ނިދާ ގަޑިއާ ކައިރިކޮށް ކަސްރަތު ކުރުމުން ނިދުމަށް ހުރަސް އެޅުމާއި ރަނގަޅަށް ނިދުމަށް އުނދަގޫތަކާ ކުރިމަތިވާކަން ދިރާސާތަކުން ދައްކާ ގޮތަށް ނިދުމުގެ ދެ ގަޑިއަށްވުރެ ކުރިން ނޫންނަމަ އެއަށްވުރެވެސް ކުރިން ކަސްރަތު ކުރާ މީހުންނަށް ފަސޭހަކޮށް އަދި އަރާމުކޮށް ނިދާލެވޭ ކަމަށް ވެސް އެ ދިރާސާއިން ވަނީ ހާމަވެފަ އެވެ.
ނިދުމާއި ކަސްރަތާ ގުޅޭގޮތުން ކެނެޑާގައި ހެދި ދިރާސާއިން ހާމަވެފައި ވަނީ ރޭގަނޑު ކަސްރަތު ކުރާނަމަ ނިދުމުގެ ދެގަޑިއިރު ކުރިން ނުވަތަ އެއަށްވުރެވެސް ކުރިން ކަސްރަތުކޮށް ނިންމާލުމަކީ ފައިދާ ހުރި ކަމެއްކަމެވެ.
ފިޓްނަސް ކުލަބުތަކަށާއި ޖިމްތަކަށާއި ކަސްރަތު ކުލާސްތަކަށް ވަރަށް ގިނަ ބަޔަކަށް ދާން އާދަވެފައި ވަނީ ދުވާލުގެ ބުރަ މަސައްކަތަށް ފަހު ރޭގަނޑުގެ ވަގުތުތަކުގަ އެވެ.
ކެނެޑާގެ ކޮންކޯޑިއާ ޔުނިވަރސިޓީގެ ސައިންސްވެރިން ކުރި ތަހުގީގުތަކުގައި ކަސްރަތާއި ނިދުމާ ގުޅޭ ގޮތުން މާޒީގައި ހަދާފައިވާ 15 ދިރާސާތަކަށް ވެސް ބަލާފައިވެ އެވެ. އެ ދިރާސާގައި 194 މީހުންނާއި ސުއާލުކޮށް މައުލޫމާތު ހޯދާފައިވެ އެވެ. އެއީ 18-50 އަހަރުގެ މީހުންނެވެ.
ދިރާސާތަކުގެ ނަތީޖާއަށް ބެލުމަށްފަހު ތަޖުރިބާކާރުން އެދިފައި ވަނީ ހުރިހާ ބާވަތެއްގެ ކަސްރަތު ކުރާ މީހުން ވެސް މަދުވެގެން ނިދުމުގެ ދެ ގަޑިއިރު ކުރިން ކަސްރަތުކޮށް ނިންމުމަށެވެ.