ads
މުހައްމަދު ވަހީދު (ވައްޑެ) - ފޮޓޯ: ސަން
އަތޮޅު އުވާލުމަކީ ރާއްޖޭގެ ހާސް އަހަރުވީ މުހިންމު ސިފައެއް އުވާލުން: ވައްޑެ
އަތޮޅު އުވާލުމަކީ ރާއްޖޭގެ ހާސް އަހަރުވީ މުހިންމު ސިފައެއް އުވާލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
Advertisement

ރަށު ކައުންސިލްތަކުގެ މެންބަރުންގެ އަދަދު ކުޑަކޮށް، އަތޮޅު ކައުންސިލް އުވާލުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް މުއިއްޒު އެކި ފޯރަމްތަކުގައި މީގެ ކުރިން ވާހަކަފުޅު ދައްކަވާފައިވެ އެވެ. މި ދެ ބަދަލާ ގުޅޭ ގޮތުން ރައީސް ފަހުގެ ތަފްސީލެއް ދެއްވީ އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މަތިވެރީގައި ރޭ ބެއްވި ޖަލްސާގަ އެވެ.

ލާމަރުކަޒީ ގާނޫނަށް މި ފަހުން ބޮޑެތި އިސްލާހުތަކެއް ގެނެސް، ކައުންސިލްތަކަށް ދީފައިވާ ބާރުތައް ހަނިކުރި އެވެ. ބައެއް ކައުންސިލްތަކުންނާއި އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އަވަސް އަރުވާލައިގެން މަޖިލީހުން ފާސްކުރި އެ ބިލު ރައީސް މިދިޔަ ހަފްތާގައި ތަސްދީގު ކުރައްވާފައިވާއިރު، ރޭ ވެސް ރައީސް ވަނީ އެ އިސްލާހުގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފަ އެވެ. 

ރައީސް ވިދާޅުވި ގޮތުގައި، ލާމަރުކަޒީ ނިޒާމަށް މި ގެންނަ ބަދަލުތަކަކީ ކައުންސިލްތައް ޒިންމާދާރުކަމާ އެކު މަސައްކަތްކޮށް، މި ނިޒާމު އިތުރަށް ވަރުގަދަ ކުރުމެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެގޮތަށް އޮތް އެއް ފަށަލައަކީ އަތޮޅު ކައުންސިލް އެވެ. 

"އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން، އެއްވެސް ބޭނުމެއް އޮތް އެއްްޗެއް ނޫން، އެހެންވީމާ ގާނޫނުއަސާސީ އަޅުގަނޑުމެން އިސްލާހު ކުރާނަން. ގާނޫނުއަސާސީ އިސްލާހު ނުކޮށެއް ނެތް މިކަމެއް ވާކަށް، އަތޮޅު ކައުންސިލްތައް އުވާލުމެއް" އެ ވާހަކައަށް ކޮންމެ ރަށެއްގެ ކައުންސިލަކުން ވެސް ހެކިވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަތާކާއި ގުޅިގެން ވަހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެންމެ އިހުގެ ލޯމާފާނުތަކުން ވެސް އެނގެން އޮތީ ރާއްޖޭގެ އިދާރީ ބޭނުމަށް އަތޮޅުތަކެއްގެ ގޮތުގައި ރަށްތައް ގްރޫޕުކޮށްފައިވާ ކަން ކަމަށެވެ.

"އަތޮޅު އަކީ އިނގިރޭސި ބަހަށް ނަކަލުކުރެވިފައިވާ ހަމައެކަނި ދިވެހިބަސް. އަތޮޅު އުވާލުމަކީ ރާއްޖޭގެ ހާސް އަހަރުވީ މުހިންމު ސިފައެއް އުވާލުން،" އޭނާ ވިދާޅުވި އެވެ.

އަތޮޅު ކައުންސިލްތައް އުވާލައިފި ނަމަ ޒަމާނުއްސުރެ ރާއްޖޭގައި އޮތް ދައުލަތުގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ވަރަށް ބޮޑު ބަދަލެއް ކުއްލިއަކަށް އަންނާނެ އެވެ. އަތޮޅު ކައުންސިލްތަކަކީ ޒަމާނުއްސުރެ ވެސް ދައުލަތުގެ އިދާރީ ހިންގުމުގައި އެކުލަވާލާފައިވާ އަދި މުހިންމު ދައުރެއް އަދާކުރި އަދި ބާރުވެސް ދީފައި އޮތް މުއައްސަސާއެކެވެ.

ސަރުކާރުން ލާމަރުކަޒީ ގާނޫނު އިސްލާހު ކުރަން މިހާރު ނިންމާފައި ވަނީ 2،000 އިން ދަށުގެ އާބާދީގެ ރަށްރަށުގައި ތިން މެމްބަރުންގެ ކައުންސިލެއް އަދި 2،000 އަށް ވުރެ އާބާދީ ބޮޑު ނަމަ ފަސް ކައުންސިލަރުން ތިއްބަވާ ގޮތަށެވެ. އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ވެސް ގެންގުޅެނީ އެ ރޭޝިއޯ އެވެ. އެކަމަކު، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާގެ މަގާމަށް މުޅި ރަށުގެ ރައްޔިތުން ވޯޓުލައިގެން މީހަކު އިންތިހާބު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެއީ ފުލްޓައިމް ވަޒީފާއަކަށް ހަދަން ގާނޫނު އިސްލާހު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއީ އަންހެނުން ބާރުވެރި ކުރުވަން އަޅުގަނޑުމެން ކުރާ ކަމެއް. ވަރަށް ގިނަ ޑަބްލިއުޑީސީތަކަށް ދިމާވާ ވަރަށް ގިނަ މައްސަލަ ހައްލު ވާނެ މިކަން ކުރީމާ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް، ސިޓީ ކައުންސިލްތަކަށް ގެންގުޅޭނީ ގާތްގަނޑަކަށް މިހާރު ވެސް އޮތް ނިޒާމު ކަމަށް ރައީސް މުއިއްޒު ރޭ ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް މިފަހުން ގެންނަ ގިނަ ބަދަލުތަކަށް ކައުންސިލްތަކާއި އިދިކޮޅުގެ ހިޔާލު ތަފާތުވުން ވަރަށް ބޮޑުވެފައިވާއިރު "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގާނޫނު އަސާސީ އިސްލާހްކޮށް އަތޮޅުތަކުގެ ހިންގުން މިހާރަށްވުރެ ވަރުގަދަކޮށް އަތޮޅުގެ ވަސީލަތް ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަށް ގާނޫނޫ އަސާސީ ބަދަލުކުރުމަށް ހުށައެޅުން ތަކެއް ހިމަނާ ކަރުދާހެއް ސިޔާސީންނާއި ރައްޔިތުންގެ ހިޔާލަށް ދޫކޮށްލައިފަ އެވެ. އެގޮތުން އެދޭ ރާއްޖެ ކަރުދާހުގައި ބުނާ އަތޮޅު ހިންގުމަކީ...

  1. އަތޮޅު ހިންގުން

މައްސަލަ: 

ދިވެހިރާއްޖޭގެ ހުރިހާ ވަސީލަތެއްހެން، ދައުލަތުގެ ބަޖެޓާ ގުދުރަތީ ވަސީލަތްތައް ކޮންޓްރޯލް ކުރަމުންދަނީ މައި ސަރުކާރުންނެވެ. އަދި އޭރެއްގެ ސަރުކާރު ހިންގުމާ ހަވާލުވާ ފަރާތްތަކުން މި ވަސީލަތްތައް ނަހަމަ ގޮތުގައި އަމިއްލަ ނުވަތަ އެފަރާތްތަކުގެ ސިޔާސީ މަންފާއަށް ބޭނުންކުރާ ކަމުގެ ޝަކުވާ ކުރެވެއެވެ. މިގޮތަށް ދައުލަތުގެ މާލީ އަދި  ގުދުރަތީ ވަސީލަތްތައް މަރުކަޒީ ބާރުގެ ދަށުގައި އޮތުމަކީ މުޅި ރާއްޖޭގެ ތަރައްގީއަށް ހުރަސް އެޅި، ތަރައްގީ މަރުކަޒުވެ، މާލެ ސަރަހައްދު ތޮއްޖެހި، ރައްޔިތުންގެ މެދުގަ ފަރަގު ބޮޑުވަމުންދާން މެދުވެރިވާ ސަބަބެކެވެ.

'އެދޭ ރާއްޖެ' ހުށަހެޅުން: 

އަތޮޅު ހިންގުމަކީ ގާނޫނު އަސާސީން ބާރު ލިބިގެން ގައުމީ ތަސައްވަރު ހާސިލު ކދިގު ރާސްތާގެ ގައުމީ ތަރައްގީގެ ޕްލޭނަށް ވާސިލުވުމަށްޓަކައި އަތޮޅު ތަރައްގީކޮށް ހިންގުމަށް އަތޮޅުތަކުގައި ގާއިމު ކުރާ ހިންގުމުގެ ނިޒާމެއްގެ ގޮތުގައި ކަނޑައަޅައި، ވީހާވެސް ހަމަހަމަކޮށް ދައުލަތުގެ ހިދުމަތްތަކާ ތަރައްގީ ވާސިލުކޮށް، ތަރައްގީގެ ދުވެލި އަވަސްކޮށް، ވީހާވެސް ގިނަ ރައްޔިތުން ތަރައްގީގެ ކަންކަމުގައި ބައިވެރި ކުރުވުމަށް ތިރީގައިވާ ކަންކަން ހުށަހަޅަމެވެ.

  1. ކައުންސިލްތަކާ، މަދަނީ މުޖުތަމައުއާ، ރައްޔިތުންގެ މައުނަވީ ބައިވެރިވުމާއެކު ފަރުމާކޮށް ގައުމީ ތަރައްގީގެ ތަސައްވުރާ ޕްލޭންއެއް އެކުލަވާލާ، ގާނޫނީ ބާރުދިނުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން.
  2. އަތޮޅު ތަރައްގީ ކަށަވަރު ކުރުމާއި، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ގައުމީ ތަރައްގީގެ ޕްލޭން ތަންފީޒު ކުރުވުމަށްޓަކައި، އަތޮޅުގައިވާ ގުދުރަތީ ވަސީލަތްތައް ހިމެނޭގޮތުން ދައުލަތުގެ ވަސީލަތްތަކުގެ ހައްގު އިންސައްތައެއް ކައުންސިލްތަކަށް ލިބޭނެ ގޮތް ކަނޑައެޅުން (ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް މިހާރު ލިބެނީ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީގެ 5 އިންސައްތަ އަދި ބިމު ކުލީގެ 40 އިންސައްތަ).
  3. ދިގު ރާސްތާގެ ގައުމީ ތަރައްގީގެ ޕްލޭނަށް ވާސިލުވުމަށްޓަކައި އަތޮޅުގެ އިހުތިސާސާއި ބާރު ގާނޫނުއަސާސީގައި ކަނޑައެޅުން.
  4. އަތޮޅު ކައުންސިލްގެ ރައީސްއާއި ނައިބު ރައީސް ސީދާ އަތޮޅުން އިންތިހާބުކުރުން.
  5. އަތޮޅު ކައުންސިލް ރައީސް އަދި ނައިބު ރައީސް ދުވަހުން ދުވަހަށް މަސައްކަތަށް ނުކުންނަން ޖެހޭނެގޮތަށް ކަނޑައެޅުން.
  6. އަތޮޅު ކައުންސިލްގެ އެހެން މެމްބަރުންނަކީ ކައުންސިލް ބައްދަލުވުންތަކަށް ހާޒިރުވާ މީހުންކަމަށް ކަނޑައެޅުން.
  7.  ކައުންސިލްގެ އެކުލެވިގެންވަނީ އަތޮޅުގެ ކޮންމެ ރަށަކުން އިންތިހާބު ކުރާ ބައެއްކަމަށް ކަނޑައެޅުން.
  8. އަތޮޅު ހިންގުން ޔަގީން ކުރުމަށް އެކަމަށް ގާބިލް ފަރާތްތައް ކައުންސިލްތަކަށް ގެނައުމުގެ ބޭނުމުގައި އެފަރާތްތަކުގެ ޝަރުތުތަކާމެދު މަޝްވަރާ ކުރުން.

ނަތީޖާ: 

ހަރުދަނާ ލާމަރުކަޒީ ނިޒާމެއް އެކުލަވާލައި، އެކަށޭނަ ވަސީލަތް ގާނޫނުއަސާސީ މެދުވެރިކޮށް ދީފިނަމަ ތަރައްގީގެ ކަންކަމުގައި ގިނަ ރައްޔިތުންގެ ބައިވެރިވުން ކަށަވަރު ކުރެވި، ގައުމީ ތަރައްގީގެ ކަންކަމަކީ އޭރަކު އޮންނަ ސަރުކާރަކުން ކުއްލި ކުއްލިއަށް ހިންގާ މަޝްރޫއުތަކަކަށް ވުމުގެ ބަދަލުގައި ދުރާލާ ރޭވިގެން، ދިގު ރާސްތާގެ ތަސައްވުރަކާއެކު ހިންގާ މަޝްރޫއުތަކަށްވެ، މާލެ ސަރަހައްދަށް ތޮއްޖެހުން ކުޑަ ކުރެވި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ދުވެލި ހަލުވި ވެގެންދާނެ އެވެ.

"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ރާއްޖޭގެ ހިންގުމުގެ ނިޒާމް އިސްލާހީ މަގަށް އެޅުވުމަށްޓަކައި ރައްޔިތުންނާ، މަދަނީ މުޖުތަމައުއާއި، ކައުންސިލްތަކާއި މީޑިއާއާއި، ސިޔާސީ ޕާޓީތަކާއި، ޒުވާނުން ހިމެނޭހެން ދައުލަތުގެ ހިންގުންތެރީންގެ މެދުގައި ބަހުސް އުފައްދައި، އިސްލާހީ ހަރަކާތަކަށް މަގު ކޮށުމެވެ.  

އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ.

  • އެދޭ ރާއްޖެ ކަރުދާހަށް ހިޔާލު ފޮނުއްވުމަށް: [email protected]
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް