ads
ރައީސް ސޯލިހް ވަނީ މިއަދު ގައުމީ ޓީމާ ބައްދަލުކުރައްވާފައި
ރޭޕްގެ ތުހުމަތު ކުރެވޭ މީހަކު ފިލުވާލި މީހަކު ގައުމީ ޓީމުގައި!
މި ދުވަސް ވަރަކީ ރާއްޖެއަށް އަންނަ އެންމެ ބޮޑު ކުޅިވަރު އީދު ސާފު ޗެމްޕިއަންޝިޕްގެ ފޯރިއާއެކު ދިވެހިން އެމީހުންގެ އާއްމު ދިރިއުޅުމުގެ ކަންކަން ހަދާން ނައްތާލައިފައިވާ ދުވަސްވަރެކެވެ. ގައުމުގު ސިޔާސީ ގޮތުން، ޝަރުއީ ގޮތުން އަދި އިޖުތިމާއީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތި ވަމުންދާ ދުވަސްވަރެއް ނަމަވެސް ދިވެހިން އެކަންތައް ކުއްލިއަކަށް ހަދާން ނެތުނު ކަހަލަ އެެވެ.
Advertisement

އެފަދަ ދެތިންކަމެއް ފާހަގަކޮށްލާނަމެވެ. އިޖުތިމާއީ މައްސަލަތަކަށް ބަލާނަމަ ނިމިދިޔަ ސެޕްޓެމްބަރު މަހު ތެރޭގައި އެތައް ފަހަރެއްގެ މަތިން ހުޅުމާލޭގައި ހުންނަ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަހައްޓާ ފިޔަވަތީގެ ފުރާޅު މައްޗަށް އަރާ އެންމެ ފަހުން އެތަނުގައި އަލިފާން ރޯކޮށްލާ ހިސާބަށް ވެސް ދިޔައެވެ. ނަމަވެސް އެކުދިންނަށް ވީ ގޮތެއް ސުވާލުކޮށްލާނެ މީހަކު މިއަދު ނެތެވެ. އެ ކުދިންގެ ހުރި މައްސަލަތަކަށް ހައްލެއް ހޯދައިދިނުމުގެ ބަދަލުގައި ސަރުކާރުން އެމައްސަލައިގެ މައްޗަށް ފަސް އެޅީ ވަރަށް ފަސޭހައިންނެވެ. އެއީ ފުރާޅު މައްޗަށް ކުދިންތައް އަރާ މަންޒަރު ކުރިން އާއްމުންނަށް ފެންނާތީ ފިޔަވަތީގައި ތިބޭ ކުދިންނަށް ފުރާޅަށް ނޭރޭ ގޮތަށް އިމާރާތަށް ބަދަލު ގެނައުމެވެ. އެކަން އެހާ ހިސާބުން ހަދާން ނެތުނީއެވެ. 

ދެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާ މެމްބަރު އަބްދުﷲ ޖާބިރު ދީނީ މިނިވަން ކަމަށް ގޮވާލާ އެތައް ފަހަރެއްގެ މަތިން ދީނާ ހިލާފް އެތައް ވާހަކައެއް ދެއްކި މައްސަލައެެވެ. އަދި އއ. މަތިވެރި ރައްޔިތުންގެ ތެރެއިން ބަޔަކަށް މުސާރަ ނުދޭ މައްސަލަ އާއި، އެރަށުން ގެސްޓު ހައުސް ހެދުމަށް ކަމަަށް ބުނެ ނެގި ބިމަށް ކުލި ނުދައްކާ މައްސަލައެވެ. 

މިއިން އެއްވެސް މައްސަލަ އަކަށް ސަރުކާރުން ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އެރަށު ރައްޔިތުން ޖާބިރު އާއި ދެކޮޅަށް މުޒާހަރާ ކުރުމުން ޖާބިރު ވަނީ އެ ރަށު ރައްޔިތުންނަކީ ދީނީ ހަރުކަށި ފިކުރުގެ ޓެރަރިސްޓުން ކަމަށް ގޮވާލައި އެރަށަށް ދަތިކުރުމަށް ގޮވާލައިފައެވެ. ނަމަވެސް އޭނާއަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ސަރުކާރުން ކުރިކަމަކީ ގައުމީ ދިފާއީ ބާރުގެ ސިފައިން މެދުވެރިކޮށް ޖާބިރަށް ހިމާޔަތް ދިނުމެވެ. އެމައްސަލަވެސް ނިމުނީއެވެ. 

ދެން އޮތީ އިދިކޮޅުން މިހާރު އެންމެ ގަދައަށް ދައްކަމުން އަންނަ ވާހަކައެއެވެ. ކުރީގެ ޓޫރިޒަމް މިނިސްޓަރުގެ މައްޗަށް ކުރެވިފައިވާ ގިނަ ޖިންސީ ގޯނާގެ އަމަލުތަކަށްފަހުވެސް އޭނާ ފިލަން ފުރުސަތު ދެއްވައިގެން ސަރުކާރާއި، ކޯޓުތަކާއި، އެކަމާއި ގުޅޭ އިދާރާތައް ހަމަޖެހިލައިގެން ތިބި ވާހަަކައެވެ. އޭނާ ކަޅު ދަބަހުގައި މީސް މީހުންނަށް ބަހަނިކޮށް ފެނުނު ކަމަށް އެބުނާ މިލިއަނެއްހާ ރުފިޔާގެ ވާހަކައެވެ. 

ތަކުރާރުކޮށް މި ސަރުކާރުގެ އިސްވެރިންނާއި ރައީސުލް ޖުމްހޫރިއްޔާއަށް އެމްއެމްޕީއާރުސީ ގުޅުވައިގެން އެތައް ތުހުމަތުތަކެއް އޭނާ އެ ދަނީ ކުރަމުންނެވެ. ފިއްލަވައިގެން ހުންނަވައެވެ. ކަމެއް ހަމަ ހިލާ ނުކުރެވޭނޭ ފާޅުގައި ވިދާޅުވަމުންނެވެ. ތިން ހަތަރު ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުންތައްވެސް ބާއްވަނީއެވެ. 

ނަމަވެސް އަދި މިހާތަނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރެހެންދި ފްލެޓުން އެމްއެމްޕީއާރުސީ ހިޔާނާތުން 35 މިިލިއަން ޑޮލަރުގެ ނެންގެވި ކަމަށް ބުނާ ވާހަކައަށް ސަރުކާރުން ރަސްމީ ސިފައެއްގައި އެއްޗެއް ނުބުނިތާ، އޭނާ ދައްކާ ވާހަކަތަކަކީ ހަމަނުޖެހޭ ވާހަކަތަކެކޭ ބުނުމުގެ އިތުރަށް އެއްވެސް ކަމެއް ކުރި ތަނެއް ނުފެނުނެވެ. 

ސެޕްޓެމްބަރު 28 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އާންމުންގެ ބަޔަކު ވަނީ ރައީސް ސޯލިހު ދަރުމަވަންތަ ހޮސްޕިޓަލަށް ވަޑައިގެންނެވި ވަގުތުގައި އަލީ ވަހީދު އެ ދައްކަވާ މިލައަނެއްހާ ރުފިޔާގެ ވާހަކައިން ސުވާލު ކުރައްވާފައެވެ. އަށް ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ނެޓްވޯކް ދޫވި ގޮތަށް، ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ވެސް ދޫވެއްޖެ އެވެ. ކޯޓުތަކުން ބުނަނީ އިޖުރާތްތައް ފުރިހަމަ ނުވަނީ ކަމަށެެވެ. 

އެންމެ ފަހުން ދެން އޮތީ ޖިންސީ ގޯނާގެ ތުހުމަތު ކުރެވުނު ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ފިލުވާލަން ޖާމިނުވި ޔޫތު މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ)ގެ ވާހަކަ އެވެ. 

އަލީ ވަހީދަށް ކުރެވިފައިވާ ދައުވާއަކީ މިނިސްޓަރެއްގެ މަގާމުގައި ހުންނަވައި އެ މިނިސްޓްރީީ ގެ އަންހެން މުވައްޒިފުންތަކަކަށް ޖިންސީ ފުރަސާރަ ކުރިކަމުގެ ހަތް ދައުވާއެކެވެ. އަލީ ވަހީދުގެ އަޑުއެހުން ކޯޓުގައި ފަށާފައިވަނިކޮށް އޭނާ ވަނީ ރާއްޖެ ދޫކޮށް ބޭސް ފަރުވާއަށް ކަމަށް ބުނެ ލަންޑަނަށް ވަޑައިގެންފައިއެވެ. ކޯޓުން ގާނޫނާއި ހިލާފަށް ދޫކޮށްލި ޕާސްޕޯޓެއްގައި ހުދު ފަޓުލޫނު ތުރުކުރައްވައިގެން އިއްޒަތްތެރި ކަމާއިއެކު ވަގުތުން ފުރާވަޑައިގަތީއެވެ. ގޮތަކަށް ބުނާނަމަ ރިވެތި ގޮތުގައި ފިއްލެވީއެވެ. އޭނާގެ ޕާސްޕޯޓް ދޫކޮށްލާފައިވަނީ އަޑުބަރޭ ޒިންމާވާ ގޮތަށް، ޖާމިނުވާ އެއްބަސްވުމެއް ކޯޓަށް ހުށަހަޅައިގެންނެވެ.

އަޑުބަރޭ ޖާމިނުވެ ސޮއިކޮށްފައިވާ އިގުރާރުގައި ބުނެފައިވަނީ ޕާސްޕޯޓް ދޫކުރާ ހަތަރު މަސް ދުވަހުގެ ތެރޭގައި އަލީ ވަހީދު ނުފިއްލަވާނެ ކަމަށާއި ކަނޑައަޅާފައިވާ މުއްދަތަށް އޭނާ އެނބުރި ރާއްޖެއަށް ގެންނާނެ ކަމަށެވެ. ނަމަވެސް އެ ހަތަރު މަސް ދުވަހުގެ ތެރޭގައި އަލީ ވަހީދު ރާއްޖެއަށް އައިސްފައެއް ނުވެއެވެ. އަދި އަޑުބަރޭ ދިން ޔަގީންކަމާއިއެކު ވެސް ފަހުން ބުނެފައިވަނީ އަލީ ވަހީދު ހުންނެވި ތަނެއް އެގިވަޑައި ނުގަންނަވާ ކަމަށެވެ. 

ނަތީޖާއެއްގެ ގޮތުން ޖިންސީ ގޯނާގެ އެތައް ދައުވާއެއް ކުރެވިފައިވާ "ރޭޕިސްޓަކު" ފިއްލެވީއެވެ. އެކަމަށް އެހީތެރިވެދިނީ އަޑުބަރޭ ޖާމިނުވުމުގެ "ޑަރާމާ"އިންނެވެ. 

އޭގަފަހުން ނުވަ މަސް ވީއެވެ. ޖިންސީ ގޯނާގެ ޝިކާރައަކަށް ވި ކުދިން އެތިބީ އިންސާފު ނުލިބިއެވެ. ކޯޓުތަކުގައި މައްސަލަތައް އޮތީ ފުނިޖެހިފައެވެ. ކޯޓުތަކުނާއި، ފުލުހުން އަދި ޕީޖީ ހުސެއިން ޝަމީމަށާއި ސަރުކާރަށް ކުރެވުނު އެއްކަމެއްވެސް ނެތެވެ. ކުރެވޭނެ ކަމެއްވެސް ނެތީޔޯލައެވެ.

ފެންނަނީ "ވީ ޓްރައިޑް އޭ" ބުނެލެވޭވަރަށް ކަމެއް ކުރާތަނެވެ. އެގޮތަކީ ތޯއެވެ. އެ އިގުރާރާ ހިލާފުވެ އަލީ ވަހީދު ގެނައުމުގެ ޒިންމާއިން އަޑުބަރޭ ތަަދައްހަލުވި މައްސަލައިގައި އަޑުބަރޭގެ މައްޗަށް އަހަރު ދުވަހުގެ ޖަލުހުކުމެއް ކުރުމަށް އެދި ޕީޖީ އޮފީހުން ވަނީ މިދިޔަ މެއި މަހުގެ ކުރީކޮޅު ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފައެވެ. އަދި އޭގެ ފަހުން ކްރިމިނަލް ކޯޓުން އަޑުބަރޭއާއި މެދު ފިޔަވަޅެއް އަޅައިދެވެން ނެތް ކަމަށް ނިންމިއެވެ. އެޔަށްފަހު އެމައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނި ނަމަވެސް އެމައްސަލަ އިސްތިއުނާފު ނުކޮށް އަނެއްކާވެސް ދައުލަތުން ދުވަން ފެށީ އަލީ ވަހީދުގެ ޕާސްޕޯޓު ފަހަތުންނެވެ. އަޑުބަރޭ މައްސަލަ އޮތްތާ އޮތީއެވެ. 

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން، ޖާމިނުވާ މީހާ އޭނާގެ އިގުރާރާ ހިލާފުވެއްޖެ ނަމަ، ހިލާފުވި ކަމުގެ ކުޑަބޮޑު މިނަށް ބެލުމަށްފަހު، މި ގާނޫނުގައިވާ އަދަބެއް ކަނޑައެޅުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވެއެވެ. 

ޖާމިނުވުމުގެ އިގުރާރާ ހިލާފު ވެއްޖެ ނަމަ. އެމީހަކަށް ދެވޭނެ ހަތަރު އަދަބެއް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައަޅާފައި ވެއެވެ. އެއީ؛

  • އެއް އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން،
  • ދެއަހަރު ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދު ކުރުން،
  • 15،000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުން، އަދި
  • ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ދޫކުރުމުގައި، ވަކި މުއްދަތެއް ވަންދެން ޖާމިނު ނުވެވޭނެ ކަމަށް ކަނޑައެޅުމެވެ.

މި އަދަބުތަކުގެ ތެރެއިން، ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީގައި އެދުނީ އަޑުބަރޭއަށް އެއް އަހަރު ދުވަހުގެ ޖަލު ހުކުމުގެ އަދަބު ދިނުމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ. އެހިސާބުން އެނިމުނީއެވެ. "ވީ ޓްރައިޑް" ބުނެލެވޭ ވަރަށް އެކަން ކުރެވިއްޖެ ނޫންތޯއެވެ. 

ސެޕްޓެމްބަރު މަހުގެ 12ވަނަ ދުވަހު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަދޭން އެދި ޕީޖީ އޮފީހުން ހައިކޯޓުގައި އެދުނު މައްސަލައިގެ ހުކުމް އިއްވަމުން ފަނޑިޔާރު މުހައްމަދު ނިޔާޒު ފާހަގަކުރެއްވި އެންމެ ބޮޑު ކަންބޮޑުވުމަކީވެސް އަޑުބަރޭ އާއި މެދު އެއްވެސް ފިޔަވަޅެއް ނާޅާ ދޫކޮށްލާފައި ހުންނަ ހުރުމާއިމެދު އެވެ. 

ބާތިލްކޮށްފައިވާ ޕާސްޕޯޓެއް ހިފަހައްޓަން ޕީީޖީ އޮފީހުން އެދިފައި އޮތުމުގެ ސަބަބުން އެކަމާއި ހިތްހަމަ ޖެހިވަޑައިނުގެން ހައި ކޯޓުން އިއްވި ހުކުމުގެ ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔުގައި ބުނެފައިވަނީ އެފަދަ ޕާސްޕޯޓެއް ހިފަހައްޓަން އެދުމަށްވުރެ ކްރިމިނަލް ކޯޓަށް އަލީ ވަހީދު ހާޒިރުވާނެ ކަމަށް ދީފައިވާ ޔަގީންކަން ތަންފީޒު ކުރުމަށް ފިޔަވަޅު އެޅުން މާ މުހިންމު ކަމަށެވެ.

އަޑުބަރޭއަށް ފިޔަވަޅު އެޅެން ނެތް ކަމަށް ދަށު ކޯޓުން ނިންމުމުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް ދައުލަތުން ދަށު ކޯޓަށް އޭރު އަންގާފައިވާތީ އެ ކޯޓުން އެ މައްސަލައާ ގުޅޭ ލިޔުންތައްވެސް ދައުލަތާ ހިއްސާކޮށްފައިވާ ކަމަށާއި ނަމަވެސް ދައުލަތުން އެ މައްސަލަ އިސްތިއުނާފް ކޮށްފައި ނުވާކަމަށް ބުނެ ފަނޑިޔާރި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފަނޑިޔާރު ނިޔާޒް ވިދާޅުވީ ޖާމިނުވުމަކީ ގާނޫނީ ގޮތުން ސީރިއަސް ނަތީޖާއެއް ހާސިލުކޮށްދޭ ޖާމިނުވުމެއް ކަމަށާއި އެހެންކަމުން އަލީ ވަހީދު އެނބުރި ރާއްޖެ ވަޑައިގަންނަވާނެކަން ކަށަވަރުކުރުމަކީ ޖާމިނުވި ފަރާތްކަމުގައިވާ އަޑުބަރޭގެ ޒިންމާއެއް ކަމަށެވެ. އަދި އެކަން ނުކުރެވޭނެމަ ނަތީޖާއަަކަށް ވާނީ ގާނޫނުގައި ބަޔާންކުރާ ޖާމިނުވުމަކީ ކުޅިވަރަކަށްވެ ޖާމިނުވާ މީހާއަށް އޭނާ ބޭނުންހާ ކުޅިވަރެއް ކުޅުމަށް އޭނާ މިނިވަންކަމާއެކު އުޅެވުން ކަމަށް ފަނޑިޔާރު ނިޔާޒްގެ ރައުޔުގައި ވެއެވެެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މައުލޫމާތު ދޭ ގޮތުގައި, ހައި ކޯޓުން އެ ހުކުމް ކުރި ދުވަހާ ޖެހިގެން އައި ދުވަހު އަޑުބަރޭއަށް ފިޔަވަޅު އަޅައިދޭން ކްރިމިނަލް ކޯޓަށް ހުށަހެޅި އެވެ. ދައުލަތުން އެދުނީ ކުރިން ވެސް އެދުނު ގޮތަށް އެއް އަހަރު ދުވަހުގެ ޖަލު އަދަބެއް އަންނަ ގޮތަށް އަޑުބަރޭއަށް ފިޔަވަޅު އަޅައިދިނުމަށެވެ. ނަމަވެސް, އެއީ ކުރިން ވެސް ގޮތް ނިންމާފައިވާ ކަމެއް ކަމަށް ވިދާޅުވެ, ގާޒީ ހަސަން ސައީދު އަނެއްކާވެސް ނިންމެވީ އަޑުބަރޭއަށް ފިޔަވަޅު ނޭޅުމަށެވެ.

އަޑުބަރޭއަށް ފިޔަވަޅު ނާޅަން ނިންމި ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ނުކުރާކަމަށް ފަނޑިޔާރު ނިޔާޒު ފާހަގަކުރެއްވި ކަންބޮޑުވުމާއި ބެހޭ ގޮތުން ޕީޖީ އޮފީހުން ބުނީ އެ ނިންމުން އިސްތިއުނާފު ނުކުރަނީ ކްރިމިނަލް ކޯޓުން ދިން ލިޔުން އޮތީ އިސްތިއުނާފު ކުރެވޭނެ ގޮތަށް ކަމަށް އެ އޮފީހުން ނުދެކޭތީ ކަމަށެވެ.

ދިވެހިންގެ ތެރޭގައި އަޑުބަރޭ ދައްކާލާފަ ކޮންމެ ކަމެއް ވެސް ކުރެވިދާނޭ ބުނާ މީހުން ގިނަ ވެއްޖެ އެވެ. އަޑުބަރޭ އަކީ އެހާވެސް ނުފޫޒްގަދަ މީހަކަށް ވެއްޖެ އެވެ. 

ވާނީވެސް އެހެންތާއެވެ. ޖިންސީ ގޯނާގެ ހަތް ދައުވާއެއް ކުރެވުނު މީހާ ފިލުވުމުން ދައުލަތުން އޭނާއަށް އަދަބެއް ދިނުމަށް ދެ ފަހަރެއްގެ މަތިން ކްރިމިނަލް ކޯޓުގައި އެދުމުން ވެސް ކްރިމިނަލް ކޯޓަށްވެސް އެކަން އެއީ ކުރެވޭނެ ވަރު ކަމަކަށް ނުވިއެވެ. 

އެވަރަކުން އަދި ނިމުނީކީ ނޫނެވެ. މިހާރު އުމުރުން 35 އަހަރުވެފައިވާ އަޑުބަރޭ 2018 ވަނަ އަހަރު ގައުމީ ޓީމުން ރިޓަޔާ ކުރެވިފައި ވަނިކޮށް، މިހުރިހާ ކަމަކަށް ފަހުވެސް ދިވެހިންގެ ފަހުރު ކަމަށް ބުނާ ގައުމީ ޓީމުންގެ ސްކޮޑުގައި ވެސް އޭނާ ހިމެނީއެވެ.

ދައްކާނެ ވާހަކައެއް ނެތެވެ. އަހަރެންގެ ނަޒަރުގައި ހަގީގަތުގައި އެފަދަ ތުހުމަތެއް ކުރެވޭ މީހަކު ފިލުވި މީހަކު ގައުމީ ޓީމުގައި ބެހެއްޓުމަކީ ވެސް އެ ޓީމުގައި ތާރީހުގައި ފިލައިގެން ނުދާނެ ލައްގަޑެއް ކަމުގައި ވާނެއެވެ. ގައުމީ ޓީމުގެ ކޯޗު ވިދާޅުވި ފަދައިން އަޑުބަރޭގެ ކަންތަކާ ސަޕޯޓަރުން މާބޮޑަކަށް ނުވިސްނާނެތާއެވެ، ދިވެހިންނަށް ވަރިހަމަވީތާއެވެ.  

39%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
39%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް