ads
އަބްދުالله ޖާބިރު ކިނބިގަސްދޮށުގޭ ކައިރީގައި ފޮޓޯ:-- ސޯޝަލް މީޑިއާ
ޖާބިރު މަތިވެރި އަށް "އަވަލައިފި"
ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާގެ މެމްބަރުން އަބުދުﷲ ޖާބިރު ވަނީ އއ. މަތިވެރި ރައްޔިތުންނަށް ޓެރަރިސްޓުންނަށް ގޮވާލައްވާފަ އެވެ. އެ ރަށް ފަޅު ކުރަން ވެސް ގޮވާލައްވާފަ އެވެ. ޖާބިރު ގެންދަވަނީ އެރަށު މީހުންނަށް އަމާޒުކޮށް ވަރަށް އިހާނެތިކޮށް ވާހަކަ ދައްކަވަމުންނެ އެވެ.

ޖާބިރުގެ ހުރިހާ ރުޅިގަނޑު ފަޅައިގެންދިޔައީ އޭނާ ވަރަށް ފަހުން މަތިވެރިއަށް ކުރެއްވި ދަތުރެއްގައި އޭނާ އާ ދެކޮޅަށް އެ ރަށު ރައްޔިތުން އިހުތިޖާޖުކުރުމުންނެވެ. އެ ހަމަނުޖެހުންގަނޑަށް ފަހު ޖާބިރު ގެންދަވަނީ މަތިވެރި މީހުންނަށް އަމާޒުކޮށް ވަރަށް ބޮޑަށް ނުރުހުމުގެ ވާހަކަތައް ދައްކަމުންނެވެ.

މިދިޔަ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރުވަނީ އއ. މަތިވެރީގައި ތިބީ ދީނީ ހަރުކަށި ފިކުރުގެ ޓެރަރިސްޓް ޖަމާއަތް، އައިއެސްއައިއެސް އަށް ނިސްބަތްވާ ބައެއްކަމަށް ވިދާޅުވެ އެ ރަށު ރައްޔިތުންނަށް ބަހުގެ ހަމަލާތައް އަމާޒުކުރައްވާފައެވެ.

ޖާބިރާ ދެކޮޅަށް އިހުތިޖާޖު ކުރުމުން މަޖިލީހުގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ މިވަގުތު ރާއްޖޭގެ އެއްވެސް މީހަކު މަތިވެރިއަށް ދިއުން ރަނގަޅު ނޫންކަމަށާއި، އެރަށުގައި ތިބީ އައެސްއައިއެސްއަށް ނިސްބަތްވާ ބައެއްކަމަށެވެ.

"މަތިވެރިން ތަޅައިގަތީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ގައިގައި. މަތިވެރީގެ ރައްޔިތުންނަށް އިނގެންވާނެ އެރަށަކީ ވަރަށް ކުޑަކުޑަ އާބާދީއެއް އޮތް ރަށެއްކަން. އެރަށުގެ އެންމެބޮޑު މުއްސަނދި މީހަކީ މި އަބްދުﷲ ޖާބިރުކަން." ޖާބިރު ވިދާޅުވިއެވެ.

ޖާބިރާ ދެކޮޅަށް އިހުތިޖާޖުކުރި ފަހުން އެންމެ ފުރަތަމަ ބޭއްވި މަޖިލިސް ޖަލްސާގައި ޖާބިރުގެ އެ ވާހަކަތައް މަޖިލިސް ތަޅުމަށް ބަނޑުންކޮށްލީ އޭނާގެ ކަން ބޮޑުވުންތަކެއް ހުރުމުންކަމަށް ވެދާނެ އެވެ. ނަމަވެސް ސުވާލަކީ ޖާބިރާ ދެކޮޅަށް އިހުތިޖާޖުކުރުމުން އެ އިހުތިޖާޖުކުރި ރަށުގެ އެންމެންނަކީ ޓެރަރިސްޓުންނަށް ހަދައިގެން ރައްޔިތުންގެ އެންމެމަތީގޭގައި ވާހަކަ ދެއްކުން ހަމަ އެއީ ރަނގަޅުކަމެއްތޯ އެވެ.

ޖާބިރުގެ ރުޅިގަނޑުފަޅައިގެން ގޮސް މަތިވެރީގެ ރައްޔިތުންނަށް އިހާނެތިކޮށް ވާހަކަ ދައްކަވާ މަތިވެރި ފަޅުކޮށް އެރަށުގެ ރައްޔިތުންނަކީ ޓެރަރިސްޓުންގެ ގޮތުގައި ސިފަކޮށް އަދި އެރަށަށް އިންވެސްޓަރުން ނުދިއުމަށް ގޮވާލާ ޖާބިރު ވާހަކަ ދައްކަވާތީ ޖާބިރަށް ރައްދު ދެއްވާ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވަނީ ޖާބިރު ދެކޮޅަށް އެޅެންއޮތް ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލައްވާފަ އެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޒަރީރު ވިދާޅުވީ ރައްޔިތުން ތަމްސީލްކުރާ މެމްބަރަކަށް އެފަދަ ވާހަކަތައް ދެއްކޭނެކަމަށް ގަބޫލުނުކުރާކަމަށެވެ.

ޒަރީރު ވަނީ، މަތިވެރީގައި ޖާބިރު ހިންގާ "ކާޒާމިއާ"ގެ މައްސަލައިގައި ޖާބިރު މަތިވެރީގެ ކައުންސިލަށް 17 އޮގަސްޓްގައި ފޮނުވި ސިޓީއެއްގައި ހުރި ވާހަކަތައްވެސް ހާމަކުރައްވާފައެވެ. އެގޮތުން ޖާބިރު މަތިވެރީ ކައުންސިލަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ރުފިޔާ ވަގުތުން ދައްކާނެކަމަށާއި އަދި ދެން ހުރި ފައިސާ ތިން މަސްތެރޭގައި ދައްކާނެކަމަށް ސިޓީގައި ބުނެފައިވާކަމަށް ޒަރީރު ވިދާޅުވިއެވެ. އެހެންނަމަވެސް އޭގެން އެއްވެސް ފައިސާއެއް އަދިވެސް ދައްކާފައިނުވާކަމަށް ޒަރީރު ވިދާޅުވި އެވެ.

"އަޅުގަނޑު ސަރުކާރުގެ އެންމެހާ މުއައްސަސާތަކަށް ގޮވާލަން، އެފަދަ ވާހަކަތައް އެބޭފުޅާ [ޖާބިރު] ދައްކާތީ، އެބޭފުޅާއާ ދޭތެރޭގައި ގާނޫނީގޮތުން އެޅެންހުރި ފިޔަވަޅު އެޅުމަށް ހުރިހާ ފަރާތަކަށް ގޮވާލަން،" ޒަރީރު ވިދާޅުވިއެވެ.

ޖާބިރު އާ މެދު މަތިވެރި މީހުން އިހުތިޖާޖުކޮށް ނުރުހުންފާޅު ކުރަމުންދަނީ މަތިވެރިން ޖާބިރު ކުއްޔަށް ނަގައިގެން އުޅޭ ގެސްޓް ހައުސް މައްސަލާގަ އެވެ. ގެސްޓް ހައުސް މައްސަލާގައި ޖާބިރު އަމަލުކުރައްވާނެކަމަށް ވިދާޅުވެފައިވާގޮތަށް އޭނާ އަމަލު ނުކުރެއްވުމުން މަތިވެރި ރައްޔިތުންގެ ނުރުހުން ޖާބިރަށް އަމާޒުވެގެންދިޔަ އިރު ޖާބިރު ދަނީ އެ ރަށު ރައްޔިތުންނަކީ ޓެރަރިސްޓުންކަމަށް ވިދާޅުވެ އެ ރަށު މީހުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

މަތިވެރި މީހުން ޖާބިރަށް ނުރުހުން އަމާޒުކުރައްވާއިރު ފަހަކަށް އައިސް ޖާބިރުގެ އަމަލުތަކާ މެދު ހިތްހަމަނުޖެހުންފާޅުކުރާ މީހުން އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ރާއްޖޭގައި ދީނީ މިނިވަންކަން އޮންނަންޖެހޭނެކަމަށް ގޮވާލެއްވި ގޮވާލުމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން ވެސް ޖާބިރަށް ވަނީ އަމާޒުވެފަ އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް