އެންސީބީގެ ތަހުގީގަށް އާރިޔަން ހާނާއި ސުވާލު ކުރިއިރު އޭނާ ހުއްޓާނުލައި ރޮއިފައިވާ ކަމަށްވެސް ރިޕޯޓްތަށް ބުނެއެވެ. އަދި ހަތަރު އަހަރު ވަންދެން މަސްތުވާ ތަކެތި ބޭނުން ކުރި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
އާރިޔަން ކިޔަވަން އެމެރިކާ އާއި، ދުބާއީ އަދި އިންޑިޔާގެ އިތުރުން އެހެން ގައުމުތަކުގައި އުޅުނުއިިރު މަސްތުވާ ތަކެތި ބޭނުން ކޮށްފައިވާ ކަމަށް އޭނާ ވަނީ އެއްބަސްވެފައެވެ. އެންސީބީގެ ބެލުމުގެ ދަށަށް އާރްޔަން ހޮނިހިރު ދުވަހު ގެނެވިފައިވަނީ މުމްބައީ ބޭރުގައި އޮތް ކްރުޒް ޝިޕެއްގައި ޕާޓީ ކުރަނިކޮށެވެ. އާރިޔަން އާއެކު އަށް މީހަކު ވަނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވެއެވެ. އެންސީބީން އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޮކްޓޯބަރު ހަތް ވަނަ ދުވަހުގެ ނިޔަލަށް އެމީހުން ބަންދުގައި ބޭތިއްބުމުގެ މުއްދަތު އިތުރުކޮށްފަ އެވެ.
އެންސީބީގެ ބެލުމުގެ ދަށުގައި ހުރި އާރްޔަންއަށް އޭނާގެ ބައްޕަ ޝާހްރުކް ހާނާއި ފޯނުން ވާހަކަ ދެއްކުމަށް ދެ މިނިޓް ދިން ކަމަށް ވެސް އެންސީބީއިން ވަނީ ބުނެފައެވެ. ޝާހްރުކް ދަރިފުޅު އާރިޔަން މަސްތުވާ ތަކެތީގެ މައްސަލައިގައި ހައްޔަރު ކުރުމާއި ގުޅިގެން ޝާހްރުކް ހާނަށް ލިބިފައިވާ ހިތާމައިގައި ބޮލީވުޑުގެ ގިނަ ތަރިން އަންނަނީ ބައިވެރިވަމުންނެވެ.
މި ދަނޑިވަޅުގައި ޝާހްރުކް ހިތްވަރު ކުރުމަށާއި ކެތްތެރިވުމަށް ސުނިލް ޝެޓީގެ އާއި ބޫޖާ ބަޓް ގެ އިތުރުން ވެސް ބޮލީވުޑްގެ ގިނަ ތަރިން އަންނަނީ ޝާހުރުކް އަށް ހިތްވަރުދެމުންނެވެ. އާރްޔަން ހައްޔަރު ކުރި ހަބަރު ލިބުމާއި އެކު ބޮލީވުޑުގެ ތަރި ސަލްމާން ހާން ވަނީ ޝާހްރުކް އާ ބައްދަލު ކުރުމަށް ޝާހްރުކްގެ ގެއަށް ޒިޔާރަތް ކޮށްފައެވެ.
އާރިޔަން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ނާކޮޓިކްސް ޑްރަގްސް އެންޑް ސައިކޯޓްރޮޕިކް ސަބްސްޓެންސް އެކްޓްގެ 27 ވަނަ ސެކްޝަންގެ ދަށުންނެވެ. އާރިޔަން އަށް ކުރެވޭ ތުހުމަތުތައް ސާބިތުވެއްޖެ ނަމަ އޭނާއަށް 10 އަހަރުގެ ހުކުމެއް އައުން އެކަށީގެންވެއެވެ.