ads
ލާސް ވިލްކްސް
ކީރިތި ރަސޫލާއަށް ފުރައްސާރަކުރަން ކާޓޫނު ކުރެހި މީހާ އެކްސިޑެންޓެއްގައި މަރުވެއްޖެ
ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلمގެ ކާޓޫނުތައް ކުރަހައި، ގަދަރާއި ހުރުމަތް ކަނޑާލަން މަސައްކަތްކުރި ސްވިޑުންގެ ކުރެހުންތެރިޔާ ލާސް ވިލްކްސް އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.

ލާސް މަރުވީ ފުލުހުންގެ ވެހިކަލެއްގައި ދަތުރުކޮށްފައި ދަނިކޮށް ދުއްވާފައި ދިޔަ ޓްރެކެއްގައި މުޑިއަރައި ހިނގި އެކްސިޑެންޓެއްގައެވެ. އެ ހާދިސާގައި ފުލުހުންގެ ދެ މީހަކުވެސް މަރުވިއެވެ. ޓްރެކް ދުއްވަން އިންމީހާ ޒަޚަމްވިއެވެ.

ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلمގެ ކާޓޫނުތައް ކުރެހިފަހުން އުފެދު ހަމަނުޖެހުންތަކާ ގުޅިގެން ލާޒް ވިލްކްސް، 75އ ގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބަލައި އޭނާ އުޅެމުން ދަނީ ފުލުހުންގެ ހިމާޔަތުގައެވެ.

ފުލުހުން ނެރު ބަޔާނެއްގައި ބުނެފައި ވަނީ އެކްސިޑެންޓު ހިނގާފައި ވަނީ ރޭވުމެއްގެ ދަށުންކަން ނުވަތަ ނޫންކަން އަދި ނޭނގޭކަމަށެވެ.

ލާސް ވިލްކްސް، ކުރެހި ކާޓޫނުތައް ޝާއިޢު ކުރުމާ ގުޅިގެން ދުނިޔޭގެ ވަރަށް ގިނަ މުސްލިމު ގައުމުތަކުގައި އެކަމާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާކޮށްފައިވެއެވެ. އަދި އެކަމާ ގުޅިގެން ސްވިޑުންގެ އޭރުގެ ބޮޑު ވަޒީރު ފުރެޑްރިކް ރެއިންފިލްޓް މުސްލިމް 22 ގައުމެއްގެ ސަފީރުންނާ ބައްދަލުކުރައްވައި މައްސަލަ ހައްލުކުރައްވަން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިއެވެ.

އިރާގުގެ އަލްޤާޢިދާ ޖަމާއަތުން ވަނީ ކާޓޫނު ކުރެހި މީހާގެ ބޮލަށް އެއްލައްކަ ޑޮލަރުގެ އިނާމެއް ހުށަހަޅައި އޭނާ މަރާލުމަށް ގޮވާލާފައެވެ. އެކަމާ ގުޅިގެން ލާސަންގެ ސަލާމަތީ ކަންތައްތައް ސުވިޑުން ސަރުކާރުން ގެންދަނީ ވަރަށް ރަނގަޅަށް ބަލަހައްޓަމުންނެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ގުޅޭގޮތުން 2015 ގައި ސުވިޑުންގެ ކޯޕަންހޭގަންގައި ބޭއްވި ބައްދަލުވުމަކަށް ލާސް ގޮސް އިންދާ ބަޑިހިފައިގެން ހުރި މީހަކު އެތަނަށް ވަދެ ލާސް މަރާލަން މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް އޭނާ ސަލާމަތްވިއެވެ. ބަޑީގެ ހަމަލާގައި މަރުވީ އެ ބައްދަލުވުމުގައި ބައިވެރިވި ފިލްމު އުފައްދާ ޑައިރެކްޓަރެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް