލަމާނީ ފިކުރު ފެތުރިފައި ނެތްކަމެވެ. ގައުމީ މަޖިލިސްއަށް އިންތިހާބު ކުރަން ޖެހެނީ 94 މެމްބަރުންނެވެ. ދެން ހިމެނޭ އަނެއް 48 މެމްބަރުންނަކީ އެމްޑީޕީގެ ސްލޮޓުތަކުގައި ތިއްބަވާ ވަޒީރުންނާއި އެމްޑީޕީގެ މަޖިލިސް މެމްބަރުންނެވެ. ރިޔާސީ ފިކުރު ގައުމީ މަޖިލީހުގައި މާ ބޮޑަށް ވަކިހިއްޕާފައި އޮތްކަމެވެ. ބަރުލަމާނީ ފިކުރު ހުވަފެނެއްގެ ގޮތުގައި އޮތްކަމެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިޚާބާ ގުޅިގެން އެމްޑީޕީ ތެރޭގައި ކޯޅެމުން ދާކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ފެންނަމުން ދަނީ އެއްބަޔަކު އަނެއް ބަޔަކަށް ގުދޯގުދޯ ގޮވަމުންދާ މަންޒަރެވެ. އެމްޑީޕީގެ ބަދަހިކަމަށް ގުޑުން އަރަމުން ދަނީއެވެ. ވާދަކުރަމުން ދަނީ ޕީޕީއެމްއަކާ ނޫނެވެ. ތޮޅެމުން ދަނީ އެމްޑީޕީ، އެމްޑީޕީއާއެވެ. ޕާޓީއަށް ލިބެމުންދާ ހުރިހާ ގެއްލުމެއް ލިބެމުންދަނީ ހަމަ އެމްޑީޕީ މީހުންނާ ހެދިއެވެ. ހީވަނީ އެއް އުރައެއްގެ ތެރެއަށް "ދެ ކަނޑި" ލާން އުޅޭ ހެންނެވެ.

ގައުމީ މަޖިލީހުގެ އިންތިޚާބާ ގުޅިގެން އެމްޑީޕީގެ އެއްބަޔަކު އަނެއްބަޔަކަށް ފާޑުކިޔައި ޖެއްސުންކޮށް ހުތުރު ލިބޭ ފަދަ އެތައް ކަމެއްކޮށްފިއެވެ. ޕާޓީގެ އަގާއި ހުރުމަތް ވަރަށް ބޮޑަށް ކެނޑިގެން ހިނގައްޖެއެވެ. ދެން އޮތީ އެކަންތަކުގައި ފޮތިއެޅުމެވެ. އެކަމަކު ހިތުގައި ފޮތި އަޅާނީ ކިހިނެއް ހެއްޔެވެ؟ ކަރާއި ކަރު ޖައްސައި ސަލާން ކުރެވިދާނެއެވެ. ހިތާއި ހިތުގެ ގުޅުމުގައި ފޮތިއަޅާނީ ކިހިނެއް ހެއްޔެވެ؟

ބަރުލަމާނީއަށް ތާއިދު ކުރައްވަނީ ރައީސް ނަޝީދެވެ.

ރައީސް ނަޝީދާއި އޭނާގެ ބައިވެރިން ވާނުވާއިން ފިލާވަޅު ހޯއްދަވަން އެބަ ޖެހެއެވެ.

ބޮޑާކަމާއި ކިބުރުވެރިކަމާއި ބާރުވެރިކަން ހާމަކޮށް ދައްކަން އަބަދު ފުރުސަތެއް ނުލިބޭނެއެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި ގައުމީ މަޖިލީހުގެ އިންތިޚާބުން އެކަން ފާޅުކަން ބޮޑު ގޮތެއްގައި ހާމަވެގެން ހިނގައްޖެއެވެ.

ގައުމީ މަޖިލީހުގެ އިންތިޚާބުން ޕާޓީގެ މެންބަރުންގެ ތެދުވެރިކަމާއި އިހުލާސްތެރިކަމާއި އަމިއްލަ އެދުން ފާޅުވެގެން ހިނގައްޖެއެވެ. ނަމަވެސް ކާމިޔާބު ލިބުނީ އެމްޑީޕީއަށެވެ. ބަރުލަމާނީއަކަށް ނޫނެވެ. ބަރުލަމާނީ އަކީ ވުޖޫދުގައި ނެތް އެއްޗެއްކަމަށް ގަބޫލުކުރަން އެބަ ޖެހެއެވެ. ހަގީގަތުގައި އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިޚާބުން މޮޅުވީ އެމްޑީޕީއެވެ. އެ އިންތިޚާބުން ބަލިވީ ވެސް އެމްޑީޕީއެވެ.

ގައުމީ މަޖިލީހުގެ އިންތިޚާބަށް ފަހު އެމްޑީޕީގެ އެތެރޭގެ ކޯޅުން ނިމުނީ ކަމަށް ހީނުކުރައްވާށެވެ!

ދެން އޮތީ އަނެއްކާ ވެސް ބަރުލަމާނީއޭ ކިޔައި އަޑުގަދަކޮށް ބަރުލަމާނީއަށް ހިފުމެވެ. އޭގެ ފަހުން ރިޔާސީ ޓިކެޓާ ބަގުޑި ބެއްދުމެވެ.

ނަމަވެސް .... މިއީ އަމިއްލަ އެދުމެއް ނެތި އެމްޑީޕީއަށް ހެޔޮ އެދޭ މީހުން ޕާޓީ، އިސްލާހު ޖާޑިއަށް ލާން ޖެހިފައިވާ ވަގުތެވެ. އެކަން ނުކުރެވިއްޖެނަމަ އެމްޑީޕީ ވަރުގަދަ ބޮނޑިއެއް ބޯނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް