
"މި ހުރިހާ ތަރައްގީއެއް ކުރާއިރު ކޮންމެހެން ކުރަން ނުޖެހޭ ބިން ހިއްކުމެއް އަޅުގަނޑުމެން ހިއްކާނެ ކަމެއްނެތް. އަޅުގަނޑުމެން ބޮޑު ހިލަ ޖައްސައިގެން ރަށްރަށް ހަދާނެ ކަމެއްނެތް. އަޅުގަނޑުމެން ބޭނުމެއްނެތް ކަންތައްތައް ކުރާނެކަމެއްނެތް. ކޮންމެ ރަށަކަށް ޕިކްނިކް އައިލޭންޑެއް އަދި އެތާ އޮންނާކަށް ނުޖެހޭ،" ރާއްޖޭގެ ފަރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރޭ މުނާސަބަތުގެ ކައުންޑައުން ފެށުމަށް ބޭއްވި ހަފުލާގައި ވާހަކަގައި ދައްކަވަމުން ނަސީމު ވިދާޅުވިއެވެ.
ރާއްޖޭގެ ޓޫރިޒަމް ފެށިގެން އައިއިރުގެ ދުވަސްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނަސީމް ވިދާޅުވިގޮތުގައި "ތިޔަ ބޭފުޅުން ވިސްނާ ވަޑައިގަންނަވާ އަފީފެއް މުހައްމަދު މަނިކެއް ނުހުންނާނެ ތަންތަން ހިއްކައިގެން ރިސޯޓު ހަދާފައެއް. ބޮޑު ހިލަ ގާ ޖައްސައިގެން ރިސޯޓު ހަދާފައެއް ނުހުންނާނެ. އެބޭފުޅުން ގަބޫލުފުޅުކުރައްވާ ކަންތަކެއްނޫން އެއީކީއެއް. އެހެންވީމާ އެކަހަލަ ކަންތައްތަކުން ފިލާވަޅު ނަންގަވައިގެން ހުރިހާ ބޭފުޅުން ވެސް އުޅުއްވަންވާނެ." އެވެ.
މުޙައްމަދު އުމަރު މަނިކާއި ޗަމްޕާ ހުސޭން އަފީފާއި މިހާރުގެ ހެލްތު މިނިސްޓަރ އަޙުމަދު ނަސީމަކީ ރާއްޖޭގެ ޓޫރިޒަމް ފެށުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ތިން ބޭފުޅުންނެވެ. އަދި އަދި މުހައްމަދު އުމަރު މަނިކާއި ޗަމްޕާ ޢަފީފަކީ ފެށުނީއްސުރެ މިހާތަނަށް ވެސް ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ކާމިޔާބު ދެ ބޭފުޅުންނެވެ.
ނަސީމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ޓޫރިޒަމް ފެށިގެން އައިދުވަސްވަރުގައި ވެސް ތިމާވެށި ރައްކާތެރިކުރުމުގެ ބައެއް މަސައްކަތްތައް ވަނީ ކޮށްފައެވެ. އެ ގޮތުން މުރަކަތައް ރައްކާތެރި ކުރުމަށާއި ފަރުމަހުގެ މަސްވެރިކަމަށް ގެއްލުމެއް ނުލިބޭފަދަ ކަންތައްތައް ކޮށްފައި ވާނޭކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވިސްނުން މިހާރުގެ އެންވައިރުމަންޓު ނުވަތަ ކޮރަލްގެ ކަންތައްތައް ކުރައްވާ ބޭފުޅުންނާ އެއް ފެންވަރެއްގައި ނުހުރެދާނެ. އެހެންނަމަވެސް ކޮންމެވެސް ވަރެއްގެ ހިމާޔަތެއް ދެވުނު. އަޅުގަނޑުމެން މަސް މެރުން މަނާ ކުރިން. މުރަކަތަކަށް ގެއްލުން ނުވާނޭގޮތް ހެދިން،" ނަސީމް ވިދާޅުވިއެވެ. "އަޅުގަނޑުމެން މިއުޅެނީ ދިރޭއެއްޗެއްގެ މަތީގައި. ކޮރަލްތައް މަތީގައި. އެއިން އަޅުގަނޑުމެންނަށް ދިރުން ލިބެނީ. އެއީ އަޅުގަނޑުމެންގެ ލައިފް، އަޅުގަނޑުމެންގެ ދިރިއުޅުން ބައްޓަންކޮށްދޭ ހުރިހާ އެއްޗަކީ."
ރާއްޖޭގައި ރަށްތަކާއި ފަޅުތައް ހިއްކައިގެން ދިވެހީންނާއި ބޭރު މީހުން ދަނީ ގިނަ އަދަދަކަށް ރިސޯޓުތައް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
"ގަބޫލުފުޅު ކުރައްވަންވާނެ އެ ނަގަނީ ހަމަ އަޅުގަނޑުމެންގެ ފަސްކަން. އަޅުގަނޑުމެން އެއަށް އެއްވެސް އެއްޗެއް ޗާޖެއް ނުކުރަން. އަޅުގަނޑު މިވާހަކަ ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވިން. ހިލޭ ވެލިނަގައިގެން ބޭނުން ކުރަނީ. އަޅުގަނޑުމެން ހިލޭ ދޭ އެއްޗެއް. އަޅުގަނޑުމެންގެ ޖަޒީރާ ވަންތަކަމާއި އަޅުގަނޑުމެންގެ ރަށްތަކާ އެއްޗެތި ހަލާކުވާގޮތަށް އެއްވެސް ފަރާތަކުން ބޭނުންކޮށްގެން ނުވާނެ،" ނަސީމް ވިދާޅުވިއެވެ. "މިތަނަކީ އެއްވެސް ހާލެއްގައި އަވަހަށް ލާރިކޮޅެއް ހަދައިގެންދާން އަންނަ ތަނަކަށް ހަދައިގެން ނުވާނެ. މިތަނުގައި އުޅެން ވާނީ މިތަނަށް އިހުތިރާމު ކުރާ މީހުން. އަޅުގަނޑުމެންގެ އެންވައިރުމަންޓަށް އިހުތިރާމުކުރާ މީހުން ނޫނީ މިތަނުގައި އިންވެސްޓުކޮށްގެން ނުވާނެ."
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށް ފުރި ބާރުވަމުން ދާތީ އާއި ރިސޯޓުތައް ހަދަން ފަޅު ހިއްކަމުންދާތީ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމުގެ ޝަކުވާތައް ދަނީ އިތުރުވަމުންނެވެ. ނަމަވެސް ތިމާވެއްޓަށް އެންމެ ކުޑަކޮށް ގެއްލުން ލިބޭނެ ގޮތްތަކަށް ބަލައިގެން ބިންހިއްކައި ތަރައްގީ ކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުން މިހާރު ވަނީ އާއްމު ކަމަކަށް ވެފައެވެ.