ads
ޗައިނާގެ އެސްޔޫ 35 މަރުކާގެ މަތިންދާ ބޯޓު
ޓައިވާން ކައިރިއަށް ޗައިނާ އަސްކަރިއްޔާގެ 77 ބޯޓު
ޗައިނާ އަސްކަރިއްޔާގެ ގިނަ އަދަދައްގެ މަތިންދާ ބޯޓު ޓައިވާން ކައިރީގައި ހަރަކާތްތެރިވެއްޖެ އެވެ.

ޓައިވާނުން ބުނީ ހުކުރު އަދި ހޮނިހިރު ދުވަހު ޗައިނާގެ 77 އަސްކަރީ މަތިންދާ ޓައިވާންގެ އެއާ ޑިފެންސް އައިޑެންޓިފިކޭޝަން ޒޯން (އޭޑީއައިޒެޑް)އަަށް ވަދެފައިވާ ކަމަށެވެ.

އެގޮތުން ހޮނިިހިރު ދުވަހު އެގައުމުގެ އޭޑީއައިޒެޑްއަށް 39 މަތިންދާ ބޯޓު ވަދެފައިވާއިރު ހުކުރު ދުވަހު 38 މަތިންދާ ބޯޓު ވަދެފައިވާކަމަށް ޓައިވާނުން ބުނެއެވެ. 

މިއީ ޓައިވާނުން އޭޑީއައިޒެޑްގެ ހަރަކާތްތައް އާއްމުކުރަން ފެށިފަހުން މިހާ ގިނަ އަދަދަކަށް އަސްކަރީ ބޯޓުތައް އެ ސަރަހައްދަށް ވަތް ފުރަތަމަ ފަހަރެވެ. ޗައިނާގެ ބޯޓުތައް ޓައިވާންގެ ވައިގެ ސަރަހައްދަށް ވަދެފައެއް ނުވެއެވެ. 

އޭޑީއައިޒެޑް އަކީ ކޮންމެ ގައުމެއްގެ ވެސް ބޯޑަރުން ބޭރަށްވާ ގޮތަށް އޮންނަ 12 ނޯޓިކަލް މޭލު ސަރަހައްދެވެ. 

އެމެރިކާގެ ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ބުނާ ގޮތުގައި ވައިގެ މަގުން، އެއްގަމު މަގުން އަދި ކަނޑުމަގުން ވެސް އެ ސަރަހައްދަށް ވަދެ އަދި ނިކުންނަ އެއްޗެހި ދަނެގަނެ، މޮނީޓާ ކުރުމަކީ އެގައުމުގެ ސަލާމަތީ ސަބަބުތަަކައްޓަކައި ކުރަން ޖެހޭ ކަމެއް ކަމަށެވެ. 

ޓައިވާންގެ ވައިގެ ސަރަހައްދަށް ގިނަ އަދަދެއްގެ އަސްކަރީ މަތިންދާ ބޯޓުތަކެއް ވަދެފައި މިވަނީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއަށް 72 އަހަރު ފުރުން ހުކުރު ދުވަހު ފާހަގަކޮށްފައިވާ ދަނޑިވަޅެއްގައެވެ. 

ޗައިނާއިން ދެކެނީ ޓައިވާނަކީ އެގައުމުން ވަކި ނުވާނެ ސަރަހައްދެއްގެ ގޮތުގައެވެ. ނަމަވެސް 1949ގެ ދާހިލީ ހަނގުރާމައަށް ފަހު ޓައިވާންގައި އޮންނަނީ ވަކި ވެރިކަމެކެވެ. 70 އަހަރު ކުރިން ކުރި ހަނގުރާމައިގައި ބަލިވި މީހުން ވަނީ ޓައިވާންގެ ވެރިރަށް ޓައިޕެއި އަށް ފިލާފައެވެ. 

ޗައިނާގެ ކޮމިއުނިސްޓް ޕާޓީ އިން އަދި މިހާތަނަށް ދުވަހަކުވެސް ޑިމޮކްރެޓިކް ވެރިކަމެއް އޮންނަ 24 މިލިއަން މީހުން ދިރިއުޅޭ ޓައިވާންގެ ކޮންޓްރޯލް ނެގިފައެއް ނުވެއެވެ. 

ޗައިނާގެ ރައީސް ޝީ ޖިން ޕިން ވަނީ ބާރުގެ ބޭނުންކޮށްގެން ވިއަސް ޓައިވާން ހިފާނެކަމަށް ވިދާޅުވެފައެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް ޓައިވާނަށް އަރިގަންނަން ތައްޔާރުވެ ތިބުމަށް ޝީ ވަނީ އެގައުމުގެ އަސްކަރިއްޔާއަށް އިރުޝާދުދީފައެވެ. އެހެން ކަމުން އެގައުމުގެ އަސްކަރިއްޔާއިން އަންނަނީ ޓައިވާން ސަރަހައްދުގައި ހަރަކާތްތެރިވާ މިންވަރު އިތުރުކުރަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް