އެރަށު ސްކޫލްގެ ޕީޓީއޭގެ ނައިބު ރައީސް ވިދާޅުވީ އެރަށުން ޓީޗަރުން ފޮނުވާލައްވާފައިވާ ކަމަށާއި އެހެންނަމަވެސް ޕްރިންސިޕަލްއެއް އަދިވެސް އެރަށަށް ނުލިބޭ ކަމަށެވެ.
މިއަހަރުގެ ކިޔެވުން ފެށުމާއެކު އެރަށު ސްކޫލަށް ކުދިން ފޮނުވުން ވަނީ ހުއްޓާލާފައެވެ. ބެލެނިވެރިން އެސްކޫލަށް ދަރިވަރުން ފޮނުވުން ހުއްޓާލީ ސްކޫލުން އެކަށީގެންވާ ނަތީޖާ ނެރެވެމުން ނުދާތީކަމަށް ބުނެއެވެ. އަދި އެތައް ޒަމާނެއް ވަނަދެއް އެއްބަޔަކު ކިޔަވައިދެމުންދާއިރު އެކަށީގެންވާ ބަދަލެއް ނާންނާތީ ކަމަށް ބުނެއެވެ.
މިކަމާގުޅިގެން އެރަށަށް މިނިސްޓްރީގެ ޓީމެއް އޮގަސްޓްމަސްތެރޭ ވަނީ ގޮސްފައެވެ. އަދި ރަނގަޅުކުރަންހުރި ކަންކަން ރަނގަޅުކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
އެރަށުގެ މައްސަލަތައް ހައްލު ކުރަން މިނިސްޓްރީން ފޮނުވީ ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޝިފާޒު މުހައްމަދުއެވެ. ޝިފާޒު ވަނީ އެސްކޫލްގެ ޕްރިންސިޕަލްއާއި ތިން މުދައްރިސަކު ވަޒީފާއިން ވަކިކޮށް އިންޑިޔާ އަށް ފޮނުވާލައިފައެވެ.
ހިރިމަރަދޫ ބެލެނިވެރިއަކު ބުނީ އެސްކޫލްގެ ބައެއްކަންކަން މިހާރު ރަނގަޅުވެފައި ވާކަމަށެވެ.
ކައުންސިލް ރައީސް މުހައްމަދު އަރުޒާން ސީއެންއެމްއަށް ކުރިން ވިދާޅުވީ އެރަށު ސްކޫލުގައި ބިދޭސީ ޓީޗަރުންގެ ތެރެއިން އެއްބަޔަކު ތިބޭތާ އަށެއްކަ އަހަރު ވެފައިވާ ކަމަށާއި ދުވަހަކުވެސް ނަތީޖާ ރަނގަޅުވަމުން ނާންނަ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއް މިމައްސަލައާ ގުޅިގެން އެރަށަށް ވަޑައިގެންނެވިއެވެ.