ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ މި ކަންބޮޑުވުންތައް ފާޅު ކުރެއްވީ މިއަދު އެއޮފީހުން ނެރުނު ދިގު ބަޔާނެއްގައެވެ. އަދި މިއީ މި ހިޔާނާތާއި ގުޅިގެން މިހާ ތަފްސީލީކޮށް މިފަދަ ބަޔާނެއް ނެރުނު ފުރަތަމަ ފަހަރެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި " ދިވެހިންގެ މުދަލުން އެތައް ރަށަކާއި ފަޅުތަކެއް ނަހަމަގޮތުގައި އަދި ނުއަގުގައި ވިއްކައިގެން ދައުލަތުގެ މާލިއްޔާތައް ވަންނަންޖެހޭ 3.4 ބިލިއަން ދިވެހިރުފިޔާގެ މިހިޔާނާތުގައި ޝާމިލްވާ އެއްވެސް ބަޔަކަށް ގާނޫނުގައި ކަޑައެޅިފައިވާ އެއްވެސް އަދަބެއް ނުލިބޭނޭ ގޮތަކަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެއްވެސް އެއްބަސްވުމެއްވުމެއް، ނުވަތަ އެފަދަ އެއްބަސްވުމެއްގެ ހިޔާލު ގެންގުޅުމަކީ ވެސް ޓްރާންސްޕޭރަންސީ މޯލްޑިވްސް އަށް އެއްގޮތަކަށްވެސް ބަލައިގަނެވޭ ކަމެއް ނޫން" ބަޔާނުގައިވެއެވެ.
27 ސެޕްޓެމްބަރ 2021 ގައި ސުޕްރީމް ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ ވަކީލުވަނީ މޯލްޑިވިއަން މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީގެ (އެމް.އެމް.ޕީ.އާރް.ސީގެ) ހިޔާނާތުގެ މައްސަލައިގައި ޝާމިލްވާ އަމިއްލަ ކުންފުންޏެއްކަމުގައިވާ އެސް.އެފް.އޯގެ މައްޗަށް ދައުލަތުން ދައުވާނުކުރުމަށް ނިންމާފައިވާކަމަށާއި، މި ހަބަރާއި ގުޅިގެން 28 ސެޕްޓެމްބަރު 2021ގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އެއޮފީހުން އެސް.އެފް.އޯގެ އިސް ވެރިންގެ މައްޗަށް ދައުވާނުކުރުމަށް ނިންމާފައި ނުވާނެކަމަށާއި، އެހެން ނަމަވެސް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އާއިޝަތު ބިޝާމްގެ ދައުރުގައި އެސް.އެފް.އޯގެ މައްޗަށް ދައުވާނުކުރަން އެއްބަސްވުމެއް ވެވިފައިވާކަމަށް ވަނީ މައުލޫމާތު ދީފައިކަމުން ކޮރަޕްޝަންގެ އަމަލެއް ހިންގުމުގައި ބައިވެރިވި ފަރާތްތަކާއި އެކު މިފަދަ އެއްބަސްވުމެއް އެއްވެސް އިރެއްގައި ވެފައިވުމަކީ އެޖަމިއްޔާއިން ނުހަނު ކަން ބޮޑުވާ، އަދި ކުށްވެރިކުރާ ކަމެއް ކަމުގައި ވަނީ ބުނެފައެވެ.
އަދި މި ބަޔާނުގައި އެމް.އެމް.ޕީ.އާރް.ސީގެ ހިޔާނާތުގެ ތުހުމަތުކުރެވޭ ފަރާތްތައްހޯދާ، ތަހުގީގުކޮށް، އަދުލުއިންސާފުގެ ކުރިމައްޗަށް ގެނެއުމުގައި ބޮޑެތި ލަސްވުންތަކެއް ވަމުންދިއުން ފާހަގަ ކޮށްފައިވެއެވެ. ދިވެހި ރައުސުލްމާލުން ގެއްލުނު ފައިސާއާއި ނުހައްގު ގޮތުގައި ދޫކުރި ރަށްތަކާއި ފަޅުތައް އަނބުރާ ހޯދުމުގެ މަސައްކަތް އަވަސްކުރުމަށް އެޖަމިއްޔާއިން ވަނީ ގޮވާލާފައެވެ. އަދި މިހިޔާނާތް ތަހުގީގުކުރުމާ، މިކަމުގައި ޝާމިލްވާފަރާތްތަކާއި އެކުވެވޭ އެއްބަސްވުންތަކުގެ ހާމަކަން ކުޑަކަމާއި، އެފަދަ އެއްބަސްވުންތަކުގެ ނިޔަތަކީ ކޮބައިކަމާއި، އެއިގެ ފައިދާ އަސްލު ލިބޭ ފަރާތްތަކަކީ ކޮބާކަން ސިއްރުކުރެވިފައި އޮތްކަމީ ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމެއް ކަމުގައި ބުުނެފައިވެއެވެ. އަދި އެމައްސަލައިގެ ކަންތައްތައް ހާމަކަންބޮޑުގޮތެއްގައި ގެންދިއުމަށާއި، އެމައްސަލަޔާގުޅިގެން ރައްޔިތުންނަށް އޮޅުންއަރާފައިވާ ކަންތައްތައް މިހާރުން މިހާރަށްވެސް ސާފުކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށާއި ގުޅުންހުރި ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް ގޮވާލާކަމަށް ބަޔާނުގައިވެއެވެ.
މިބޮޑު ހިޔާނާތުގެ ޖަރީމާ ފަޅާ އެރި ފަހުން 8 އަހަރުވުމާއި ގާތްވެފާއިރު، އެސް.އޯ.އެފް މެދުވެރިކޮށް ދިވެހިންގެ އަތުން ފޭރިގަތްކަމަށް ލިޔެކިޔުމުން ފެންނަންހުރި ފައިސާ ހޯދުމަށާއި އެކަމުގައި ޝާމިލުވާފަރާތްތަކާއި، އެސް.އޯ.އެފްގެ އިސްވެރިންނަށްވެސް އެއްވެސްކަހަލަ ޝަރީއަތެއް ހިންގާ ނަތީޖާ ނުނެރެވި ވާއިރު، އެހެނިހެން ގޮތްގޮތުން ގެއްލުވާލެވުނު ފައިސާ ހޯދުމުގައި އެއްބަސްވުމެއް ހެދުމުގެ މަގުސަދާއި މެދު ވެސް ސުވާލު އުފެދޭކަމަށް ޓްރާސްޕޭރެންސީ މޯލްޑިވްސްގެ ބަޔާނުގައިވެއެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ބަޔާނުގައި ބޮޑެތި ކަންބޮޑުވުންތަކާއި، ސުވާލުތަކެއް ހުރި އިރު މި މައްސަލައިގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަރިންގެ ހުކުމް އިސްތިއުނާފުކުރުމާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުގައި މާދަމާ އަޑުއެހުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އަޑުއެހުމުގައި ކަފާލާތުގެ ދަށުން ރައީސް ޔާމިން މިނިވަންކުރުމާއި، ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލުމާއި، އަދި ދައުލަތުގެ ފަރާތުން ހުށައަޅާފައިވާ ހެކިންގެ ހެކިބަސް ގަބޫލު ކުރާނެ ނުވަތަ ނުކުރާނެތޯ ނިންމުމަށް ވަނީ ހަމަޖެހިފައެވެ.