އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ވައުދުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޕީޕީއެމްގެ ޖަގަހަ ޖަލްސާއި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯގައި މިސަރުކާރުން ލިޔެފައިވާ ވައުދުތަކަށް ވީޑިއޯ ހަދާ އެކި ބޭބޭފުޅުން އަރާ ވަރަށް ރީއްޗަށް އެ ކިޔާ ދީފައިވާ ކަމަށެވެ.
ލާމަރުކަޒީ ނިޒާމުގެ ފުރިހަމަ ބާރުވެރިކަން ރައްޔިތުންނަށް ދޭން ބުނި ނަމަވެސް އެ ފަރާތްތަކުން އަމިއްލައަށް އިހްތިސާސް ކަނޑައަޅާ އެކަމާ ރައްޔިތުން އިޖްތިޖާޖު ކުރީމާ އަނެއްކާ ކުރިން އޮތްގޮތަށް ކަންކަން އިއާދަ ކުރާކަމަށެވެ.
އެގޮތުން ފިއްލަދޫގެ އިހްތިސާސުން ދައްޕަރު ވަކިކުރިކަމަށާއި ރައްޔިތުން އިހްތިޖާޖު ކުރުމުން އަނެއްކާ އަނބުރާ ދިން ކަމަށް ޝިޔާމް ފާހަގަ ކުރިއެވެ. އޭނާ ވިދާޅުވީ ރަށެއްގައި މިސްކިތެއް ފޮޅާ ސާފުކޮށްލާނޭ ބާރުވެރިކަމެއްވެސް އަދި ބަޖެޓެއްވެސް ކައުންސިލްތަކުގައި ނެތް ކަމަށާއި އިހްތިސާސީ ބާރުވެރި ކަމާއި މާލީ ބާރުވެރިކަން ދޭނެ ކަމުގައި މެނިފެސްޓޯގައި ހުރި ނަމަވެސް އޭގެން ހާސިލްވީ ކޮން ކަމެއްތޯ ޝިޔާމް ސުވާލު ކުރެއްވި އެވެ.
ދެން ހުރީ ނޫއިގްތިސާދުގެ ވާހަކަ ދެއްކެވި ބޭފުޅެއް ކަމަށާއި އެބޭފުޅާ އަޑަށް ވަރަށް ބާރުލާފައި އެމްޑީޕީގެ ވެރިކަމެއްގައި މަސްވެރިންގެ ޖީބަށް ޑޮލަރު ވަންނާނެ ކަމަށް ބުނި ކަމަށާއި ހަމައަގު މަސްވެރިންނަށް ހޯދައިދޭން ކަމަށް ބުނި ކަމަށާއި 3 އަހަރު ވެގެން ދިޔައިރު އަދި މިހާގިނަ ރަށްރަށަށް ދިޔައިރު ޖީބަށް ޑޮލަރު ވަތް މަސްވެރިއަކާ އަދި ދިމާނުވާ ކަމަށް ވިދާޅުވިއެވެ.
ނޫއިގްތިސާދުގެ ދަށުން އިންޑިޔާ ސަރުކާރުގެ އެހީގައި ދެފެކްޓްރީ ތަރައްޤީކުރަން އިއުލާން ކުރި ކަމަށާއި އޭގެ ބަދަލުގައި ޜާއްޖޭގެ ހަތަރު ސަރަހައްދު އިންޑިޔާއަށް ލިޔެފައިދިނީކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. ދައްޕަރު ސަރުކާރުގެ އިހްތިސާސުން ބޭރުކުރިއިރުގައި އޮތީ ސެކަންޑް ހޯމްގެ ދަށުން ވިއްކާފައި ކަމަށާއި މާދަމާ އަންނާނެ އެތަނަށް ބަދަލު ހޯދަން އިންޑިޔާއިން އަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އެހެން ބޭފުޅަކު މެނިފެސްޓޯގެ ކޮމްޕޯނެންޓެއްގައި ވިދާޅުވި ތަފާތު ނުކުރާ ސަރުކާރެކޭމީ އޯގާތެރި ސަރުކާރެކޭމީ. މައިމީހާގެ ބަނޑުގައި ދަރިފުޅު ގަރުބަގަތީއްސުރެ ހާލު ބަލާނެ ސަރުކާރެކޭ މީ ވިހެއިމަ ޕެކޭޖް އަންނާނެއޭ. އަޅުގަނޑު އިހަށްދުވަހު ދިޔައީ އާސަހަރާއަށް ދިޔައިރު މީހެއްގެ ދަރިއަކު މަރުވެގެން ސަންދޯއް ފިލާ ނުލިބިގެން އުޅެނީ. މިޕެންޑެމިކް ތެރޭގައި ފެނުނު ތަފާތު ކުރުން ގެންގުޅުތަން. ސަރުކާރުގެ ބޮޑުން ރައީސް ޔާމީން އަޅުއްވާ ދެއްވި ދަރުމަވަންތަ ހޮސްޕިޓަލްގައި. ރައްޔިތުމީހާ އެމްބިއުލާންސް ނައިސްގެން ދަރިފުޅު އަތަށްލައިގެން. ކިތައް މަރުތޯ ތަފާތު ކުރުމުގެ ސަބަބުން، އިހުމާލުން"
އިންސާފު ގާއިމްކުރުމާއި ފަނޑިޔާރުގެތަކުގައި އަދުލުވެރިކަން ގާއިމްކުރާ ވާހަކަ ދެއްކި ކަމުގައިވިޔަސް އެޖެންޑާ 19ގެ މުޅި ލެޖިސްލޭޓިވް އެޖެންޑާގެ 99 ޕަސެންޓް ހާސިލްވި ކަމަށް ބުނިއިރުވެސް އަދިވެސް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުނުވާކަން ފާހަގަ ކުރެއްވިއެވެ. ހުރިހާ ބާރަކާއެކު މުޅިދައުލަތް އެކީގައި ލިބުނީމަވެސް އެއްވެސް ރައްޔިތަކު ތިމަންނައަށް އިންސާފު ލިބިއްޖެ ކަމަށް ތިމަންނައަށް ކަންކަން ރަނގަޅުވެއްޖެ ކަމަށް ބުނަމުން ނުދާކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
15ހާހެއްހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ރައީސް ޔާމީން ގާއިމްކޮށްދެއްވީމާ އެތަން ހަވާލުކުރީވެސް ރައްޔިތުން ނުކުމެ ބޮލަށްއަރާ ވެރިކަން ވައްޓާލާ ހިސާބަށް ދިއުމުން ކަމަށާއި އެއްވެސް ވަސީލަތެއް ގާއިމްކޮށްނުދީ އެތަން ހަވާލުކުރީ ގޮނޑަކަށް ހަދާފައިކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ޝަރީއަތަށް އިޝާރާތްކުރައްވާ ޝިޔާމް ވިދާޅުވީ މިސަރުކާރުން ރައީސް ޔާމީންއާ ދޭތެރޭ އަމަލުކުރަމުންދަނީ ނާއިންސާފުން ކަމަށާއި އެމަނިކުފާނުގެ ޝަރީއަތުގައިވެސް ތަފާތުކުރުން ގެންގުޅުނު 17 ކަމެއް ފާހަގަކުރެވުނު ކަމަށެވެ. އެކަން ކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން ޝިޔާމް ވިދާޅުވީ އެހެން މައްސަލަތައްވެސް މުރާޖައާ ކުރި ގޮތަށް ރައީސް ޔާމީންގެ މައްސަލަވެސް މުރާޖައާ ކުރެވެން ޖެހޭ ކަމަށެވެ. އެމަނިކުފާނުގެ މައްޗަށް ހުކުމްކޮށްފައިވަނީ ފުރާނަފުޅަށް ގެއްލުންދޭން އުޅުނު މީހެއްގެ ހެކިބަސް ނަގައިގެން ކަމަށާއި މިއީ ބާތިލް ހެކިތަކެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. މިހެކީގެ މައްޗަށް ނިންމޭނެ އެއްވެސް އެއްޗެއް ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެސްއޯއެފްގެ މައްޗަށް ދައުވާ ނުކޮށް ރައީސް ޔާމީންގެ ތަހުގީގު ފުރިހަމަވަނީ ކިހާހިސާބަކުންތޯވެސް ޝިޔާމް ސުވާލުކުރެއްވިއެވެ.