ބިދޭސީންތަކެއް ހިދުމަތް ހޯދުމަށް ކިއު ޖެހިފައި
ތައުލީމަށް ހޭދަ ކުރުން، ބިދޭސީން ބޭރު ކުރުން: ބްރިޖަށް ވުރެ މުހިއްމު ކަންކަން ނޫން ބާ؟
Share
ދިވެހިންނަށް މުހިއްމީ ދިވެހީންގެ ދަރީންގެ ތައުލީމު ހެއްޔެވެ؟ ދިވެހި ގައުމުގައި ދިވެހީންނަށް ވުރެ މަތީގައި ގަވައިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީން ބޭރު ކުރުން ހެއްޔެވެ؟ ނުވަތަ ޑްރަގްގެ މައްސަލަ ހައްލު ކުރުން ހެއްޔެވެ؟ ނުވަތަ ހަމަ ބްރިޖެއް އެޅުންހެއްޔެވެ؟
Advertisement

ބްރިޖް އެޅުމަކީ ދިވެހީންގެ އިގްތިސާދަށް ކިތަންމެހާވެސް ބޭނުންތެރި ކަމެކެވެ. ރައީސް ޔާމީނުގެ ސަރުކާރުގައި އެކަން އެއޮތީ ކޮށްފައެވެ. އޭގެ މަންފާ ދިވެހީންނަށް ބޮޑެވެ. އަދި އެކަމުގެ ސަބަބުން ވިޔަފާރިވެރީންނަށް ލިބެމުން އަންނަ ފަސޭހަތައް ވެސް ގިނަ އެވެ. އަދި އޭގެ އިތުރުން މުނިފޫހިފިލުވާލުމަށް ދިގު ދުއްވުން ދުއްވާލަ ޒުވާނުންނަށް ލިބޭ ހިތްހަމަ ޖެހުންވެސް ގިނަ އެވެ.

އެއް ފަޅެއްގެ ތެރޭގައި ފާލަމަކުން ގުޅާލެވޭގޮތައް ހުރި މީހުން ދިރިއުޅޭ ރަށްތައް ފާހަގަކޮށް، އެ ރަށްތައް އެއްރަށް އަނެއް ރަށާ ފާލަމަކުން ގުޅާލުމުގެ މަސައްކަތް ކުރުމަކީ މިސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެން ނަމަވެސް ސިޔާސަތުގެ ތަރޭގައި މިނޫން ވެސް ބައިވަރު ކަންކަން ކުރަން އެބަހުއްޓެވެ. 

ތައުލީމަށާއި ސިއްހަތަށް ވެސް ފައިދާ ހުރިކަންކަން ކުރަން އެބަހުއްޓެވެ. އެހެން ނަމަވެސް އިސްކަން ދީފައި ހުރީ މުހިންމު ކަންކަމަށް ހެއްޔެވެ. "ސިމެންތި" ޖެހުމަށެވެ. ބަނދަރުތައް ހެދުމާއި އިމާރާތްތައް ހެދުމަށެވެ. ރާއްޖެ "ސިމެންތި ޖަންގައްޔަކަށް" ބަދަލުކުރުމަށެވެ. އިޖްތިމާއީ ބަލިތަކަށް ފަރުވާ ދިނުމަށްވުރެ ބަޖެޓުގައި އިސްކަން ދީފައިހުރީ ރާއްޖެއަށް ސިމެންތި އެޅުމަށެވެ. މީގެ ކުރިން ސިމެންތި ޖަންގައްޔަކަށް ހަދާފައިވަނީ ރާއްޖޭގެ ވެރިރަށް މާލެއެވެ. ދެން އޮތީ މުޅި ރާއްޖެއެވެ. 

your imageގަލޮޅުދަނޑު ސަރަހައްދުގައި އެއްވެ ތިބި ބިދޭސީން/ ފޮޓޯ:ޓްވިޓާ، ޓެޑްމޯލްޑިވްސް

އެކަން ފާހަގަ ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މާލޭ މެންބަރު އިބްރާހީމް އިސްމާއީލު ވިދާޅުވީ ބްރިޖެއް އެޅުމަށް ވުރެ މިވަގުތައް މުހިއްމީ ތައުލީމަށް ހޭދަކުރުން ކަމަށެވެ. 

އިބްރާ ވިދާޅުވީ މި މުޖުތަމައު އަކީ ތައުލީމީ މުޖުތަމައަކަށް ހަދަން އެބަޖެހޭ ކަމަށެވެ. ތައުލީމީ މުޖުތަމައުއެއް ކަމަށް މާނަ ކުރައްވަނީ ޖީސީއީ އޯލެވެލް ހެދުމަށް ފަހު ބިޒްނަސް ސްޓްރީމްގެ އިމްތިހާންތައް ހަދާ ކުދިންތަކެއް އިތުރު ކުރުމުގެ ވާހަކަނޫން ކަމަށް އިބްރާ ވިދާޅުވިއެވެ. 

"އެއަށްވުރެ ރަނގަޅު، ފެންވަރު މަތީ އަމިއްލަ ކްރިޓިކަލް ތިންކިން ހުރި ރައްޔިތެއް އުފެއްދުން. އެމެރިކާ ގައި އެކަން ކޮށްގެން އެއުޅެނީ އެހެން އިނގިރޭސި ވިލާތުގައި އެކަން ކޮށްގެން އެއުޅެނީ އެހެން. ދުނިޔޭގެ ވަރުގަދަކޮށް މިފެންނަ ޑިމޮކްރަސީތަކުގައި، އެހިސާބަށް އެމީހުން އައީ އެމީހުންގެ ޕަބްލިކް އެޑިޔުކޭޝަން ސިސްޓަމް ތަކުގެ ތެރެއިން" ކްލަބް ހައުސްގެ ފޯރަމެއްގައި ވާހަކަ ދައްކަވަމުން އިބްރާ ވިދާޅުވިއެވެ. 

ރާއްޖޭގައި ތައުލީމީ ނިޒާމް ވަރުގަދަ ނޫންކަން ފާހަގަ ކުރައްވަމުން އިބްރާ ވިދާޅުވީ އެދާއިރާއަށް ރިސޯސަސް ލިބިފައިނުވާ ކަމަށާއި، ބަޖެޓުން އެއަށް އިތުރު ކުރަން ޖެހޭކަމަށެވެ.

އިބްރާ ވިދާޅުވީ މިއީ ގައުމެއްގެ ގޮތުގައި ނިންމަންޖެހޭ މުހިއްމު ނިންމުން ތަކެއް ކަމަށާއި، ރާއްޖޭގައި އެފެންވަރުގެ ޓީޗަރުން ނެތްކަމަށް ވަންޏާ ރާއްޖޭން ބޭރުން އެފެންވަރުގެ ޓީޗަރުން ގެނެސްގެން، އިތުރު ހޭދަ ކޮށްގެންވެސް ތައުލީމު ވަރުގަދަކުރުން، ތިލަފުއްޓަށް ބްރިޖެއް އެޅުމަށްވުރެ މާމުހިއްމުކަމަށް އިބްރާ ވިދާޅުވިއެވެ. ސަބަބެއް ކަމަށް އިބްރާ ވިދާޅުވީ އިޖްތިމާއީ ހެޔޮބަދަލެއް އަންނާނީ އޭރުން ކަމަށާއި، ޑިމޮކްރަސީއަށް ހެޔޮ އަސަރުތަކެއް ކުރާނީ އޭރުން ކަމަށެވެ. 

އިބްރާ ވިދާޅުވީ ޑިމޮކްރަސީ އަށް ހެޔޮ ބަދަލު ތަކެއް އަންނާނީ އާންމުން އެއަށް ހޭލުންތެރިވީ މިންވަރަކަށް ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކަށް ވެސް އެކަށީގެންވާ ހެޔޮ ބަދަލުތަކެއް އަންނާނީ އޭރުން ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ޑިމޮކްރަސީ އެއްގައި ނިންމުންތައް ނިންމާނީ ރައްޔިތުން ކަމަށާއި ނިންމުން ނިންމަން ތިބޭ މީހުން ހޭލުންތެރިވީ ވަރަކަށް ޑިމޮކްރަސީ ވަރުގަދަ ވެގެން ދާނެކަމަށެވެ. ތެދެކެވެ. ރާއްޖޭގެ ޑިމޮކްރަސީއަށްޓަކައި ތައުލީމީ ދާއިރާ ވަރުގަދަ ކުރަން ޖެހެއެވެ.  

އެހެން ނަމަވެސް ސަރުކާރުގެ ވިސްނުން ހުރީ އެހެން ބާވައެވެ؟ ބަޖެޓުން ހޭދަކުރަން ރޭވިފައިވާ ގޮތަށް ބަލާއިރު އެ މަންޒަރު އެހާ ސާފު ނުވާކަމަށް ވެ އެވެ. އިޖްތިމާއީ ބަލިތައް ހައްލުކުރުން އިހަށް ބައްޓާށެވެ. ރާއްޖޭގެ އެންމެ މުހިއްމު ދެ ދާއިރާ ކަމަށްވާ ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާއަށް ކުރާ ހޭދަ އާ ގާތްގަނޑަކަށް އެއްވަރުގެ އަދަދެއް ސިނާއީ ޕްރޮޖެކްޓްތައް ހިންގުމަށް ހޭދަ ކުރުމަށް ވަނީ ނިންމާފައެވެ. 

your imageހައްޔަރުކުރި ބިދޭސީން-- ފޮޓޯ: ޕީއެސްއެމް ނިއުސް

އެ ނިންމުންތައް އެހެން ހުރިއިރު ރާއްޖޭގެ އިޖްތިމާއީ ކަންކަން ހުރީ ބޮއްސުން ލާފައެވެ. ވަކި ދިމާއެއް ނެތެވެ. ޑްރަގްގެ ވަބާއެވެ. ބިދޭސީންގެ މައްސަލައެވެ. މިނޫން ވެސް އެތައް މައްސަލަތަކެއް ދުވަހުން ދުވަހަށް އިތުރު ވަމުންދާއިރު ސިޔާސަތުތައް ކަނޑައެޅެނީ އެހެން ދިމާއަކަށެވެ. 

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ގައުމީ ބޮޑު އެއްމައްސަލައެވެ. އެތައްޒަމާނެއް ވަނަދެން ފާރު ނުހިކި ތާޒާކަމާއެކު ހުރި ފާރުގަނޑެކެވެ. ފަރުވާ އެބަހުރި ކަމަށް ވެރިކަމަށް އަންނަ ކޮންމެ ބަޔަކުވެސް ބުނެއެވެ. ވެރިކަމަށް އައުމަށް ފަހު ގޮތް ހުސްވެއެވެ. 1989 ން ފެށިގެން ގެންނަންފެށި ބިދޭސީންގެ މައްސަލަ ދުވަހަކަށްވުރެ ދުވަހެއް ދިޔައީ ގޯސް ވަމުންނެވެ. މިއަދާ ހަމައަށް އައިއިރު ގަވައިދާ ހިލާފަށް ބިދޭސީން ތިބި އަދަދެއް ބުނަން އެނގޭ ދިވެއްސަކު މިގައުމަކު ނެތެވެ. އެހެންވެ އަދަދުތައް ކިޔާކަށް ނެތީމެވެ. އެކަމަކު މައްސަލަތައް އުފެދޭ މިންވަރު މަގުމަތިން އެބަފެނެއެވެ. 

އިހަކަށް ދުވަހު ފެށުނު ސާފް ޗެމްޕިއަންޝިޕްއާ ގުޅިގެންވެސް އެތައް މައްސަލަތަކެއް ދަނީ ފެންނަމުންނެވެ. އެނގޭ ކަމަކީ ރާއްޖޭގެ މަސައްކަތް ކުރާ އުމުރުގެ ފިރިހެން އާބާދީ އަށްވުރެ އެމީހުންގެ އެއުމުރުގެ ފިރިހެން އާބާދީ ގިނަވާނެކަމެވެ. މަސައްކަތްތަކުގެ މުޅި ކޮންޓްރޯލް އެމީހުން އަތުގައި އެއޮތީ އެހެންވެގެންނެވެ. މިމައްސަލައަށް ހައްލެއް ގެންނަން ޖެހެނީ އެހެންވެގެންނެވެ. 

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގައިވެސް ބިދޭސީންގެ މައްސަލަތައް އިންތިހާއަށް އެބަހުރި ކަމަށެވެ. އަދި މަސްތުކވާތަކެތީގެ މައްސަލައަކީ ވެސް އެފަދަ މައްސަލައެއް ކަމަށެވެ. އެހެންނަމަވެސް ނިޒާރު ގަބޫލު ކުރައްވާ ގޮތުގައި ބްރިޖްގެ މަސައްކަތް ހުއްޓާލާކަށް ނުޖެހެއެވެ. އެއީ ގައުމީ ތަރައްގީއަށް ކުރެވޭ މަސައްްކަތަކަށް ވާތީ އެކަން ހުއްޓާލަން ނުޖެހޭ ކަމަށް މޭޔަރު ވިދާޅުވިއެވެ. އެކަމަކު އޭނާ ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ގައުމީ ބޮޑު މައްސަލައެއް ކަމަށާއި، ހައްލު ކުރަން ޖެހޭ މައްސަލައެއް ކަމަށެވެ. އަދި އެއީ ހައްލު ކުރެވޭނެ މައްސަލައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

your imageއައްޑޫ މޭޔަރު އަލީ ނިޒާރު-- ފޮޓޯ: އައްޑޫ ލައިވް

ތެދެކެވެ. މައްސަލަ ހައްލު ކުރެވޭނެއެވެ. އެންމެންވެސް ބުނަނީ އެހެންނެވެ. އާ ގާނޫނު އަސާސީގެ ދަށުން އައި ހުރިހާ ސަރުކާރަކުން ވެސް ބުނަމުން އައީ އެހެންނެވެ. އެކަމަކު ހައްލެއް ފެންނަން އެބައޮތް ހެއްޔެވެ. ބްރިޖް އެޅިއްޖެއެވެ. ބިދޭސީންގެ މައްސަލައަށް ހައްލެއް ނައެވެ. އެއާޕޯޓު އެޅިއްޖެއެވެ. ބިދޭސީންގެ މައްސަލައަށް ހައްލެއް ނައެވެ. އެތައް މިލިއަނަކުން ދައުލަތަކުން ވައްކަން ކޮށްފިއެވެ. ބިދޭސީންގެ މައްސަލައަށް ހައްލެއް ނައެވެ. 

ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ ބްރިޖެއް އެޅުމަށްވުރެ މުހިއްމީ ގަވައިދާ ހިލާފަށް ތިބި ބިދޭސީން ފޮނުވުން ކަމަށެވެ. އޭނާ ވިދާޅުވީ އެރަށުގައި ގްރޫޕްތައް ހަދައިގެން ތަފާތު މަސައްކަތްތައް އެމީހުން އަގު ވައްޓައިގެން ކުރަމުންދާ ކަމަށެވެ.

ސީއެންއެމް އާ ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ އެސިޓީއަށް ވެސް ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އެހެންވެ، އެސިޓީން ހަދަމުންގެންދާ ފަސް އަހަރު ދުވަހުގެ ޕްލޭންގައި އެ މައްސަލަ ހައްލު ކުރުމަށް ބޮޑު އިސްކަމެއް ދީގެން ގިނަ ކަންތައްތަކެއް ކުރަން ނިންމާފައިވާކަމަށެވެ.  

"ފަސްއަހަރުގެ ޕްލޭންގައި އެކަން ރެގިއުލޭޓް ކުރަން މުހިއްމު ކަންތައްތަކެއް އަޅުގަނޑުމެން ހިމަނާފައި ހުންނާނެ. ބިދޭސީން އުޅޭ ތަންތަން ދަފްތަރު ކުރުމާއި، އެގްރީމެންޓްތައް ރަނގަޅަށް ހެދިފަ ހުރިތޯ ބެލުމާ ވަރަށް ގިނަ ކަންތައްތަކެއް ހުންނާނެ. އަޅުގަނޑުމެން ގަބޫލު ކުރަނީ ވަރަށް ބޮޑަށް މިމައްސަލަ ހައްލުވާނެކަމަށް މި ޕްލޭންގެ ސަބަބުން،" މޭޔަރު އާތިފް ވިދާޅުވިއެވެ.  

ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އެހެން ހުރިހާ ކަމެއް ހުއްޓާލާފައިވެސް މިމައްސަލަ ހައްލު ކުރުމަށްޓަކައި މަސައްކަތް ކުރަން ޖެހެއެވެ. ކުރީގައި ދައްތަ ބުނެގެން ބޭބެ ބުނެގެން ކިޔަމަންތެރިކަމާއެކު މަސައްކަތް ކޮށްގެން އުޅުނު ނަމަވެސް މިއަދު ބިދޭސީން އެދަނީ ދިވެހީންނާ ކެރިގެން ކުރިމަތި ލަމުންނެވެ. ދިވެހި ފުލުހުންނާ ކުރިމަތިލަމުންނެވެ. ބްރިޖް ހެދުމާއި ބަނދަރު ހެދުމަށްވުރެ މިކަން މުހިއްމު ވަނީ އެހެން ވެގެންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް