ads
ޕޮލިސް ބޯޑުން ވަކި ކުރަން ނިންމި ފަސް އޮފިސަރެއް
ބަސް ބުނުމުގެ ފުރުސަތެއް ނުލިބޭ: ވަކިކުރަން ނިންމި 5 އޮފިސަރަކު ކޯޓަށް!
ޝަރީއަތުން ގޮތެއް ނިންމަންދެން ވަޒީފާއިން ވަކި ނުކުރެވޭ ވަގުތީ އަމުރަކަށް އެދުނު
ޕޮލިސް ބޯޑުން ވަކި ކުރަން ނިންމާފަައިވާ ފުލުހުންގެ އިސް ހަތް އޮފިސަރުންގެ ތެރެއިން ފަސް އޮފިސަރަކު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
Advertisement

ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސް ކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުންނެވެ. މި އޮފިސަރުންނަށް ކުރެވުނު ތުހުމަތުތައް، ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން ބަލައި ފިޔަވަޅު އަޅަން ލަފާ ދެއްވީ މިދިޔަ އޮގަސްޓް ނުވަ ވަނަ ދުވަހު އެވެ. 

ވަޒީފާއިން ވަކިކުރަން ޕޮލިސް ބޯޑުން އޭރު ލަފާ ދިން އޮފިސަރުންނަކީ:

  1. ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު
  2. އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ
  3. ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު
  4. އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު
  5. އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު
  6. ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމް
  7. ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް

ހަތް އޮފިސަރަކު ވަޒީފާއިން ވަކިކުރަން އޭރު ލާފާދީފައިވީނަމަވެސް މިހާތަނަށް ވަޒީފާއިން ވަކިކުރަން ނޯޓިސް ފޮނުވާފައިވަނީ ޖަމްޝީދަށާއި، އޭސީޕީ އަހްމަދު މުހައްމަދަށެވެ.

އެ ދެ ބޭފުޅުން ވެސް ހިމެނޭ ގޮތަށް ސިވިލް ކޯޓަށް ފަސް އޮފިސަރުންގެ ފަރާތުން މައްސަލަ ހުށަހެޅީ މިދިޔަ ހޯމަ ދުވަހުއެވެ. މައްސަލާގައި ބައިވެރިވާ އަނެއް ތިން އޮފިސަރުންނަކީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ޝަމީމް އާދަމް އާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް އަދި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު އެވެ.

އެ ކޯޓުން މިހާރު ވަނީ އެ މައްސަލަ ބަލައިގަނެފަ އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފަސް އޮފިސަރުން ތަމްސީލުކުރާ ދިވެހި ޗެމްބާސްއިން ނެރުނު ބަޔާނެއްގައި ބުނީ އެ އޮފިސަރުންކުރެ އެއްވެސް އޮފިސަރަކަށް އަމިއްލަ ދިފާއުގައި ބަސްބުނުމަށާއި، ޖަވާބުދާރީވުމުގެ ފުރުސަތު ލިބިފައިނުވާ ކަމަށެވެ.

އެކަމުގެ ސަބަބުން އޮފިސަރުންގެ ދުސްތޫރީ އަދި ގާނޫނީ ހައްގުތަކެއް ގެއްލިފައިވާކަން ވަކީލުން ފާހަގަ ކުރައްވަ އެވެ. ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅީ އަމިއްލަ ދިފާއުގައި ބަސްބުނުމަށާއި، ޖަވާބުދާރީވުމުގެ ފުރުސަތު ލިބިފައިނުވާތީއާއި، އެމައްސަލަ  ފިޔަވަޅު އެޅުމުގައި ގާނޫނީ ގޮތުން ބޮޑެތި ފުށުއެރުންތަކެއް އިޖުރާއީ ގޮތުން ވެސް ހުރުމާއިއެކު ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. 

މީގެ އިތުރުން, ޝަރީއަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން އޮފިސަރުން ވަޒީފާއިން ވަކިކުރުމާގުޅޭ އެއްވެސް ކަމެއް ނުކުރުމަށާއި، ވަޒީފާ އަދާކުރުމުގެ ހައްގަށް ހުރަސްއެޅިދާނެ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުންގެ އިދާރާއަށާއި ފުލުހުންގެ ބޯޑުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ވަގުތީ އަމުރަކަށް ވެސް ވަނީ އެމައްސަލާގައި އެދިފަ އެވެ.

އޮފިސަރުން ވަކިކުރުމާ ގުޅޭ ގޮތުން ޕޮލިސް ބޯޑުން މީގެ ކުރިން ނެރުނު ބަޔާނުގައި ބުނީ ދިވެހި ފުލުހުންގެ ހިދުމަތުގައި ތިބި ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިންޓެންޑެންޓް އިން ފެށިގެން މަތީ ރޭންކްތަކުގެ އޮފިސަރުން، ފުލުހަކަށް ވީތީ އެ މީހުންނަށް ލިބިދީފައިވާ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭތޯ ބަލާފައިވާ ކަމަށެވެ. އަދި ލާއިންސާނީ އަނިޔާވެރި އަމަލެއް އަދި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ވެސް ބެލި ކަމަށާއި، އެތަނުގައި ތިބީ ނަޒާހަތްތެރި އޮފިސަރުންތޯ ކަށަވަރުކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ. 

ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުގެ ނިންމެވުން ތަންފީޒުކުރައްވަން ޖެހެނީ ޕޮލިސް ކޮމިޝަނަރަށެވެ. ސީޕީ ހަމީދު މީގެ ކުރިން ވިދާޅުވެފައިވަނީ އޮފިސަރުން މަގާމުން ވަކި ކުރާނީ ބަލަންޖެހޭ ކަންކަން ބަލައި ދިރާސާކުރުމަށްފަހު އެވެ.

ނިންމުން ތަންފީޒުކުރުމަށް ގާނޫނުގައި ކޮމިޝަނަރަށް ވަކި މުއްދަތެއް ދީފައެއް ނެތެވެ. ދެ އޮފިސަރަކާމެދު ކޮމިޝަނަރު ގޮތް ނިންމަވާފައިވާއިރު, ދެން ތިއްބެވި ފަސް އޮފިސަރުންނާ ގުޅޭ ގޮތެއް އަދި ގޮތެއް ނުނިންމަވަ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް